ވޯލްޑްކަޕް 2018 ފައިނަލް: ފްރާންސް އަދި ކްރޮއޭޝިއާގެ ވަރުގަދަ ކުރިމަތިލުން ކާމިޔާބުކުޔާނީ ކޮން ޓީމެއް ؟
ނިމިގެން ދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ރަޝިޔާގައި ފެށި ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ނިމުން މިހާރު މިވަނީ ކުޑަތަންވެފަ އެވެ. މުބާރާތުގެ ފައިނަލް މެޗުގައި މިރޭ ބައްދަލުކުރާނީ ފްރާންސް އާއި ކްރޮއޭޝިއާއެވެ. މުބާރާތުގެ ނިމުމާ ހަމައަށް އައިއިރު މިފަހަރުގެ މުބާރާތް ވެފައިވަނީ ތަފާތު އެތައް ގޮތަކުން ފާހަގަކޮށްލެވޭ މުބާރާތަކަށެވެ.
މިގޮތުން ޔޫރަޕްގެ ބޮޑެތި ބާރުތައް ކަމަށްވާ ސްޕެއިން، ޕޯޗުގަލް އަދި ޑެންމާކް ފަދަ ޓީމުތަކުން މުބާރާތުގައި ދެއްކި ދަށް ކުޅުމާއި މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ބްރެޒިލް އާއި އާޖެންޓީނާ ފަދަ ގައުމުތަށް މުބާރާތާ ވަކިވާން ޖެހުން ފަދަ ކަންތަކަކީ ނޫސްތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދި ކަންތައްތަކެވެ. އަދި މުބާރާތުގެ ބައެއް މެޗުތަކުގައި ރެފްރީން ނިންމާފައިވާ ގޯސް ނިންމުންތަކާއި ބައެއް ޓީމުތަކުގެ މެދުގައި އުފެދުނު ހަމަނުޖެހުންތަކަކީ ވެސް ފާހަގަކޮށްލެވުނު ބައެއް ކަންތަކެވެ. އެހެން ނަމަވެސް މިމުބާރާތުގައި މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވެމުންދާ މައުޟޫއަކީ މިރޭ ރަޝިއާގެ މޮސްކޯގެ ލިޒްނިކީ ސްޓޭޑިއަމްގައި ކުޅޭ ވޯލްޑްކަޕް ފައިނަލެވެ.
މިގޮތުން މިރޭ ކުޅޭ ފައިނަލް މެޗަކީ ވެސް ތަފާތު އެތައް ސަބަބުތަކާ ހުރެ ޚާއްސަވެގެންދާ މެޗެކެވެ. މިރޭ ފްރާންސްއާއި ކްރޮއޭޝިއާ ބައްދަލުކުރާ ފައިނަލް މެޗުން ކްރޮއޭޝިއާ މޮޅުވެއްޖެނަމަ އެ ވާނީ އެޓީމަކަށް ވޯލްޑްކަޕް ކާމިޔާބުކުރެވޭ ފުރަތަމަ ފަހަރަށެވެ. އަދި ފްރާންސް މިރޭ މޮޅުވެގެން ތަށި އުފުލާލައިފިނަމަ އެއީ އެޓީމަށް ވޯލްޑްކަޕް ތަށި އުފުލާލެވޭ ދެވަނަ ފަހަރަށް ވެގެންދާނެއެވެ. އެހެންކަމުން މިރޭ ވެގެންދާނީ މީގެ ތެރެއިން ކޮންމެވެސް އެއްބަޔެއްގެ އިންތިޒާރު ނިމުމަކަށް އަންނަ ރެޔަކަށެވެ. އަދި އަނެއް ބަޔެއްގެ އިންތިޒާރު އިތުރަށް ދިގުވެގެންދާ ރެޔަކަށެވެ.
