
ވޯލްޑްކަޕް 2018: ބްރެޒިލް އަދި ބެލްޖިއަމް ގެ ކުރިމަތިލުން
މިފަހަރުގެ ފީފާ ވޯލްޑްކަޕުގެ ކުއާޓާ ފައިނަލަށް ބެލްޖިއަމް ދަތުރުކުރީ ޖަޕާންގެ މައްޗަށް ކުރިި ހޯދައިގެނެވެ. ޖަޕާން އިން 0-2 ގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރާ ބެލްޖިއަމް ވަނީ މެޗު އަނބުރާލައި، 3-2 އިން މެޗު ކާމިޔާބުކޮށްފަ އެވެ.
މިރޭ ބްރެޒިލްއާ ދެކޮޅަށް ނިކުންނައިރު ބެލްޖިއަމްގެ ޓީމުގައި ސަސްޕެންސަނުގެ މައްސަލައެއް ނެތަސް އަނިޔާގެ މައްސަލައެއް އެބަ އުޅެއެވެ. އެގޮތުން ބެލްޖިއަމްގެ މިޑްފީލްޑަރ އަދުނާން ޔަނުޒާއީ އަށް އަނިޔާވެފައިވާއިރު، އޭނާ މިރޭގެ ފުރަތަމަ އެގާރައިން ނުފެނުމަކީ ގާތްކަމެކެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ބްރެޒިލްއާ ދެކޮޅަށް ކުޅޭއިރު، ޑިފެންސް ވަރަށް ރަނގަޅު ކުރަންޖެހޭނެ ކަމަށާއި އެޢީ ބްރެޒިލްގައި ތިބީ ވޯލްޑް ކްލާސް ފޯވަޑުންކަމަށް ވާތީކަމަށެވެ.
މިރޭ ބެލްޖިއަމްއާ ދެކޮޅަށް ބްރެޒިލް ނިކުންނައިރު އެޓީމުގެ މިޑްފީލްޑަރ ކަސިިމޭރޯ ވަނީ ސަސްޕެންޑްވެފަ އެވެ. އޭނާގެ ބަދަލުގައި މިރޭގެ މެޗުގައި ކުޅޭނީ ފެނާންޑީނިއޯ އެވެ. ކުރިން އަނިޔާގައި ތިބި ޑިފެންޑަރ މާސެލޯ އަދި ވިންގަރ ޑަގްލަސް ކޮސްޓާ ފިޓުވެފައި ވުމުން މިރޭގެ މެޗުގައި އެ ދެކުޅުންތެރިން ކުޅޭނެއެވެ. ބްރެޒިލްގެ ފަރާތުން މިރޭގެ މެޗުގައި ރީތި ފުޓްބޯޅައެއް ފެނިގެންދާނެ ކަމަށް އެޓީމުގެ ކޯޗު ޓީޓޭ ވަނީ ބުނެފައެވެ.
މި މުބާރާތުގައި މިހާތަނަށް ބްރެޒިލް ކޮޅަށް އަދި ވަނީ އެންމެ ލަނޑެކެވެ. ބްރެޒިލްގެ ކޯޗު ޓީޓޭގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު 25 މެޗުގެ ތެރެއިން 19 މެޗުގައި ބްރެޒިލް ކޮޅަށް ލަނޑެއް ނުވަދެ ގިނަ މެޗުތަކުން އެޓީމުވަނީ މޮޅުވެފައެވެ. އެގޮތުން މިފަހަރުގެ ވޯލްޑްކަޕުގައި މިހާތަނަށް އެޓީމު ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ޥޯލްޑް ކަޕްގައި ބްރެޒިލް އާއި ބެލްޖިއަމް މިހާތަނަށް ބައްދަލުކުރީ އެންމެ ފަހަރަކު އެވެ. ވޯލްްޑް ކަޕް 2002 ގެ ދެވަނަ ބުރުގައި މި ދެ ޤައުމު ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކުރީ ބްރެޒިލް އެވެ.



