ޚަބަރު ފީތާ

ކުޑަކުދިންނަށް އޯގާތެރިވުމުގައި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ރިވެތި ނަމޫނާ

ކުޑަކުދިންނާ މުޢާމަލާތު ކުރުމުގެ އެންމެ ރިވެތި ނަމޫނާ އަހަރެމެން ދަސްކުރަން ޖެހެނީ، މުޅި އިންސާނިއްޔަތަށް ތަރުބިއްޔަތު ދަސްކޮށްދެއްވި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުންނެވެ. އެއީ މަންމައަކު ކަމުގައި ވިޔަސް، ނުވަތަ ބައްޕައަކު ކަމުގައިވިޔަސް، އޭނާގެ ދަރިންނާމެދު މުޢާމަލާތު ކުރަންޖެހޭ އެންމެ ރިވެތިގޮތް އިސްލާމްދީނުގައި ވަނީ ދަސްކޮށްދެއްވާފައެވެ.

ރަށްފުށުގެ ބަޔަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އައެވެ. އެބައިމީހުން ދެންނެވިއެވެ. ތިޔަބައިމީހުންގެ ދަރިންނަށް ތިޔަބައިމީހުން ބޮސް ދެން ހެއްޔެވެ؟ ޞަޙާބީން ދެންނެވިއެވެ. އާއެކެވެ. އެބައިމީހުން ދެންނެވިއެވެ. ﷲ ގަންދީ ބުނަމެވެ. އެހެނެއްކަމަކު އަހަރެމެން (ދަރިންނަށް) ބޮސް ނުދެމެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. (وَأَمْلِكُ إِنْ كَانَ اللَّهُ نَزَعَ مِنْكُمُ الرَّحْمَةَ ) رواه مسلم މާނައީ: ﷲތަޢާލާ ތިޔަބައިމީހުންގެ ކިބައިން، އޯގާތެރިވުން އުފުއްލަވާފައިވާނަމަ، ތިމަންކަލޭގެފާނަށް އެކަމުގެ މައްޗަށް ބާރެއްވޭހެއްޔެވެ؟

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.( الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ ) رواه الترمذيމާނައީ: ރަޙުމުކުރާ މީހުންނަށް ރަޙްމާންވަންތަ އިލާހު ރަޙުމު ކުރައްވަވައެވެ. ތިޔަބައިމީހުން ބިންމަތީގައިވާ މީހުންނަށް ރަޙުމުކުރާށެވެ. (އޭރުން) އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެއެވެ.

ތިބާ ރަޙުމު ކުރުން އެންމެ އައުލާވެގެންވާ ބަޔަކީ ތިބާގެ ދަރިންނެވެ. އެހެނީ އެކުދިންގެ ފިޠުރަތުގައިވަނީ އެކުދިންނަށް އަޅާލުމާއި، ލޯބިވުމާއި، ކުލުނުވެރި ވުމާއި، އެކުދިންނަށް އެއްވެސް ގެއްލުމެއް ލިބުމުން އެއްކިބާކޮށް ސަލާމަތްކޮށް ދެވުމެވެ.

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުޑަކުދިންނަށް އޯގާތެރިވެވަޑައިގެންނެވުމުގައި ދެއްކެވި ނަމޫނާތަކުގެ ތެރޭގައި، އެކަލޭގެފާނުގެ ދަރިކަލުން އިބްރާހީމް އަށް ޒިޔާރަތް ކުރެއްވުމަށް ޢަވާލީއަށް ވަޑައިގެންނެވިކަން ހިމެނެއެވެ. އޭރު އިބްރާހީމް ހުންނެވީ ކިރުފޮދު ހިއްޕަވަން އެތަނުގައެވެ. އެކަލޭގެފާނު އިބްރާހީމަށް ޒިޔާރަތް ކުރައްވަނީ، އިބްރާހީމަށް ބޮސްދެއްވުން ފިޔަވައި އެހެން އިތުރު ކަމަކުއެއް ނޫނެވެ. ބޮސްދެއްވުމަށްފަހު އެނބުރި ވަޑައިގަންނަވަނީއެވެ. رواه مسلم