އަނެއްކޮޅުން މިރޭ ވެގެންދާނީ ޔޫރަޕްގެ ފުޓުބޯޅައަށް ވެސް އަންނަ ޚާއްސަ ރެޔަކަށެވެ. މިރޭ ފްރާންސް ނުވަތަ ކްރޮއޭޝިއާ މުބާރާތުގެ ތަށި އުފުލާލުމާއެކު މިއީ ޔޫރަޕުގައި ކުޅެގެން ޔޫރަޕްގެ ގައުމަކަށް ވޯލްޑްކަޕް ކާމިޔާބުކުރެވޭ ދިހަވަނަ ފަހަރަށް ވެގެންދާނެ އެވެ. އަދި މިއީ 1934 ވަނަ އަހަރާއި 1938 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީ ކާމިޔާބުކުރި ފަހުން، ޖެހިޖެހިގެން ހަތަރު ވޯލްޑްކަޕް ޔޫރަޕަށް ލިބޭ ފުރަތަމަ ފަހަރަށް ވެސް ވެގެންދާނެ އެވެ. އެހެން ކަމުން މިރޭ ވެގެންދާނީ ޔޫރަޕްގެ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ޚާއްސަ އެއް ރެޔަކަށެވެ.
މިރޭ ކުޅޭ މި ޚާއްސަ ފައިނަލް މެޗުގައި ބައްދަލުކުރާ ދެޓީމަކީ ވެސް ޚާއްސަ ޓީމުތަކެއް ކަން އެ ޓީމުތަކުން ވަނީ ސާބިތުކޮށްދީފަ އެވެ. މިފަހަރުގެ މި މުބާރާތަށް ރެކޯޑަކާއި އެކު ކޮލިފައިވި މި ދެޓީމުގެ ފަރާތުން މިމުބާރާތުގައި ވެސް މީހުން ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ވަނީ ފެނިފަ އެވެ. މީގެ ތެރޭން ކްރޮއޭޝިއާ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެފައިވާއިރު، ޑެންމާކް އަތުން ވީ އެއްވަރަށްފަހު ފްރާންސް ވެސް ވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން ފައިނަލް މެޗާ މިދެޓީމުން ވެސް ކުރިމަތިލާނީ ވަރަށް އިތުބާރާ އެކު ކަމަށް ބެލެވެ އެވެ.
2018 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ނިމުމާ އެކު ދެން އެންމެ ބާރަށް ހިނގައިގަންނާނެ ދިމާލަކީ ޔޫރަޕްގެ ކުލަބުތަކުގެ ޓްރާންސްފާ މާކެޓެވެ. މިގޮތުން ވޯލްޑްކަޕްގައި ވިދާލި ތަރިން ގަތުމަށް ޔޫރަޕްގެ ކުލަބުތަކުން މިހާރުވެސް ވަނީ ފައި ވިއްދާފަ އެވެ. މިގޮތުން ފްރާންސްގެ ތަރި ކައިލީ އެމްބަޕޭ އާއި އެންޓޮނިން ގްރީޒްމަންގެ އިތުރުން ކްރޮއޭޝިއާގެ ރެބިޗް އާއި ވިޑާ ފަދަ ކުޅުންތެރިންގެ ސޮއި ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުންނާއި ސްޕެއިންގެ ކުލަބުތަކުން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން މިފަހަރުގެ މުބާރާތުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މާރިއޯ މަންޒުކިޗް އޭނާގެ ކުރީގެ ކުލަބު ކަމަށްވާ އިޓަލީގެ ޔުވެންޓަސް ދޫކޮށް ދިޔުމަށް ތައްޔާރުވަމުންދާ ކަމުގެ ޚަބަރުތައް ވެސް ވަނީ ފެތުރިފަ އެވެ. އެހެން ނަމަވެސް މިހުރިހާ ޚަބަރެއް ޔަގީންވެގެން ދާނީ ވޯލްޑްކަޕް ނިމުމަށް ފަހު އެވެ.
ފްރާންސް ޓީމު
ފީފާ ރޭންކިންގެ 7 ވަނައިގައި މިވަގުތު އޮތް ފްރާންސް އެންމެ ފުރަތަމަ ވޯލްޑްކަޕެއްގައި ކުޅެފައިވަނީ 1930 ވަނަ އަހަރު އުރުގުއޭގައި ބޭއްވުނު މުބާރާތުގައެވެ.
