މަލަހިނި ސޭންޑީ މިޝަން އަންނަ މަހު ބާއްވަނީ..
މަލަހިނި ކުޑަބަނޑޮހުގެ ފަރާތުން ބާއްވަމުން އަންނަ “ މަލަހިނި ސޭންޑީ މިޝަން “ އަންނަ މަހު ބާއްވަން ނިންމާ، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި އިވެންޓު އިންތިޒާމު ކުރުމުގައި އިސްކޮށްއުޅުއްވާ އޮފިޝަލަކު އެޓޯލްނިިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ”މަލަހިނި ސޭންޑީ މިޝަން“ އޮންނާނީ އަންނަ އޯގަސްޓު މަހުގެ 3 ވާ ހުކުރު ދުވަހު ކަމަށެވެ. އަދި އިވެންޓު އޮންނާނީ މަލަހިނި ކުޑަ ބަނޑޮހުގައި ކަމަށެވެ.
މިއަހަރުގެ އިވެންޓުގައި ޢާންމުކޮށް ހުޅުވާލާފައިވަނީ 300 މީހުންގެ ޖާގަ ކަމަށާއި މީގެ އިތުރުން އެ ރިސޯޓުގެ މުވައްޒަފުންނާއި ފަތުރުވެރިން ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ބައިވެރިވުމުގެ ފީއަކީ 300 ރުފިޔާ ކަމަށެވެ.
”އަޅުގަނޑުމެން މި ނަގަނީ 300 ރުފިޔާ މީހަކަށް. އެއީ ޓީޝާޓުގެ އަގު. އެކަމަކު އޭގެ ތެރޭގައި ދެކޮޅު ދަތުރާ، އިވެންޓު ފުރިހަމަކުރުމުން ދޭ މެޑަލް އަދި ހަވީރުގެ ސައި ހިމެނޭނެ“ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ އިވެންޓުގައި ބައިވެރިވާ ފަރާތްތައް މަލަހިނި ކުޑަބަނޑޮހަށް ދިއުމަށް މާލެއިން ފުރާނީ މެންދުރު 14:00 ގައި ކަމަށާއި އެނބުރި މާލެ އަންނާނީ އިރުއޮއްސި 18:00 ގައި ކަމަށެވެ. އަދި ހަރަކާތް ނުވަތަ އިވެންޓު އޮންނާނީ 16:00 ން 17:00 އަށް ކަމަށެވެ.
މި އަހަރުގެ އިވެންޓުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރުމަށް ނިންމާފައިވަނީ މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށެވެ.