
ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި
ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް އެބަދެއެވެ. ފޮނަދޫ މަގުތަކުގައި ތާރައެޅުމުގެ މަސައްކަތް ރަސްމީކޮށް އިއްޔެ ފަށާފައިވާއިރު، މިމަސައްކަތް ފައްޓަވާދެއްވީ ފޮނަދޫގައި މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މުއިއްޒުގެ އިތުރުން މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރާއި ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުންފުނިތަކުގެ އިސްވެރިންނާއި ފުނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ފޮނަދޫގައި މިކަމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ އިތުރު ސާމާނު އެރަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، ފުނަދޫއަކީ ގުޅިފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށަކަަށްވާތީ މިކަމުގެ ފަސޭހަވާނީ ހަމައެކަނި ފުނަދޫ ރައްޔިތުންނަށް ނޫންކަމަށެވެ. އަދި މި ފަސޭހައާއި މިކަމުގެ ފައިދާ މި ހުރިހާ ރަށަކަށް ވެސް ކުރާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މިފަދަ ބޮޑެތި މަޝްރުޢުތަކުން ފެނިގެންދަނީ ރައީސް ޔާމީން އަތޮޅުތައް ތަރައްޤީކުރުމަށް އިސްކަންދެއްވާ މިންވަރުކަމަށެވެ. އަދި މި މަސައްކަތަކީ މިކަމަށް ފާޑުކިޔާ ފަރާތްތަކަށް ދެވޭ ރަނގަޅު ރައްދެއް ކަމުގައިވެސް ވިދާޅުވިއެވެ.
ފޮނަދޫ މަގު ހެދުމުގެ މަސައްކަތް ކުރިން ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ރުހުނު ކުންފުންޏާއެވެ. ނަމަވެސް މަސައްކަތް ލަސްވަމުންދާތީ ކޮންޓްރެކްޓަރު އަތުން މަސައްކަތް ނެގުމަށްފަހު މިހާރު މި މަސައްކަތް ކުރަމުންދަނީ ހައުސިންގ މިނިސްޓްރީގެ ޕަބްލިކް ވޯކް ސަރވިސްއިންނެވެ. ފުނަދޫ މަގުތައް ހެދުމުގެ މަސައްކަތް އޯގަސްޓްމަހުގެ ނިޔަލަށް ނިންމަން ދަނީ މަސައްކަތް ކުރަމުންނެވެ.
ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތަކީ، ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް، މަގުތަކަކީ ދުއްވަން ފަސޭހަ ރައްކާތެރި މަގުތަކަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫޢުދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ. ފޮނަދޫ މަގުހެދުމުގެ މަޝްރުޢުގައި އެރަށުގެ 80 އިންސައްތަ މަގުގައި ތާރުއެޅާނެއެވެ. މީގެ ތެރޭގައި ކުރިން ތާރުއަޅަން ނިންމާފައިނުވާ ގިނަ މަގުތަކެއްގައިވެސް ތާރުއެޅުމަށް މިހާރު ނިންމާފައިވާކަމަށް ހައުސިންގ މިނިސްޓްރީއިން ބުނެއެވެ.