ފްރާންސް އަކީ 1930 ވަނަ އަހަރު އޮތް ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޤައުމަކަށްވާއިރު، މިހާތަނަށް 15 ވޯލްޑް ކަޕަށް ފްރާންސް ވަނީ ކޮލިފައިވެފަ އެވެ. މިހާތަނަށް 15 ވޯލްޑްކަޕުގައި ފްރާންސްއިން ވާދަކޮށްފައިވާއިރު އެޓީމަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއަކީ 1998 ވަނަ އަހަރުގެ ވޯލްޑްކަޕް ޗެމްޕިއަންކަން ލިބުމެވެ.
ފްރާންސް އެންމެ ފުރަތަމަ ތިން ވަނައިގައި ވޯލްޑް ކަޕް ނިންމާލީ 1958 ވަނަ އަހަރުގައެވެ. އަދި އޭގެ ފަހުން މިޝޭލް ޕްލެޓިނީގެ ކެޕްޓަންކަމުގެ ދަށުން ފްރާންސް އިން ވަނީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފަ އެވެ.
ވޯލްޑް ކަޕްގައި ފްރާންސްގެ އެންމެ ކާމިޔާބު މުބާރާތަކީ 1998 ވަނަ އަހަރު އަމިއްލަ ޤައުމުގައި ކުޅުނު މުބާރާތެވެ. އެ އަހަރުގެ މުބާރާތުގެ ތަށި ފްރާންސް އިން އުފުލާލީ ފައިނަލްގައި ވަރުގަދަ ބްރެޒިލް ބަލިކޮށްފަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން ފްރާންސް ވަނީ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. މިއީ ފްރާންސް އަށް ފުޓްބޯޅައިގައި އެންމެ ކާމިޔާބު އަހަރުތަކެވެ.
ފްރާންސް އިން ވަނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅެފަ އެވެ. އެކަމަކު ހިތްދަތި ގޮތަކަށް، ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ފްރާންސް ވަނީ ބަލިވެފަ އެވެ.
ބްރެޒިލްގައި އެންމެ ފަހުން އޮތް ވޯލްޑް ކަޕުން ފްރާންސް ކެޓީ ކުއާޓާ ފައިނަލުންނެވެ. އެޓީމުން ކުއާޓާފައިނަލުން ބަލިވީ ޖަރުމަނާ ދެކޮޅަށް ކުޅެ 0-1 އިން ނެވެ.
މިފަހަރުގެ ވޯލްޑްކަޕަށް ފްރާންސް ކޮލިފައިވި ގޮތް
ފްރާންސް ވޯލްޑް ކަޕަށް ކޮލިފައިވީ ގުރޫޕް އޭގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. މި ގުރޫޕްގައި ފްރާންސް ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވި އެވެ. ދެ މެޗު އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފަ އެވެ. ފްރާންސް ގުރޫޕްގެ އެއްވަނަ ހޯދީ 23 ޕޮއިންޓާ އެކު އެވެ. މި ގުރޫޕްގެ ދެވަނަ ހޯދި ސްވިޑަން އަށް ލިބުނީ 19 ޕޮއިންޓެވެ. ކޮލިފައިންގައި ފްރާންސް ކުޅުނު 10 މެޗުގައި އެ ޓީމުން 18 ލަނޑު ޖެހި އެވެ. ބައިކޮޅަށް ވަނީ ހަ ލަނޑެވެ.
