ބީބީ ރަނަރސްގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކޮށްފި
ބީބީ ރަނަރސްގެ ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކޮށްފިއެވެ.
މިއަދުބޭއްވި ބީބީ ރަނަރސްގެ ފުރަތަމަ އިންތިޚާބުގައި އެ ގްރޫޕުގެ މެމްބަރުންގެ ތެރެއިން މާލޭގައި މިވަގުތު ތިބި ގިނަ މެމްބަރުން ވަނި ވޯޓުލާފައެވެ.
މީގެއިތުރުން އަތޮޅުތެރޭގައިތިބި އެ ގްރޫޕުގެ މެމްބަރުންނާއި ރާއްޖެއިން ބޭރުގައި މިވަގުތުތިބި މެމްބަރުން ވައިބަރ މެދުވެރިކޮށް ވަނީ ވޯޓުލާފައެވެ.
ކުރިއަށް އޮތް 2 އަހަރުދުވަހަށް އިންތިޚާބުކުރި ބީބީ ރަނަރސްގެ ހިންގާ ކޮމެޓީގެ ރައީސްގެ މަޤާމަށް އިންތިޚާބުވެފައިވަނީ މުޙައްމަދު އަފްރާޙްއެވެެ. ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުވީ އަޙްމަދު ނަޞީރެވެ.
ޚަޒާންދާރަކަށް ފާޠިމަތު ސާލިއާ (ސާއި) އިންތިޚާބުކުރި އިރު، ސެކްރެޓަރީއަކަށް އިބްރާހިމް ރަމީޒު (އިބޭ)، މީޑިއާ އޮފިސަރގެ މަޤާމަށް މުޙައްމަދު އައްސަދު އަދި ޢާންމު މެމްބަރުގެ މަޤާމަށް ﷲޢަބްދު ސަލީމް ވަނީ އިންތިޚާބުކޮށްފައެވެ.
ބީބީ ރަނަރސްއަކީ ޚާއްޞަކޮށް ޢުމުރުންދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތާއި ދުވުމުގެ ހޭލުންތެރިކަން އަންގައިދީ ފީއެއް ނުނަގާ އެ މަސައްކަތް ކުރަމުން އަންނަ ގްރޫޕެކެވެ.
ބީބީ ރަނަރސްގައި ތިބީ ޢުމުރުންދުވަސްވީ މީހުން އެކަންޏެއް ނޫނެވެ. އެ ގްރޫޕުގައި އަންހެނުންނާއި ކުޑަކުދިންވެސް އަންނަނީ ބައިވެރިވަމުންނެވެ.
އެ ގްރޫޕު ވުޖޫދަށް އައުމަށްފަހު އަންނަނީ ރާއްޖޭގައި ބާއްވާ ގިނަ ދުވުންތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. އޭގެތެރޭގައި ޓީއެފްޖީ އިން ހުޅުމާލޭގައި މިއަހަރު ބޭއްވި ލޯންގ ރަންގެ ފުލް މެރަތަން ކެޓަގަރީގައި އެއްވަނަ ހޯދުން ހިމެނެއެވެ.
މީގެއިތުރުންވެސް ރާއްޖެއާއި ރާއްޖެއިން ބޭރުގައިބާއްވާ ދުވުންތަކުގައިވެސް ބައިވެރިވެ، ރަނގަޅު ނަތީޖާތަކެއް އަންނަނީ ހޯދަމުންކަން ފާހަގަކޮށްލެވެއެވެ.