
އއ. މަތިވެރީގެ ނަރުދަމާ އަދި ފ. ނިލަންދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި
އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.
އއ. މަތިވެރީގެ ނަރުދަމާ ލޭބަރ މަޝްރޫޢުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 13,558,970.00 ދިވެހި ރުފިޔާއެވެ. އަދި ފ. ނިލަންދޫގެ ފެނުގެ ލޭބަރ މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 16,724,160.60 ރުފިޔާއެވެ.
މި ދެ މަސައްކަތްވެސް ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.