މިފަހަރުގެ ވޯލްޑްކަޕުގެ ފައިނަލަށް ފްރާންސް ދަތުރުކުރި ގޮތް
މިފަހަރުގެ ވޯލްޑްކަޕަށް ފްރާންސް ދަތުރުކުރީ ޒުވާން ސްކޮޑަކާއި އެކު މޮޅުކުޅުމެއް ދައްކައިގެން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗު 1-2 އިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗުގައި ޕެރޫއާ ވާދަކޮށް 0-1 އިން ޕެރޫ ބަލިކުރިއެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޑެންމާކާ ދެކޮޅަށް ކުޅެ 0-0 އިން އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ހޯދިއެވެ. ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ފްރާންސް ދަތުރުކުރިއިރު، ގަދަ 16 ގައި އެޓީމު ބައްދަލުކުރަން ޖެހުނީ ވަރުގަދަ އާޖެންޓީނާއާއެވެ. އެމެޗު 3-4 އިން އާޖެންޓީނާ ބަލިކުރުމަށްފަހު މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރިއެވެ. ކުއާޓާގައި ބައްދަލުކުރީ އުރުގުއޭއާއެވެ. މި މެޗު 0-2 އިން އުރުގުއޭ ބަލިކުރުމަށްފަހު ސެމީފައިނަލަށް ދަތުރުކުރިއެވެ. ސެމީފައި ފައިނަލްގައި ފްރާންސް ބައްދަލުކުރީ މިފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ގިނަބަޔަކަށް ގަބޫލްކުރެވުނު ބެލްޖިއަމްއާއެވެ. އެހެން ނަމަވެސް ފްރާންސްއިން ވަނީ ބެލްޖިއަމްވެސް 0-1 އިން ބަލިކޮށްފައެވެ. ފްރާންސް ފައިނަލުން ޖާގަހޯދީ ބެލްޖިއަމް ބަލިކުރުމަށްފަހުގައެވެ.
ފްރާންސްގެ ގައުމީޓީމުގެ ކޯޗު ޑިޝޯމްޕް
އުމުރުން 49 އަހަރުގެ ޑޮޝޯމްޕް ފްރާންސްގެ ގައުމީޓީމާއި ހަވާލުވީ 2012 ވަނަ އަހަރުއެވެ. ފްރާންސް އިން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރިއިރު، ފްރާންސްގެ ކެޕްޓަނަކީ ޑިޑިއޭ ޑެޝޯމްޕްސް އެވެ. ފްރާންސްގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ޑެޝޯމްޕްސް ކޯޗިން ކެރިއަރު ފެށީ 2001 ވަނަ އަހަރު މޮނާކޯ އިންނެވެ. އަދި އެއަށް ފަހު އޭނާ ވަނީ ޔުވެންޓަސް އާއި މާސޭ އަށް ވެސް ކޯޗުކޮށްދީފަ އެވެ.
ފްރާންސްގެ ޤައުމީ ޓީމުގެ ކޯޗުކަމާ ޑެޝޯމްޕްސް ހަވާލުވީ 2012 ވަނަ އަހަރެވެ. ފްރާންސް މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވީ ޑެޝޯމްޕްސްގެ ކޯޗުކަމުގެ ދަށުންނެވެ.
އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު އޮތް ޔޫރޯގައި ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ފްރާންސް ފައިނަލުން ޖާގަ ހޯދި އެވެ. އެކަމަކު ފައިނަލްގައި ޕޯޗުގަލް އަތުން ފްރާންސް ވަނީ ބަލިވެފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕުގައި ޑިޝޯމްޕް މިވަނީ ފްރާންސްޓީމް ފައިނަލަށް ގެންގޮސްދީފައެވެ. މިފަހަރުގެ ވޯލްޑްކަޕާއި ޑެޝޯމްސް ކުރިމަތިލާފައި މިވަނީ ހުނަރުވެރި، ޒުވާން ސްކޮޑަކާއި އެކުގައެވެ. އެގޮތުން ފްރާންސްއިން ވަނީ މިފަހަރުގެ ވޯލްޑްކަޕުގައި ރަނގަޅު ކުޅުމެއް ދައްކާ ފައިނަލާއި ހަމައަށް ގޮސްފައެވެ.
