މުޖުތަމައުއަށް މަންފާކުރާ ތަފާތު އީޖާދީ ދިވެހި އުފެއްދުންތަކަށް، ރާއްޖެއިން އަދި ބައިނަލްއަޤްވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމުގެ މަޤްސަދާއި އެކު، ދިވެހިރާއްޖޭގެ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމް ކަމަށްވާ ”ނިރު އެކްސެލެރޭޓަރ“ މިއަދު އުރީދޫ އިން ތައާރަފްކޮށްފިއެވެ.
”ފެށުނީއްސުރެ، އުރީދޫގެ ތަސައްވަރަކީ އަޅުގަނޑުމެންގެ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް މެދުވެރިކޮށް ދިވެހިރައްޔިތުންގެ ޙަޔާތަަށް އިތުރު ފުރިހަމަ ކަމާއި ކުރިއެރުން ގެނެސްދިނުން. ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް، ވިޔަފާރިކުރާ ގޮތްތަކާއި ޚިދުމަތްދޭ ގޮތްތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްދީފައި. އެންމެ އެކަހެރި ހިސާބުތަކުންވެސް، ދުނިޔޭގެ ޑިޖިޓަލް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިދާނެ. އުރީދޫގެ ނިރު އެކްސެލެރޭޓަރ މެދުވެރިކޮށް ކޮށްދޭ ކަމަކީ މިއީ. ކޮންމެ އަހަރަކު އެއް ފަހަރު، އަލަށް ފަށައިގަންނަ އަދި ކުރިއަރަމުންދާ ދިވެހި ވިޔަފާރިތައް މި ޕްރޮގްރާމަށް ގެނެސް، މުޖުތަމައު އަށް ފައިދާވާނެ ޑިޖިޓަލް ސޮލިއުޝަންތަކެއް ބިނާކޮށް، ކުރިއެރުވުމަށް އުރީދޫ އިން އެހީތެރިކަން ފޯރުކޮށްދޭނެ. މި ޕްރޮގްރާމްގައި ބައިވެރިވާން ކުދި އަދި އަރަމުން އަންނަ ދިވެހި ވިޔަފާރިތަކަށް އަޅުގަނޑު މަރުޙަބާ ކިޔަން.“ އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.
”ދިވެހި މުޖުތަމައުއަށް ފައިދާކުރަނިވި ގޮތަކަށް އެކްސެލެރޭޓަރ ޕްރޮގްރާމް ހިންގުމަށް އަޅުގަނޑުމެން ޚާއްސަ އަހަމިއްޔަތުކަމެއް ދެން. މިގޮތުން މުޖުތަމައުގައި އެއްބައިވަންތަކަން އިތުރު ކުރުން، އާންމު ޙާލަތަށް ވުރެ ދަތިކަން ދިމާވެފައިވާ ފަރާތްތަކާއި އެހީތެރިވުން، އަދި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން އިސްކަންދޭ ކަންކަން. މި އަހަރުގެ ޕްރޮގްރާމް ޚާއްސަކުރެވިފައިވާ ތީމްތަކުގެ ތެރޭގައި ހިމެނެނީ ’ގުޅިފައިވާ މުޖުތަމައު’، ’ގުޅިފައިވާ ސިޓީ’، ’މާލީ ޚިދުމަތްތައް‘ އަދި ’ސްމާރޓް ޚިދުމަތްތައް‘.“ އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ޙުސައިން ނިޔާޒް ވިދާޅުވިއެވެ.
ނިރު އަކީ، ބޭނުންވާ ރިސޯސްތަކާއި ތަޖުރިބާކާރު މެންޓަރުންގެ އެހީގައި، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ވިޔަފާރިއެއް ފަށައިގަތުމަށް ވަރަށް އެދެވިގެންވާ ޕްލެޓްފޯމެކެވެ. މިގޮތުން، އެކްސެލެރޭޓަރ އަށް ހޮވާލެވޭ ޓީމް ތަކަށް ސީޑް ފަންޑިންގް، 12 ހަފްތާގެ އިންޓެންސިވް މެންޓަރޝިޕް ޕްރޮގްރާމެއް، މަސައްކަތް ކުރާނެ ކޯ-ވަރކިންގ ސްޕޭސް، ވިޔަފާރި ބިނާކުރުމަށް ޑިޖިޓަލް ޓޫލްތައް އަދި އެކްސްޕަރޓުންގެ ފަރާތުން ޓެކްނިކަލް ސަޕޯޓު ފޯރުކޮށްދެވޭނެއެވެ. ހަމައެއާއި އެކު ޓްރެއިނިގް ޕްރޮގްރާމް ނިމުމަކަށް އައުމުން، އިތުރު އިންވެސްޓްމަންޓް ފުރުސަތުތަކަށް ޕިޗްކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި، ނިރު އެކްސެލެރޭޓަރ ފުރިހަމަކުރުމަށް ފަހުވެސް، ދިގުމުއްދަތަށް ދެމިގެންދާނެ މުހިންމު ފައިދާތަކާއި ޕާޓްނަރޝިޕް ފުރުސަތުތައް ބައިވެރިންނަށް ލިބިގެންދާނެއެވެ.
