ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލުހޯދައިދެވޭނީ މި ސަރުކާރަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެއަތޮޅު ބުރުންޏަށް ވަޑައިގެން އެރަށުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ރައްޔިތުން އެހެން ތަނަކަށް ހިޖުރަކުރުވުމުގެ ބަދަލުގައި ރައްޔިތުން ދިރިއުޅެމުންދާ ރަށްރަށުން ކުރިމަތިވާ ދަތިތަކަށް ހައްލުހޯއްދަވައި ދެއްވައިގެން އެރަށެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރަން އެހީތެރިވެދެއްވުން ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ބޭނުންފުޅުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށްފަހު އެމަނިކުފާނަށް ފުރުޞަތު ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ ބޮލަކަށްޖެހޭ މިންވަރު މިހާރު ހުރި މިންވަރަށްވުރެ ދެގުނައަށް އިތުރުކުރެއްވުމަށް ކަމަށާއި ސަރުކާރުގެ ކުންފުނިތައް ބާރުވެރިކުރުވަނީވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވަން ބޭނުންފުޅުވާ ކަންކަން ހަލުވިކަމާއެކު ބާރަށް ކުރިއަށްގެންގޮސް ފުރިހަމަކޮށްދެއްވުމަށްކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.