މިރޭގެ ފައިނަލް މެޗަށް ނިކުންނައިރު ޓީމުގައި ތިބި ފާގަކޮށްލެވޭ މުހިންމު ކުޅުންތެރިން:
ޕޯލް ޕޮގްބާ
ޕޯލް ޕޮގްބާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ޕޮގްބާ އަކީ މިފަހަރުގެ ވޯލްޑްކަޕުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެވެ. އެގޮތުން ޓީމު ފައިނަލަށް ދިއުމުގައި ޕޮގްބާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
ހޫގޯ ލޮރިސް
ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދާ ހޫގޯ ލޮރިސް އަކީ ފްރާންސްގެ ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއާ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް 2008 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ގޯލްކީޕަރު ލޮރިސް އަކީ އެޓީމުގެ ކެޕްޓަންވެސް މެއެވެ. ފްރާންސް ޓީމު މިފަހަރުގެ ވޯލްޑްކަޕުގެ ފައިނަލަށް ދަތުރުކުރިއިރު އޭނާގެ ދައުރު ބޮޑެވެ. އެގޮތުން ނުރައްކާތެރި ގިނަ ސޭވްތަކެއް ކޮށްފައިވެއެވެ. އެގޮތުން ލޮރިސް މިފަހަރުގެ މުބާރާތުގައި ފްރާންސްގެ ގޯލް ބަލަހައްޓަމުންގެންދިޔައިރު އެޓީމު ކުޅުނު 6 މެޗުގައި ވަދެފައިވަނީ 5 ލަނޑެވެ.
އެންޓުއާން ގްރީޒްމަން
މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފޯވަޑުންގެ ލިސްޓުގައި ގްރީޒްމަން ހިމެނޭނެ އެވެ. ސްޕެއިން ރެއާލް ސޮސިއެޑާޑް އިން ކެރިއަރު ފެށި ގްރީޒްމަން ފުރަތަމަ ފާހަގަވެގެންދިޔައީ ސްޕެނިޝް ލީގުގަ އެވެ. އެއަށް ފަހު، އޭނާ ވަނީ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެފަ އެވެ.
ފްރާންސް ޤައުމީ ޓީމަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ ގްރީޒްމަން ވަނީ ޤައުމީ ޓީމަށް މިހާތަނަށް 49 މެޗު ކުޅެ، 22 ލަނޑު ޖަހައިފަ އެވެ. މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގްރީޒްމަން އަންނަނީ ރަނގަޅުކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިހާތަނަށް ކުޅުނު 6 މެޗުގައި 3 ގޯލް ޖަހާފައިވެއެވެ. ފްރާންސްގެ ފޯވާޑް ލައިންގައި ހަރަކާތްރެިވަމުން އަންނަ ގްރީޒްމަން ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގައި ފްރާންސް ޓީމަށް ކުޅެފަ އެވެ.
އެމްބަޕޭ
އުރުން އެންމެ 19 އަހަރުގެ އެމްބަޕޭއަކީ މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ތަފާތު ކުޅުންތެރިއާއެވެ. ފްރާން ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން މިހާތަނަށް ކުޅުނު 6 މެޗުގައި އޭނާ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ޓީމު ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ރޯލެއް އަދާކުރިއެވެ. އޭނާ ވަނީ ކުޅުނު 6 މެޗުގައި 3 ގޯލް ޖަހާފައެވެ. އެމްބަޕޭ ވެގެން ގޮސްފައިވަނީ ފޯލްޑްކަޕް ތާރީޚުގައި ލަނޑު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާއަށެވެ.
ފްރާންސް ޓީމުގެ މިވަގުތުގެ ހާލަތު
ފްރާންސް ޓީމު މިރޭ ވޯލްޑްކަޕުގެ ފައިނަލް މެޗުގައި ކްރޮއޭޝިއާއާ ދެކޮޅަށް ނިކުންނައި އެޓީމުގައި އަނިޔާގެ މައްސަލަ ކޮންމެވެސް ވަރަކަށް އުޅެއެވެ. އެގޮތުން މަޓުއިޑީއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެންމެ ފަހުން ސެމީގައި ބެލްޖިއަމްއާއި ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި މަޓުއިޑީއަށް އަނިޔާވެގެން ވަނީ ދަނޑުންވެސް ބާލާފައެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި މަޓުއިޑީ ފެނިގާނެ ކަމަށް ބެލެވެއެވެ. ފްރާންސްގެ ޓީމަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭއިރު، ކްރޮއޭޝިއާ އާ ދެކޮޅަށް ފްރާންސްޓީމުން މިރޭ ނެރޭނީ ސެމީ ފައިނަލްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު ފުރަތަމަ 11 ކުޅުންތެރިންނެވެ.
