
ކ. ވާދޫ އާއި މާލެއާ ދޭތެރޭ ކަނޑުއޮޅިއަށް ބަންޑުންޖަހާލި ލޯންޗު ފެނިއްޖެ
ކ. ވާދޫ އާއި މާލެއާ ދޭތެރޭ ކަނޑުއޮޅިއަށް ބަންޑުންޖަހާލި ލޯންޗު ފެނިއްޖެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ އެ ލޯންޗު ފެނުނީ މަސްވެރިކަމަށް ނުކުމެ އުޅުނު ގުޅީ ދޯންޏަކަށް މިއަދު ހެނދުނު ކަމަށެވެ. އަދި އެ ލޯންޗު، އެ ދޯނީގެ މީހުންނަށް ފެނުނީ އެނބޫދޫ ކަނޑުއޮޅިން އޮޔާދަނިކޮށް މިއަދު ހެނދުނު 11:37 އެހާކަންހާއިރު ކަމަށެވެ.
އެ ލޯންޗު ފެނުނުއިރު، އޭގައި އެއްވެސް މީހަކު ނެތް ކަމަށާއި މިހާރު އެ ލޯންޗު ވަނީ މާލެއަތޮޅު ގުޅީ ފަޅުތެރެއަށް ވައްދާފައި ކަމަށާއި އެ ދޯނީގެ ފަޅުވެރިން މިހާރު ދަނީ ބަންޑުން ޖަހާލާފައިއޮތް ލޯންޗު ފެންމައްޗަށް ނެގުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ ރޭ 23:00 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ވަނީ ރޭ އެސަރަޙައްދުގައި އެ ލޯންޗު ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި ލޯންޗާ ގުޅޭ އިތުރު ތަޙުޤީޤުތައް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ކުރަމުންނެވެ.