ބައިނަލްއަޤުވާމީ ހިތުގެ ދުވަސް ފާހަގަކޮށް، ހޭލުންތެރިކަން އިތުރު ކުރުމަށް ދިރާގުގެ ހިތް ދިއްލާލައިފި
މީސް މީޑިއާގައި ރޭ އެންމެ ގިނައިން ފެނުނު އެއްފޮޓޯ އަދި ވީޑިއޯ އަކީ ދިރާގު ހެޑް އޮފީސް ބިލްޑިންގ ގައި ދިއްލާފައިވާ ހިތެވެ.
ގިނަބަޔަކު ވަނީ ’ދިރާގުގެ ހިތް‘ ފޮޓޯނަގާ ރައްޓެހި ރަޙުމަތްތެރިންނަށް ފޮނުވާފައެވެ. މި ހިތްގައިމު މަންޒަރު ދިރާގުން ދައްކުވައިދިނީ ބައިނަލްއަޤްވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ހޭލުންތެރިކަން އިތުރު ކުރުމަށެވެ.
ކޮންމެ އަަހަރެއްގެވެސް ސެޕްޓެމްބަރ 29 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ހިތުގެ ދުވަސް ފާހަގަކުރުމަށް ނުވަތަ ވަރލްޑް ހާރޓް ޑޭގެ މުނާސަބަތުގައި ދުނިޔޭގެ މަޝްހޫރު ބިނާތަކާއި ބިލްޑިންގ ތައް ރަތް ކުލައިން ދިއްލުވާލާ ދުވަހެކެވެ.
ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ އެން ޖީ އޯ ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސް އިން ބުނާ ގޮތުގައި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 40 އިންސައްތަ ބޮޑެތި މީހުން އަދި ކުޑަ ކުދިން ޕްރިމެޗްއަރކޮށް މަރުވާ ސަބަބީ ހިތާއި ލޭނަރުތަކުގެ ބަލިތަކެވެ. އަދި މިއީ ހޭލުންތެރިކަން އިތުރު ކުރުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރުމަށް ބޭނުން ވެފައިވާ ކެމެކެވެ.
ދިރާގުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއަށް އެއްބާރުލުން ދީ ، މި އެންޖީއޯ އާއި ގުޅިގެން މަސައްކަތް ކުރަމުން ގެންދާ އިރު، ދިރާގުން ފާއިތުވި ރޯދަ މަހަށް ޚާއްޞަކޮށް މޯބައިލް ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް 2 ޑޭޓާ ޕެކެއް ތަޢާރަފް ކޮށްފައިވެއެވެ.
މީގެ އިތުރުން މި ބަންޑަލްތަކާއެކު ދިރާގުން ވަނީ ކޮންޖެނެޓަލް ހާރޓް ޑިޒީޒްއަށް ހޭލުންތެރި ކުރުމުގެ ގޮތުން ޚާއްޞަ ވީޑިއޯ އެއްވެސް މީސް މީޑިއާގައި ތަޢާރަފްކޮށްފައިއެވެ. މި ޑޭޓާ ބަންޑަލްތައް އެންމެ ޚާއްޞަވެގެން ދިޔަ ކަމަކީ ދިރާގު ކަސްޓަމަރުން މި ބަންޑަލްތައް ބައްލަވައިގަތުމުން އޭގެ އިންސައްތައެއް ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްއަށް ހަދިޔާ ކުރެވިގެންދިޔަކަމެވެ.
އެހެންކަމުން މި ބަންޑަލްތަށް އެކްޓިވޭޓްކުރައްވައިގެން ލިބުނު ފައިސާ ވެގެން ދިޔައީ ސީދާ ދިރާގު ކަސްޓަމަރުންގެ ފަރާތުން ނާޒުކު ކުދި ކުދި ހިތްތަކަށް ދެވުނު ހަދިޔާއަކަށެވެ.
އެގޮތުން މި ޑޭޓާ ބަންޑަލް ތަކުން ލިބުނު 411,068 ރުފިޔާ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ޓައިނީ ހާރޓްސް އޮފް ދަ މޯލްޑިވްސްއަށް ވަނީ ހަދިޔާ ކޮށްފައެވެ.
ޓައިނީ ހާޓްސް އޮފް ދަ މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް ޖީހާން އަހުމަދު (ޖީއްކޮ) ވިދާޅުވީ ”ދިރާގުގެ ފަރާތުން މިޚާއްޞަ ޕެކޭޖްގެ ޒަރިއްޔާއިން ވަރަށް ޚާއްޞަ ގޮތަކަށް ދިވެހި ރައްޔިތުން މެދުވެހިކޮށް ވެދެއްވި މި އެހީއަކީ އެއް މުއައްސަސާގެ ފަރާތުން މިހާތަނަށް ޓައިނީ ހަރޓްސް އަށް ވެދެއްވި އެންމެ ބޮޑު އެހީ ކަމަށެވެ.
’މީގެ ސަބަބުން ދުޅަ ހެޔޮ މުގުތަމަޢައެއް ބިނާ ކުރަން ޓައިނީ ހަރޓްސް އިން ކުރަމުން ގެންދާ މަސަކަތްތަކަށް އިތުރު ހިއްވަރެއް ލިބިގެންދިޔަ. އަދި ޓައިނީ ހާރޓްސް ގެ މެނޭޖްމެންޓާއި ކުދިންގެ ފަރާތުން ވަރަށް ބޮޑަށް ދިރާގަށް ޝުކުރު އަދާ ކުރަން.“ ޖީއްކޮ ވިދާލުވިއެވެ.