
އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ރަނިންގމޭޓުން ވޯޓު ލައްވައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ރަނިންގމޭޓުން ވޯޓު ލައްވައިފިއެވެ.
ރިޔާސީ އިންތިޚާބު 2018 ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހެނދުނު ވޯޓު ލެއްވީ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ގައި ހުރި ވޯޓު ފޮށްޓަށެވެ.
ރައީސް ޔާމީންގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވޯޓުލައްވާފައި ވަނީ ޣިޔާސުއްދީން ސްކޫލްގައި ހުންނަ ގއ. އަތޮޅު މާލެ ދެ ނަމްބަރު ވޯޓު ފޮއްޓަށެވެ. މިއީ މާލޭގައި ތިބި ގއ. މާމެންދޭ، ނިލަންދޫ، ދާންދޫ، މި ތިން ރަށުގެ ރައްޔިތުންގެ ތެރެއިން އެ ފޮއްޓަށް ވޯޓު ލުމަށް ރެޖިސްޓްރީކޮށްފައިވާ މީހުންނަށް ބަހައްޓާފައިވާ ފޮއްޓެކެވެ.
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވޯޓު ދެއްވީ އިމާދުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ރަނިންގމޭޓް ފައިސަލް ނަސީމް ވޯޓު ލެއްވީ ޢަރަބިއްޔާގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަކަށެވެ.



