
ލަންކާ އަތުން އެއްވަރުވެ ރާއްޖެއަށް އިތުރު ހިއްވަރެއް ލާން ޖެހިއްޖެ.
ބަނގުލަދޭޝްގައި މިހާރު ކުރިޔައްދާ ސާފް ސުޒުކީ ކަޕްގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ސްރީލަންކާ އަތުން އެއްވަރުވެއްޖެއެވެ.
ބަންގްލަދޭޝްގެ ބަންގުބަންދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ސްރީލަންކާއިން ބޮޑަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ.
މެޗުގެ ފުރަތަމަ ހާފްގައި ރާއްޖެއަށް ގޯލްޖަހަން ފުރުސަތުތަކެއް ލިބިފައިވާ އިރު، ލަންކާއަށް ފުރަތަމަ ހާފްގައި ފުރުސަތެއް ލިބިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ލަންކާއިން ކުޅުން ރަނގަޅު ކުރިއެވެ. ހާއްސަކޮށް ރާއްޖެއިން ކުރަމުންދިޔަ އެޓޭކްތަކަށް ހުއްޓުމެއް ގެނުވައި، އެޓޭކް ވަރުގަދަ ކުރިއެވެ. ހާފްގެ ކުރީކޮޅުގައި ރާއްޖޭގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ)އަށް ހުސް ފުރުސަތެއް ލިބިފައިވާ އިރު، ގޯލް ކުރިމަތިން ސެންޓޭ ހުރަސްކޮށްލި ބޯޅަ ދިޔައީ އިރޭގެ ފައިގައި ލައްވާ ނުލައެވެ.
ދެން ފެނިގެންދިޔައީ ލަންކާގެ ވަރުގަދަ އެޓޭކްތަކެކެވެ. ލަންކާގެ ސަސަންގާ ދިލްހާރާ ދުރުން ފޮނުވާލި ބާރު ހަމަލާގެ އިތުރުން ޕެނަލްޓީ އޭރިޔާ ބޭރުން މުހައްމަދު ފަޒާލް ފޮނުވާލި ހަމަލާވެސް ދިފާއުކުރީ ރާއްޖޭގެ ގޯލްކީޕަރު ފައިސަލެވެ. ދެވަނަ ހާފްގެ ފަހު ކޮޅުގައި ފައިސަލްގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިފައިވެއެވެ.
މެޗުގެ ފަހު ދިހަ މިނެޓްގައި ލަންކާއިން ވަރުގަދައަށް ކައުންޓާ އެޓޭކް ކޮށްފައިވާ އިރު، އެޓީމުން ވަނީ ގިނަ ހުސް ފުރުސަތުތަކެއް ހޯދައިފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި ގޯލް ކައިރިން އަސޭލާ ފޮނުވާލި ހަމަލާވެސް ފައިސަލް ދިފާއުކުރި އިރު، ރީބައުންސް ބޯޅައިން ކަވިންދޫ ސިންގް ފޮނުވާލި ހަމަލާވެސް ފައިސަލް ވަނީ ކުރިއަށް ޖެހި ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ނިމެން ދަނިކޮށްވެސް ލަންކާއިން ވަނީ ރާއްޖޭގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ. އެހެން ނަމަވެސް އެޓީމުގެ ގިނަ ހަމަލާތައް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ ފަހު މިނެޓުގައި ރާއްޖެއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. އަރިމަތިން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ވަދެ ފޮނުވާލި ހަމަލާވެސް ދިފާއު ކުރީ ލަންކާ ގޯލްކީޕަރު ސުޖަންއެވެ.
ލަންކާ އަތުން އެއްވަރުވުމުން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް ރާއްޖެއިން އިތުރު މަސައްކަތެއް ކުރަން ޖެހޭނެއެވެ. ރާއްޖެއަށް މިހާރު އޮތް ފައިދާއަކީ ފުރަތަމަ މެޗުގައި އިންޑިއާއިން ލަންކާ ކޮޅަށް ދެ ލަނޑު ޖަހާފައިވުމެވެ. ނަމަވެސް ރާއްޖެއިން ސެމީގެ ޖާގައެއް ކަށަވަރު ކުރުމަށް އަންނަ އާދީއްތަ ދުވަހު ރާއްޖޭގަޑިން އިރުއޮއްސި 6:00 ގައި ކުޅޭ މެޗުން ޕޮއިންޓެއް ނުވަތަ މޮޅެއް ހޯދަން މަޖުބޫރުވާނެއެވެ.



