ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް އިން ފަށައިފި
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ އޮޕަރޭޝަނެއް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ފަށައިފިއެވެ.
މިއީ ކޮންމެ އަހަރެއްގެވެސް އަޟްހާ ޢީދު ބަންދާއި ދިމާކޮށް ކަނޑުމަގުން ގިނަ ޢަދަދެއްގެ ބަޔަކު ދަތުރުކުރާތީ ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
މިގޮތުން މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ގެންދާނެއެވެ. އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއިި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެއެވެ.
މާލޭ ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން މިއަދު ހަރަކާތްތެރިވާއިރު، މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ކޯސްޓްގާޑުން ޗެކްކުރަމުން ގެންދާނެއެވެ. އަދި އެމްއެންޑީއެފްގެ އޭރިޔާތަކުން ޢީދުބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.