ކްރޮއޭޝިއާ ޓީމު
ފީފާ ރޭންކިންގެ 18 ވަނާގައި މިވަގުތު އޮތް ކްރޮއޭޝިއާ އަށް ބަލާއިރު ، އެޓީމު އެންމެ ފުރަތަމަ ވޯލްޑްކަޕެއްގައި ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައި އޮތް މުބާރާތުގައެވެ. އެ މުބާރާތުގައި ކްރޮއޭޝިއާ އިން ވަނީ ގިނަ ޓީމުތަކެއް ހައިރާންކޮށްލުމަށް ފަހު، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އެ ފަހަރުގެ މުބާރާތުގައި ވާދަކުރި ކްރޮއޭޝިއާގެ ޓީމު ސިފަކޮށްފައިވަނީ އެ ޤައުމުގެ ”ގޯލްޑަން ޖެނެރަރޭޝަން“ގެ ގޮތުގަ އެވެ. ޑާވޯ ސުކާ އާއި ޑިމިޓްރިވް ބޮބާން ފަދަ ކުޅުންތެރިންނާއެކު، އެ އަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ އިން ހޯދީ ބޮޑު ކާމިޔާބެކެވެ.
އޭގެ ފަހުން ކްރޮއޭޝިއާ އަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން ސަލާމަތްވެވޭ ގޮތެއްނުވެ އެވެ. އޭގެ ފަހުން ކްރޮއޭޝިއާ އިން ވަނީ 2002،2006، އަދި 2014 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށްފަ އެވެ.
ކޮލިފައިވި ގޮތް
ކޮލިފައިންގެ ގުރޫޕް އައި ކްރޮއޭޝިއާ ނިންމާލީ ދެވަނައިގަ އެވެ. އެހެންކަމުން، ކްރޮއޭޝިއާ އަށް ޖެހުނީ ކޮލިފައިންގެ ޕްލޭއޮފް ކުޅޭށެވެ. ގުރޫޕް އައިގެ އެއްވަނަ ހޯދި އައިސްލޭންޑާއި ކްރޮއޭޝިއާގެ ދެމެދުގައި އޮތީ ދެ ޕޮއިންޓްގެ ފަރަގެކެވެ. ޕްލޭއޮފް އިން ކްރޮއޭޝިއާ ކުރި ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ގްރީސް އަތުން 4-1 އިން މޮޅުވެގެނެވެ. ގްރީސްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މިފަހަރުގެ ވޯލްޑްކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ދަތުރުކުރި ގޮތް
ކްރޮއޭޝިއާ މިފަހަރުގެ ވޯލްޑްކަޕުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި ކުޅުނު 3 މެޗުންވެސް އެޓީމު ވަނީ މޮޅުވެ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރު ކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ ގްރޫޕް ސްޓޭޖުގައި އެޓީމު ވާދަކުރީ ނައިޖީރިއާ އެވެ. މި މެޗުން 0-2 ގެ ނަތީޖާއިން ކްރޮއޭޝިއާ ވަނީ މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅެ 0-3 ގެ ނަތީޖާއިން ވަނީ ކްރޮއޭޝިއާ މޮޅުވެފައެވެ. ގްރޫޕް ސްޓޭޖުގެ ތިންވަނަ މެޗުގައި އެޓީމު ބައްދަލުކުރީ އައިސްލެންޑާއެވެ. އެމެޗު 1-2 އިން ކްރޮއޭޝިއާ ކާމިޔާބުކޮށް ދެވަނަ ބުރު ކަށަވަރުކުރިއެވެ. ދެވަނަ ބުރުގައި ކްރޮއޭޝިއާ ބައްދަލުކޮށްފައިވަނީ ޑެންމާކާއެވެ. މި މެޗު އެއްވަރުވެ ޕެނަލްޓީ ޖަހައިގެން މޮޅުވެގެން އެޓީމު ވަނީ ކުއާޓާފައިނަލަށް ދަތުރުކޮށްފައެވެ. ކްރޮއޭޝިއާ ކުއާޓާގައި ބައްދަލުކުރީ މުބާރާތް ބާއްވާ ގައުމު ރަޝިއާއާއެވެ. އެމެޗުވެސް 2-2 އިން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެން ކްރޮއޭޝިއާވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރީ އިންގްލެންޑާ ދެކޮޅަށް ކުޅެ 1-2 އިން މޮޅުވެގެންނެވެ.