ނިރު އެކްސެލޭޓަރގައި ބައިވެރިވުމުގެ ފުރަތަމަ ފިޔަވައްސަކީ، ކުރިއަށްއޮތް އޮގަސްޓް މަހުގައި ބޭއްވޭ ހެކަތޮން އެވެ. މިގޮތުން، މި ހެކަތޮން މެދުވެރިކޮށް ބައިވެރިންނަށް ޚިޔާލު ފަރުމާކުރުމަށާއި، ވިޔަފާރީގެ ބިންގާތަކާއި، ބޭސިކް ޕްރޮޓޯޓައިޕް އެއް ބިނާކުރާނެ ޑިޖިޓަލް ޓޫލްތައް ފޯރުކޮށްދެވޭނެއެވެ. އަދި ހެކަތޯންގައި ހުށައެޅޭ ކޮންސެޕްޓު ތަކުގެ ތެރެއިން ހޮވާލެވޭ އެންމެ ރަނގަޅު ޚިޔާލުތައް، އެކްސެލެރޭޓަރގައި ބައިވެރިކުރެވޭނެއެވެ.
މުޖުތަމައު އަށް ފައިދާކުރާނެ، އީޖާދީ ޚިޔާލަކާއި އެކު ކޮންމެ ބޭފުޅަކަށްވެސް ނިރު އެކްސެލެރޭޓަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މިގޮތުން، މި ޚިޔާލުތަކަކީ ތިރީގައި މިދެންނެވޭ ޝަރުތުތައް ފުރިހަމަ ވެފައިވާ ހިޔާލަކަށް ވާންޖެހޭނެއެވެ:
- ނިރު އެކެސެލްރޭޓަރގެ ހަތަރު އިޖްތިމާއީ ޝިޢާރުތަކުން، މަދުވެގެން އެއް ޝިޔާރަކާއި ގުޅުންހުރުން
- ބައިނަލްއަގްވާމީ މާކެޓުގައި ބޭނުންކުރެވޭފަދަ ކޮންސެޕްޓަކަށްވުން
- ޓެކްނޮލޮޖީ އަދި އިންޓަނެޓް މެދުވެރިކޮށް، ޑިސްޓްރިބިއުޓް ކުރެވޭ ޚިދުމަތަކަށްވުން
- ކެޕިޓަލް އެފިޝަންޓް ވުމާއި އެކު، ލިބިގެންދާ ސީޑް ފަންޑިންގ މެދުވެރިކޮށް ޕްރޮޓޯޓައިޕެއް ބިނާކުރެވޭނެ ޕްރޮޑަކްޓަކަށް ވުން
- ޓީމުގައި ބިޒްނަސް، ޓެކްނޮލޮޖީ އަދި ޑިޒައިން އަށް އަހުލުވެރި ބޭފުޅުން ތިބުން އެދެވިގެންވޭ
އެކްސެލެރޭޓަރގައި ބައިވެރިވާ ޓީމުގެ އިސްކޮށް މަސައްކަތް ކުރާ ބޭފުޅުންނަކީ، 12 ހަފްތާގެ އެކްސެލެރޭޝަން ވަރކްޝޮޕްގައި ފުލްޓައިމްކޮށް ބައިވެރިވެވޭނެ ބޭފުޅުންނަށް ވާންޖެހޭނެއެވެ.
ނިރު އެކްސެލެރޭޓަރ ގައި ބައިވެރިވުމަށް، ނުވަތަ ޕްރޮގްރާމާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv/niru އަށް ޒިޔާރަތް ކުރަށްވާށެވެ.