
ފުލުހުންގެ އޮޕަރޭޝަން ”ބްލޫ ވޭވް“ ފަށައިފި
މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހިންގާ އޮޕަރޭޝަން މިއަދު ހަވީރު ފަށައިފިއެވެ.
އޮޕަރޭޝަން ”ބްލޫ ވޭވް“ ފައްޓަވައިދެއްވީ އެކްޓިންގ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ނަވާޒެވެ.
މި އޮޕަރޭޝަންގެ ދަށުން ވޯޓް ނަގާ ދުވަހު ވޯޓް ނަގާ މަރުކަޒުތަކުގެ ސަލާމަތީ ކަންކަމާއި އިލެކްޝަންސް ކޮމިޝަނުން ސަލާމަތީ ގޮތުން އެދޭ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މި އޮޕަރޭޝަންގައި ވޯޓު ފޮށި ހުންނަ ހުރިހާ ތަނެއްގައިވެސް ފުލުހުން ހަރަކާތްތެރިވާ އިރު، އިންތިޚާބާއިބެހޭ މައި މަރުކަޒުގައިވެސް ސަލާމަތީ ކަންކަން ފުލުހުން ބަލަހައްޓާނެއެވެ.
ވޯޓުލާ ދުވަހު ބައެއް ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކުރާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ ކަންކަމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.



