ނޭޝަނަލް ސްޓިއަރިންގ ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީތަކުގެ މެންބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގައިފި
ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޛުކުރުމަށް އެކުލަވައިލި ނޭޝަނަލް ސްޓިއަރިންގ ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީތަކުގެ މެންބަރުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގައިފިއެވެ.
މިއީ 2016 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ތަޞްދީޤުކުރެއްވި ޖެންޑަރ އީކުއަލިޓީ ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އެކުލަވައިލި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ދަށުން އުފެއްދި ނޭޝަނަލް ސްޓިއަރިންގ ކޮމިޓީއާއި ޓެކްނިކަލް ކޮމިޓީތަކެކެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ ދެ ދުވަހުގެ މި ޕްރޮގްރާމުގައި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައި ހިމެނޭ 5 ދާއިރާގައި މަސައްކަތްކުރާ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތަކާއި ވިޔަފާރި ކުންފުނިތައް ހިމެނޭ ގޮތަށް ޖުމުލަ 24 އިދާރާއަކުން ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ދެއްކެވި ވާހަކަފުޅުގައި ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން އެކުލަވައިލި އެކްޝަން ޕްލޭން ތަންފީޛުކުރުމަށް ތައްޔާރުކުރަންޖެހޭ އިމްޕްލިމެންޓޭޝަން ފްރޭމްވަރކަށް ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އަދި މިނިސްޓްރީން ކުރާ މި ފަދަ މުހިންމު މަސައްކަތްތަކުގައި އެ ފަރާތްތަކުން މިހާރު ވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، އެ ކަމަނާ ޝުކުރު އަދާކުރެއްވިއެވެ.
ޖެންޑަރ އިކުއަލިޓީ އެކްޝަން ޕެލޭނަކީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށް، ލީޑަރޝިޕް އެންޑް ގަވަރނަންސް، އިކޮނޮމިކް ޑިވެލޮޕްމަންޓް، އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގ، ޖެންޑަރ ބޭސްޑް ވަޔަލަންސް އަދި އެކްސެސް ޓު ޖަސްޓިސް، މި 5 ދާއިރާއަށް ބަހައިލެވިގެން އެކުލަވައިލެވުނު ޕްލޭނެކެވެ.
ޔޫ.އެން.ޑީ.ޕީގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ފަހު، ސްޓިއަރިންގ އަދި ޓެކްނިކަލް ކޮމިޓީތަކުގެ ބޭފުޅުންނާއެކު އެކްޝަން ޕްލޭންގެ މޮނިޓަރިންގ ނިޒާމު އެކުލަވާލުމުގެ މަސައްކަތްކުރުމަށް ވެސް ވަނީ ރާވާފައެވެ.