
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ..
ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ އޮންނާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން ބުނީ ޝަރަފްގެ ހުނގާލުން އޮންނާނީ ޖުލައި 28 ވާ ހޮނިހިރު ދުވަހު މާލޭސިޓީގައި ކަމަށެވެ. އަދި ޝަރަފްގެ ހިނގާލުން ފަށާނީ ހަވީރު 16:00 ގައި ކަމަށެވެ.
ޝަރަފުގެ ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށް ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ.
އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނެއެވެ.