ދުލުން ކުރެވޭ އަނިޔާ ޖިސްމާނީ އަނިޔާއަށް ވުރެ އަސަރުގަދައެވެ.

ދުލުން ކުރެވޭ އަނިޔާ ޖިސްމާނީ އަނިޔާއަށް ވުރެ އަސަރުގަދަކަމީ އެންމެންވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. މި އަނިޔާ ކުރުމަށް ބޭނުންކުރަނީ އެބަޔަކު މުއާމަލާތުކުރުމަށް ބޭނުންކުރާ ބަހެވެ. ބަހަކީ ނިޢުމަތެކެވެ. ބާރުގަދަ ހަތިޔާރެކެވެ. ދިވެހިންނަކީ މި ނިޢުމަތް އަދި މި ހަތިޔާރު އެންމެ ފުރިހަމަގޮތުގައި ލިބިފައިވާ ބައެކެވެ. ދިވެހިން ނަށް އެބައިމީހުންގެ މުއާމަލާތުތަކުގައި ބޭނުންކުރަން އަމިއްލަ ބަހަކާއި ބަހުރުވަތަކެއް ލިބިފައި ވެއެވެ. އެހެނީ ދިވެހިން މުއާމަލާތުކުރުމަށް ބޭނުންކުރާ ބަހަކީ ދިވެހި ބަސް ކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ގައި ބަޔާންކޮށްފައި ވެއެވެ. އެގޮތުން ދިވެހިން އެބައިމީހުންގެ ބޭނުންތައް ފުއްދުމާއި ހިތުގެ ޝޫއޫރުތައް ފާޅުކުރުމުގައި ދިވެހި ބަސް ބޭނުންކުރެއެވެ.

ލިންގުއިސްޓިކްގެ ދާއިރާއިން ޢިލްމް ހާޞިލް ކުރައްވާފައިވާ މަސްހޫރު ލިޔުންތެރިޔާ ޑޭވިޑް ކްރިސްޓަލް ލިޔުއްވާފައިވާގޮތުގައި އިންސާނުންގެ އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގައްޔާއި، އެބައިމީހުންގެ ވަށައިގެންވާ ހަޤީޤަތްތަކާއި އެބައިމީހުން ގުޅުވާލުމުގައި ބަހަކީ އިންސާނުންގެ އަސާސީ ސިފައެކެވެ . ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ އިންސާނުންވެސް މުއާމަލާތު ކުރެއެވެ. މިގޮތުން ކުރެވޭ މުއާމަލާތަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. އޭނާ ދެކޭގޮތުގައި ރަނގަޅުގޮތުގައި މުއާމަލާތު ބޭނުންކުރާނަމަ ކޮންމެ މުއާމަލާތަކީ ތިމާއަށް ބޭނުންތެރި މުއާމަލާތެކެވެ. އެއީ އެ މުއާމަލާތުގެ ސަބަބުން ވަޒީފާގެ ކުރިއެރުމާއި، އައު ގުޅުންތައް ބަދަހިވުމަށް އަދި ދެބަސްވުންތައް ހައްލުވުމަށް ފުރުސަތު ފަހިވަމުން ދާތީއެވެ. މިގޮތުން މާޔޫސްވެފައިވާ ވަގުތެއްގައި އެހެން މީހަކާ ވާހަކަދައްކާލުމުން ހިތަށް ހަމަޖެހުން ލިބޭކަން ފާހަގަކުރެވެއެވެ. އިތުބާރުކުރެވޭ މީހަކާ ސިއްރުތައް ހިއްސާކުރުމުން ނަފްސަށް ލުއިކަމެއް އިހުސާސްކުރެވެއެވެ. ނަމަވެސް މުއާމަލާތުގެ މާނައޮޅޭފަދަ ގޮތަކަށް އަނެކާއާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރެއްގެގޮތު ގައި ބަސް ބޭނުންކުރެވިދާނެއެވެ. މީގެ ނަތީޖާ އަކީ މުއާމަލާތު ކާމިޔާބު ނުވުމެވެ. ހިތްހަމަނުޖެހުންތަކަކާ މަސައްކަތުގެ މާހަ އުލު ން ލިބޭ ބަހުގެގޯނާތަކުގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރުގެ ބޮޑުކަމުން ހިންހަމަ ނުޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.