ކްރޮއޭޝިއާ ޓީމުގެ ކޯޗު
ކްރޮއޭޝިއާގެ ޓީމާ މިވަގުތު ހަވާލުވެ ހުރީ އުރުން 51 އަހަރުގެ ޒްލަޓްކޯ ޑަލިޗްއެވެ. ކްރޮއޭޝިއާއަށް ނިސްބަތްވާ ޑަލިޗް ކްރޮއޭޝިއާގެ ގައުމީޓީމާއި ހަވާލުވީ މިދިޔަ އަހަރުއެވެ. ޑަލިޗް އަކީ އެ ޤައުމުގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. ކްރޮއޭޝިއާގެ ގިން ޓީމުތަކަށް ކުޅުމަށް ފަހު އޭނާ ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރެވެ. އަމިއްލަ ޤައުމުގައި ކޯޗިންގެ ތަޖުރިބާތަކެއް ހޯދުމަށް ފަހު، އޭނާ ވަނީ 2010 އިން 2017 އަށް މެދުއިރުމަތީގެ ބައެއް ކްލަބުތަކަށް ކޯޗުކޮށްދީފަ އެވެ.
ކްރޮއޭޝިއާގެ ކޯޗުކަން 2017 ވަނަ އަހަރު ޑަލިޗްއާ ހަވާލުކުރީ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައިކޮށްދިނުމުގެ މައްސޫލީއްޔަތާ އެކުއެވެ. އެކަން އޭނާ ކާމިޔާބުކުޔރީ ޕްލޭއޮފްގައި ގްރީސް ބަލިކޮށްގެނެވެ. މި ނަތީޖާއާއެކު ކްރޮއޭޝިއާ އިން ވަނީ އޭނާގެ ކޮންޓުރެކްޓް 2020 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.
މިރޭ ފައިނަލް މެޗާއި ކުރިމަތިލާއިރު ކްރޮއޭޝިއާ ޓީމުގައި ތިބި މުހިންމު ކުޅުންތެރިން:
ލޫކަ މޮޑްރިޗް
ރެއާލް މެޑްރިޑް މިޑްފީލްޑަރު ލޫކަ މޮޑްރިޗަކީ ކްރޮއޭޝިއާގެ ކެޕްޓަނެވެ. މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ މޮޑްރިޗް ވިދާލީ ޓޮޓެންހަމް ހޮޓްސްޕާ އިންނެވެ. އަދި ރެއާލް މެޑްރިޑާ ގުޅުނު ފަހުން، އޭނާވެފައިވަނީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ.
މޮޑްރިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރެވެ. އަދި އޭގެ ފަހުން ކްރޮއޭޝިއާ ވާދަކުރި ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި އޭނާ ވަނީ ކުޅެފަ އެވެ. މިހާތަނަށް އޭނާ ވަނީ ކްރޮއޭޝިއާ އަށް 108 މެޗު ކުޅެފަ އެވެ. މޮޑްރިޗް ވަނީ މިފަހަރުގެ ވޯލްޑްކަޕްުގައިވެސް މިހާތަނަށް ކްރޮއޭޝިއާއިން ކުޅުނު 6 މެޗުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.
އީވާން ރަކިޓިޗް
މޮޑްރިޗްއާއެކު ކްރޮއޭޝިއާގެ މިޑްފީލްޑްގައި ދެން ވެސް ހުރީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިޔެކެވެ. ބާސެލޯނާގެ އީވާން ރަކިޓިޗް އަކީ މި ވަގުތު ޔޫރަޕްގައި ހުރި އެންމެ ރަނގަޅު އެއް މިޑްފީލްޑަރެވެ.