ހަމަ އެފަދައިން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ދަރިކަނބަލުން ޒައިނަބު ރަޟިޔަﷲ ޢަންހާގެ ދަރިކަނބަލުން، ނަމާދުގައި އުފުއްލަވާކަމުގައި ވިއެވެ. އެކަލޭގެފާނު ސަޖިދައަށް ވަޑައިގަންނަވާހިނދު އެތުއްތު ބޭފުޅާ ބިންމަތީ ބާއްވަވައެވެ. އަދި ތެދުވެ ވަޑައިގަންނަވައި އެބޭފުޅާ ނަންގަވައެވެ. متفق عليه

ކުޑަކުދިން ކުޅެ އުޅުމުގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކުދިން ބޭނުންވާ ވަރަށް ފުރުސަތު ދެއްވައެވެ. ޢަބްދުﷲ ބުނު ޝައްދާދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. އެއް ރެއަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަސަންގެފާނު ނުވަތަ ޙުސައިންގެފާނު އުރުވަޑުވައިގެން ތިމަންބޭކަލުންގެ ތެރެއަށް ނިކުމެ ވަޑައިގަތެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުރިއަށް ޖެހިވަޑައިގެން އެތުއްތު ބޭފުޅާ ބިންމަތީގައި ވެޑުވިއެވެ. އެއަށްފަހު ތަކުބީރު ވިދާޅުވެ ނަމާދު ފެއްޓެވިއެވެ. އަދި ނަމާދުގައި ސަޖިދައަށް ވަޑައިގެންނެވިއެވެ. އަދި ސަޖިދަ ދިގު ކުރެއްވިއެވެ. އެހިނދު ޝައްދާދު އެކަލޭގެފާނުގެ އިސްތަށިފުޅު ސަޖިދައިން އުފުއްލަވައި ބެއްލެވިއެވެ. އެހިނދު ތުއްޕުޅު ބޭފުޅާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ބުރަކަށިފުޅުގެ މައްޗަށް އަރައި އިށީނދެވަޑައިގެން އިންނެވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަމާދުން އަވަދިވެވަޑައިގެންނެވުމުން މީސްތަކުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ނަމާދުގައި ސަޖިދަ ވަރަށް ދިގުކުރައްވައިފީމުއެވެ. ތިމަން ބޭކަލުން ހީފުޅުކުރެއްވީ ކަލޭގެފާނަށް ކަމެއް ވީކަމަށެވެ. ނުވަތަ ކަލޭގެފާނަށް ވަޙީބާވައިލެއްވެނީ ކަމަށެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (كُلُّ ذَلِكَ لَمْ يَكُنْ ، وَلَكِنَّ ابْنِي ارْتَحَلَنِي ، فَكَرِهْتُ أَنْ أُعَجِّلَهُ حَتَّى يَقْضِيَ حَاجَتَهُ) ]رواه النسائي وصححه الألباني[ މާނައީ: ތިޔައިން އެއްވެސް ކަމެއް ވީއެއް ނޫނެވެ. އެހެނެއްކަމަކު ތިމަންކަލޭގެފާނުގެ މިދަރިކަލުން ތިމަންކަލޭގެފާނުގެ ބުރަކަށިފުޅު މައްޗަށް ސަވާރުވީއެވެ. އޭނާގެ ބޭނުން ފުދުމުގެ ކުރިން އޭނާ ތިމަންކަލޭގެފާނުގެ ބުރަކަށިފުޅު މަތިން ބޭލުއްވުމަށް ތިމަން ކަލޭގެފާނު ރުހިވަޑައި ނުގެންނެވީއެވެ.