އިޝްތިހާރު Below Header ad

މިކަމަކީ ބަވަނަވަމުން ދާ މި ދުނިޔޭގައި ހިނގާނެ ކަމެއް ކަމަށް ޤަބޫލުކުރަން ޖެހެއެވެ. އެގޮތުން ބައެއް މީހުންނަށް ހުތުރު ބަސްތަކުން މުއާމަލާތުކުރުމަކީ އާދައިގެ ކަމަކަށް ވާއިރު އަނެއް ބަޔަކަށް އެފަދަ ބަހުރުވައެއް ބޭނުންކުރުމުން އިންތިހާއަށް އުނދަގޫ ވެއެވެ. ހަމައެހެންމެ ދިވެހިން އެބައިމީހުންގެ މަސައްކަތުގެ މާހައުލުގައި މުއާމަލާތުކުރާ ގޮތްތަކަށް މިއަދު މިވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. މިގޮތުން އެކަކު އަނެކަކާ މުއާމަލާތު ކުރުމުގައި ދެރަވާނެ ފަދަ ބަސްތައް ބުނެލުމަކީ މިހާރު ވަރަށް އާދައިގެ ކަމަކަށް މި ވަނީ ވެފައެވެ . އެހެން ނަމަވެސް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ދޫކޮށްލެވޭވަރުގެ ކަމެއް ނޫނެކެވެ. އެހެނީ ދިވެހިންގެ ޢިލްމީ ވާހަކަތަކުގައި ވާފަދައިން ކަނޑިން ކުރާ ޒަޚަމް ވަރަށް އަވަހަށް ފަސޭހަވެއެވެ. ނަމަވެސް ދުލުން ކުރާ ޒަޚަމް ދުވަހަކުވެސް ފަސޭހައެއްނުވާނެއެވެ. ނުވަތަ އެތައް ދުވަހަކަށް މި ޒަޚަމްގެ އަސަރު ދެމިގެން ހިނގައިދާނެއެވެ. އެގޮތުން އިންސާނާ އޭނާގެ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންކުރާ އެންމެ ބާރުގަދަ ހަތިޔާރަކީ ބަސް ކަމުގައި ޑޭވިޑް ކްރިސްޓަލް ލިޔުއްވާފައި ވެއެވެ.

އެހެންވީމާ ބަހުންދޭ ހަމަލާތަކަކީ އެހެނިހެން ހަމަލާތަކަށް ވުރެ ބާރުގަދަ ނުރައްކާތެރި ހަމަލާތަކެކެވެ . “ކުލާހުގައި ހުރިހާ ދަރިވަރުން ކިޔެވުމުގައި މަސްއޫލުވެގެން ތިއްބެވެ. ޓީޗަރު ކުލާސް ކުރިމަތީގައި ހުރެގެން ކިޔަވައިދެނީއެވެ. މުވައްޒަފަކު އައިސް އޮފީސް ކުރިމަތީގައި ހުއްޓި ބާރު އަޑުން ވެރިމީހާއާ މުޚާތަބުކޮށް ވާހަކަ ފެށިއެވެ. ހުތުރު އެއްޗެހިވެސް ގޮވިއެވެ. ވެގެން އުޅޭގޮތެއް ނޭންގެއެވެ.” މި ހުށައެޅުނީ ޚުދު އަޅުގަ ނޑު މީގެ އަހަރެއްހާ ދުވަސްކުރިން ތަޖުރިބާކޮށްފައިވާ ހާލަތެކެވެ. މި ހާލަތުގައި މިއީ މައްސަލައަކަށް ވޭހެއްޔެވެ؟ އެ މުވައްޒަފަށް ވެރިއެއްގެ ހައިސިއްޔަތުން ކުރެވުނު ގޯސް ކަމަކީ ކޮބައިހެއްޔެވެ؟ މި ފަދަ ދަ ނޑިވަޅެއްގައި ވެރިމީހާ ކުރާނީ ކީއްބާއެވެ؟ މީ ބަހުގެ ގޯނާކުރުން ހެއްޔެވެ؟ މި ހާލަތުގައި ދެވުނު ބަހުގެ ހަމާލާތަކު ގެ ނިޝާނެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ހަނދާނުގައި ހަރުލާފައި ވެއެވެ. ވީމާ މި ފަދަ ހަމަލާތަކުން މުޖުތަމައު ރައްކާތެރިކޮށްގެން ނޫނީ އަންނަން އޮތް ޖީލު ރަނގަޅުގޮތުގައި ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. މި ރައްކާތެރިކަން ހޯދުމަށްޓަކައި މުވައްޒަފުނަނަށް މަސައްކަތުގެ މާހައުލުން ލިބޭ ބަހުގެގޯނާތައް ހޯދަން ޖެހެއެވެ. އަދި އެ ގޯނާތަކުގެ ސަބަބުން ކުރާ އަސަރު ދެނެގަތުން ބޭނުން ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.