
ބައިނަލްއަޤްވާމީ ފަތުވާ ކޮންފަރެންސްގައި ބައިވެރިވަޑައިގެންނެވުމަށްޓަކައި މިޞްރުގެ މުފްތީ ރާއްޖެ ވަޑައިގެންފި
”އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް“ ގެ ނަމުގައި ދިވެހި ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ މިޞްރުގެ ވަފްދު ރާއްޖެ ވަޑައިގެންފިއެވެ. މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވި މިވަފްދުގައި މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމް ހިމެނި ވަޑައިގަންނަވައެވެ.
މި ހިނގާ ޖުލައި މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ހަތަރު ޤައުމަކުން ބައިވެރިވެފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި މިޞްރު، ސޫދާން، ޖޯޑަން، އަދި މެލޭޝިޔާ ހިމެނެއެވެ.
އެއް ދުވަހުގެ މުއްދަތަށް އިސްލާމީ މަރުކަޒުގެ ހޯލްގައި ކުރިއަށްގެންދާ ”އަލްފަތުވާ ވަސީލަތުއްލިނަޝްރިއްސަލާމް“ ކޮންފަރެންސްގެ މަޤްސަދަކީ ފަތުވާގެ ޒަރިއްޔާއިން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރުމާއި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގައި ފަތުވާގެ ދައުރުފުޅާ ކުރެވޭނެ ގޮތްތައްތައް ދެނެގަތުމާއި، އިސްލާމީ ބޮޑެތިޤައުމު ތަކުގެ ފަތުވާދޭ އެންމެ މަތީ މަޖިލިސްތަކާއި ގުޅުންބަދަހިކުރުމާއި، އަދި މިފަދަ ކަންކަމުގައި ދިވެހިރާއްޖޭގެ އިސްނެގުމާއި އެއްބާރުލުމުގެ ރޫހު ހާމަކޮށްދިނުމެވެ.
މާދަމާ އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދު އިމާމްވެ ކުރެއްވުމަށް ހަމަޖެހިފައިވަނީ މިޞްރުގެ މުފްތީ ފަޟީލަތުއް އުސްތާޛު ޑރ. ޝައުޤީ އިބްރާހީމް އައްލާމްއެވެ.