ސްޕެއިންގެ ސެވިއްޔާގައި ވިދާލުމަށް ފަހު ބާސެލޯނާއާ ގުުޅުނު ރަކިޓިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2009 ވަނަ އަހަރުގަ އެވެ. އަދި މިހާރު އޭނާ އަކީ ކްރޮއޭޝިއާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއަށެވެ. މިހާރުވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަކިޓިޗް މިފަހަރުގެ މުބާރާތުގައި ކްރޮއޭޝިއާ ފައިނަލަށް ދަތުރުކުރުމުގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައެވެ.
އިވާން ޕެރިސިޗް
އިންޓަ މިލާނަށް ކުޅެމުންދާ ޕެރިސިޗް އަކީ ކްރިއޭޓިވް ކުޅުންތެރިޔެކެވެ. ލަނޑުޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްދޭ ކަމަށް ފާހަގަކުރެވިފައިވާ ޕެރިސިޗް އަކީ މި ވަގުތު ކްރޮއޭޝިއާ ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ. ޖަރުމަން ލީގުގައި ވެސް ވިދާލި ޕެރިސިޗް ޤައުމީ ޓީމަށް ކުޅެން ފެށީ 2006 ވަނަ އަހަރުން ފެށިގެނެވެ. ޕެރިސިޗް އަންނަނީ މިފަހަރުގެ ވޯލްޑްކަޕުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ މިފަހަރުގެ މުބާރާތުގައިވެސް ކްރޮއޭޝިއާޓީމަށް މުނިންމު ލަނޑެއް ކާމިޔާބުކޮށްދީފައެވެ.
މާރިއޯ މަންޒުކިޗް
މަންޒުކިޗް އަކީވެސް މިފަހަރުގެ ވޯލްޑް ކަޕުގައި ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެވެ. މިފަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ފަތުރުކުރީ ވެސް ސެމީފައިނަލްގައި މަންޒުކިޗް ކާމިޔާބުކުރި ލަނޑުން މޮޅުވެގެންނެވެ.
ކްރޮއޭޝިއާ ޓީމުގެ މިވަގުތުގެ ހާލަތު
ވޯލްޑްކަޕް ފައިނަލްމެޗަށް މިރޭ ކްރޮއޭޝިއާ ނިކުންނައިރު އެޓީމުގައި އަނިޔާގެ މައްސަ ކޮންމެވެސް ވަރަކަށް އުޅެއެވެ. އެގޮތުން އިވާން ޕެރިސިޗް އަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާކަމަށް ޚަބަރުތަށް ބުނެއެވެ. އެހެން ނަމަވެސް މިރޭގެ މެޗަށް ފިޓްވާނެ ކަމަށް ބެލެވެއެވެ. އިތުރު އަނިޔާގެ މައްސަލައެއް ކްރޮއޭޝިއާ ޓީމުގައި ނެތެވެ. އެގޮތުން ސެމީފައިނަލްގައި އިންގެލްންޑާ ދެކޮޅަށް ކުޅުނު މެޗުގައި ކްރޮއޭޝިއާއިން ފެނިގެން ދިޔަ ފުރަތަމަ 11 ކުޅުންތެރިން މިރޭގެ މެޗުގައި ފެނިގެން ދާނެ ކަމަށްބެލެވެއެވެ.
ފްރާންސް އަދި ކްރޮއޭޝިއާގެ ބައްދަލުކުރުންތަށް
ފްރާންސް އަދި ކްރޮއޭޝިއާ ވޯލްޑްކަޕެއްގައި ބައްދަލުކޮށްފައިވަނީ މިހާތަނަށް އެންމެ ފަހަރަކުއެވެ. އެއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު މުބާރާތުގެ ގްރޫޕް ސްޓޭޖުގައެވެ. މި މެޗު 1-2 އިން ފްރާން ވަނީ ކާމިޔާބުކޮށްފައެވެ. އޭގެ ފަހު ވާދަވެރި މެޗެއް މި ދެޓީމުން ކުޅެފައިވަނީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. މި މެޗު 2-2 އިން ވަނީ އެއްވަރުވެފައެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ އެކުވެރިކަމުގެ މެޗެއްގައި 2011 ވަނަ އަހަރުއެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެއްވަރުވެގެންނެވެ. މިއީ ވާދަވެރި މުބާރާތެއްގައި ފައިނަލްގައި މި ދެޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.