ކުޑަކުދިންގެހިޔާގެ ކުއްޖަކު އަނަންތާރާ މޯލްޑިވްސްގެ އިންޓަރންޝިޕް ފުރިހަމަކޮށް ދަސްވެނިވެއްޖެ
ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުއްޖަކު އަނަންތާރާ މޯލްޑިވްސްގެ 1 އަހަރު ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމް ފުރިހަމަކޮށް މިއަދު ދަސްވެނިވެއްޖެއެވެ.
2014ވަނަ އަހަރުން ފެށިގެން އަނަންތާރާ ރިސޯޓުން ކުރިއަށް ގެންދާ ޔަންގް އެކްސްޕްލޯރަރ ޕްރޮގްރާމަކީ، އޮސްޓްރޭލިޔާއިން އެކްރެޑިޓްކޮށްފައިވާ ލެވަލް 3ގެ ސެޓުފިކެޓެއް ބައިވެރިންނަށް ދެވޭ ޕްރޮގްރާމެކެވެ.
ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، މި ޕްރޮގްރާމްގެ 4ވަނަ ބުރު ފުރިހަމަކުރި ޖުމުލަ 9 ބައިވެރިން ދަސްވެނިވެފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރުމާ ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުއްޖާއަށް ވަނީ އަންނަ އޮގަސްޓު މަހުން ފެށިގެން އަނަންތާރާ މޯލްޑިވްސްގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު ލިބިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ވިދާޅުވީ މި ޕްރޮގްރާމަކީ ވަޒީފާގެ މާޙައުލުގައި ތިބެގެން ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ލިބިގެންދާ ޕްރޮގްރާމެއްކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުން ދާ ކުދިންނަށް ބޭނުންވާ ރައްކައުތެރިކަމާއި އަޅައިލުން މިނިސްޓްރީން ފޯރުކޮށްދެމުން ދާއިރު، އެ ކުދިން ދައުލަތުގެ ބެލުމުގެ ދަށުން މުޖުތަމަޢުއަށް ނުކުންނަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ފުރިހަމަވެފައި އޮތުމަކީ މިނިސްޓްރީން އިސްކަން ދޭ ކަމެއްކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.
ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި އަނަންތާރާ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކުރެވުނީ 2017 ޖަނަވަރީ 21ގައެވެ.
މިނިސްޓްރީން އަންނަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުޑަކުދިން ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ތަފާތު ފުރުޞަތުތައް ތަނަވަސްކޮށްދެމުންނެވެ. މި ގޮތުން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއެކު ވެސް މި ފަދަ އެމް.އޯ.ޔޫއެއްގައި މި ހަފުތާގައި ވަނީ ސޮއިކޮށްފައެވެ.