
ސ. ފޭދޫގެ ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި
ސ. ފޭދޫގެ ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.
މިއަދު އެކަމަށްޓަކައި ތިމާވެއްޓާއި ބެހޭ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކޮންޓްރެކްޓްގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެކައުންޓަންޓް ޕްރަބާތް ރުވަންޕުރައެވެ.
މި މަޝްރޫޢުގެ މަޤްސަދަކީ ސ. ފޭދޫއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއްހޯދުމެވެ. އެގޮތުން މި މޝްރޫޢުގެ ދަށުން ސ. ފޭދޫގައި ސްޓޯމް ވޯޓަރ މެނޭޖްމަންޓް ނެޓްވޯކެއް ޤާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ޖުމްލަ އަގަކީ 18,595,276.34 ދިވެހި ރުފިޔާއެވެ. މިއީ ސ. ފޭދޫގައި ސަރުކާރުގެ ޚަރަދުގައި މިއަހަރުތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފެންހިންދުމުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫޢެކެވެ.
މި ރަސްމިއްޔާތުގައި ސ. ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވިއެވެ.