
ތ. ގުރައިދޫ އެންޑޯމެންޓް މޫވްމެންޓުން ބޭއްވި މުބާރާތްތަކެއްގެ ނަތީޖާ ފާޅުކޮށް އިނާމުދީފި
ތ. ގުރައިދޫ އެންޑޯމެންޓް މޫވްމެންޓު (ޖެމް) އިން ބޭއްވި މުބާރާތްތަކެއްގެ ނަތީޖާ ފާޅުކޮށް އިނާމުދީފިއެވެ.
އެ ޖަމިއްޔާއިން ބާއްވާފައިވަނީ ޤުރްއާން ކިޔެވުމާއި މަދަހަ ކިއުމާއި ޚުޠުބާ ކިއުމާއި ބަންގި ގޮވުމެވެ.
ކޮންމެ މުބާރާތެއްގައިވެސް ކޮންމެ ޢުމުރު ފުރައަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ވަނީ ހޮވާފައެވެ. އަދި ކޮންމެ މުބާރާތެއްގެވެސް މުޅި މުބާރާތުން 1 ވަނަ ،2 ވަނަ އަދި 3 ވަނަ ހޮވާ ޓްރޮފީ އާއި ހަނދާނީ ލިއުން ވަނީ ދީފައެވެ.
މީގެ އިތުރުން ކޮންމެ މުބާރާތެއްގެ ހުރިހާ ގޮތަކުން 1 ވަނައަށް ހޮވުނު ފަރާތް އެންމެ އަލިގަދަ ތަރީގެ ގޮތުގައި ހޮވާ ފައިސާގެ އިނާމާއި ޓްރޮފީ، ހަނދާނީ ލިއުން ދީފައިވެއެވެ. އަލިގަދަ ތަރިންނަށް އިނާމްތައް ޙަވާލު ކޮށްދެއްވީ މުބާރާތުގެ ޝަރަފުވެރި މެހެމާން ތ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ފަޔާޟްއެވެ.
ޤުރްއާން ކިޔެވުމުގެ ބައިން އަލިގަދަ ތަރިއަކަށް އާން އަލީޝާ ޝާފިއު ހޮވިފައިވާ އިރު، މަދަހަ ކިއުމުގެ ބައިން އަލިގަދަ ތަރިއަކަށް ހޮވުނީ އައިޝަތު އަފުނާންއެެވެ. އަދި އައިޝަތު އަފުނާނަކީ ވޭތުވެދިޔަ 3 އަހަރުވެސް މަދަހަ ކިއުމުގެ ބައިން އަލިގަދަ ތަރި ހާޞިލް ކޮށްފައިވާ ފަރާތެވެ.
މީގެ އިތުރުން ބަންގި ގޮވުމުގެ އަލިގަދަ ތަރީގެ މަޤާމް ޢަބްދުﷲ މައިޝަން ހަސަން ހޯދި އިރު، ހުޠުބާ ކިއުމުގެ ބައިން އަލިގަދަ ތަރިއަކަށް ހޮވުނީ މުހައްމަދު އަމާންއެވެ.
މި މުބާރާތްތައް ބާއްވާފައިވަނީ 4 އަހަރުންދަށް، 6 އަހަރުންދަށް، 7 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް، 19 އަހަރުންދަށް އަދި 21 އަހަރުންދަށާއި 21 އަހަރުން މައްޗަށް ހުޅުވާލައިގެންނެވެ.
ބަރަކާތްތެރި ރަމަޟާންމަހު ޖެމްގެ ފަރާތުން ދީނީ މުބާރާތްތަކެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޑަކުދިންނާ ބޮޑެތިމީހުންގެ ހިތްތަކުގައި އިސްލާމީ ބިންގާ ވަރުގަދަކޮށް، ކީރިތި ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި އިސްލާމީ ޘަޤާފަތް ދެމެހެއްޓުމަށް ބާރުއެޅުންކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. ހުރިހާ އުމުރުފުރާ ތަކަކަށް އަމާޒްކޮށްގެން މުޅި ރަށަށް ހުޅުވާލައިގެން ބޭއްވި މި ފަހަރުގެ މުބާރާތުގައި ޖުމްލަ 235 ބައިވެރިން ބައިވެރިވެފައިވެއެވެ.

މިއަހަރުގެ މުބާރާތަަށް ބޭންކް އޮފް މޯލްޑިވްސް ގުރައިދޫ ބްރާންޗް، އިސްލާމިކް އެސޯސިއޭޝަން އޮފް ތ. ގުރައިދޫ އާއި އަމިއްލަ ފަރާތްތަކުން އިނާމު ހުށަހަޅާފައިވާ ކަމަށާއި މި މުބާރާތް ބޭއްވުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ފައިސާގެ ދަތިކަން ކަމަށް ޖެމް އިން ބުނެއެވެ. އަދި ފައިސާގެ އެހީ ލިބިއްޖެނަމަ މި މުބާރާތް މިއަށްވުރެ ކާމިޔާބު ކަމާއެކު ބޭއްވޭނެކަމަށާއި މި މުބާރާތައް މީހުންދޭ އަހަންމިއްޔަތު ބޮޑުވާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ޖެމް އިން ބުނީ މުބާރާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން މުވައްސަސާތަކަށާއި ޢާމުންނަށް ގްރޫޕް މަދަހަ ކިޔޭ ގޮތައް ހަމަޖައްސާފައިވާ ކަމަށެވެ.