ހަމަ އެގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވެވަޑައިގެންނެވީ ކުޑަކުދިންގެ ޙައްޤުތަކަށް އިޙްތިރާމް ކުރައްވާ ބޭކަލެއް ކަމުގައެވެ. އެކުދިންނަށް ލިބެންޖެހޭ ޙައްޤަކުން އެކުދިން މަޙުރޫމު ކުރައްވާފައެއް ނުވެއެވެ.

ސަހުލު ބުނު ސަޢުދު އައްސާޢިދީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާގެވެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ބޯއެއްޗެއް ގެނެވުނެވެ. ފަހެ އެކަލޭގެފާނު އެއިން ހިއްޕެވިއެވެ. އޭރު އެކަލޭގެފާނުގެ ކަނާތްފަރާތުގައި ކުޑަ ފިރިހެން ކުއްޖަކު ހުއްޓެވެ. އަދި ވާތްފަރާތުގައި ބޮޑެތި މީހުންތިއްބެވެ. އެހިނދު އެކަލޭގެފާނު އެކުޑަކުއްޖާއަށް ޙަދީޘްކުރެއްވިއެވެ. މިބައިމީހުންނަށް (މިއިން) ދިނުމަށް ތިމަންކަލޭގެފާނަށް ކަލޭ އިޒުނަ ދޭނަން ހެއްޔެވެ؟ އެކުއްޖާ ދެންނެވިއެވެ. ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. ތިޔައިގެ ތެރެއިން އެކަކަށްވެސް ތިމަންނައަށް ލިބެންޖެހޭ ބައިން ނުދޭނަމެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކުޑަކުއްޖާގެ އަތަށް (އެކަންވާރު) ދިނެވެ. متفق عليه

މިއަށް ވުރެ ބޮޑު ކަމަކީ، ބައެއް ކަންތައްތަކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުޑަކުދިންގެ ލަފާ ހޯއްދަވާފައިވާ ކަމެވެ. އިފްކުގެ ޙާދިޘާގެ ތެރޭގައި، ޢާއިޝާ ރަޟިޔަﷲ ޢަންހާ ކުށުން ބަރީއަވެގެންވާކަމަށް ﷲގެ ވަޙީ އައުމުގެ ކުރިން، އެކަމަނާ ވަރިކުރެއްވުމާމެދު އުސާމާ ބުނު ޒައިދު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މަޝްވަރާ ހޯއްދެވިއެވެ. އަދި އުސާމާގެ މަޝްވަރާގައި ހިއްޕަވައި، އެކަމަނާ ވަރި ނުކުރެއްވިއެވެ. އެދުވަހު އުސާމާ ވިދާޅުވިއެވެ. އެއީ ކަލޭގެފާނުގެ އަހުލުންނެވެ. އަދި ތިމަންކަލޭގެފާނަށް (އެކަމަނާއާބެހޭގޮތުން) ހެވެއް ނޫނީ އެނގިގެން ނުވެއެވެ. متفق عليه

މި ހުރިހާ ކަމެއްގެ ސަބަބުން ކުޑަކުއްޖާ ނަފްސާނީ ގޮތުން ވަރުގަދަވެއެވެ. އަދި އޭނާގެ ޝަޚްޞިއްޔަތުވެސް ވަރުގަދަ ވެއެވެ. އޭނާއަށް މަސްއޫލިއްޔަތު އުފުލުމުގެ ޤާބިލުކަން ލިބިގެންވާކަން އިޙްސާސްވެގެން ދެއެވެ. އަދި ހެވާއި ނުބައި ވަކިކުރުމުގެ ޤާބިލުކަން ލިބިގެން ދެއެވެ.

މި މައުލޫމާތުކޮޅު ނަގާފައިވަނީ ޝައިޚް މުޙައްމަދު އަނިލް ނޫރުލް އިސްލާމަށް ލިޔުއްވާފައިވާ ލިޔުމަކުން

Rate this post