
ކުޅުދުއްފުށީ ރައްޔިތުންގެ ހުވަފެން ޙަޤީޤަތަކަށްވަނީ، ޓެސްޓް ފްލައިޓް ޖައްސައިފި
ހދ. ކުޅުދުއްފުށީ ރައްޔިތުންގެ ހުވަފެން ޙަޤީޤަތަކަށްވުމަށް އެންމެފަހުގެ ހަރުފަތްތައް ގިރާކުރަން ފަށައިފިއެވެ.
އެރަށަށް އަދި އަތޮޅަށްވެސް ބޭނުންވެފައި އޮތް އެއަރޕޯޓަށް މިއަދު ވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ.
ކުޅުދުއްފުށީ ޑޮމެސްޓިކް އެއަރޕޯޓުގައި ޓެސްޓު ފްލައިޓު ކާމިޔާބުކަމާއެކު ޖެއްސީ މިއަދު މެންދުރުފަހު 15:11 ހާއިރެވެ. މި ފްލައިޓުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ފްލައިޓު ޖެއްސުން ފާހަގަކުރުމަށް އެރަށުގެ އެއަރޕޯޓުގައި ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތާއި ކުޅުދުއްފުށީ އެއަރޕޯޓަށް އެންމެ ފުރަތަމަ ފްލައިޓެއް ޖެއްސި މަންޒަރު ބަލާލުމަށް ގިނަ ބަޔަކު އެސަރަޙައްދަށް ގޮސްފައިވެއެވެ.
ދައުލަތުގެ ބަޖެޓުން 53.4 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ތަރައްޤީ ކުރަމުން އަންނަ މި އެއަރޕޯޓުގެ މަސައްކަތް އަންނަ އާދީއްތަ ދުވަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެއެވެ. މިއީ 1200 މީޓަރު ދިރު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓެކެވެ.
ކުޅޫދުއްފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުވާނެ ދުވަހެއް އަދިހާމައެއް ނުކުރެއެވެ.



