
10،000 ވުރެ ގިނަ މަތީތަޢުލީމްގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ
2013 ނޮވެމްބަރުން ފެށިގެން 10ހާހަށްވުރެ ގިނަ މަތީތަޢުލީމްގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ
ޒުވާނުންނަށް ތަޢުލީމާއި ތަމްރީންދިނުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ތަފާތު ސްކީމްތަކާއި ޕްރޮގްރާމްތައް ތަޢާރަފްކޮށް ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި މަތީތަޢުލީމުގެ 10 ހާހަށްވުރެ ގިނަ ފުރުސަތު ސަރުކާރުންވަނީ ހުޅުވާލާފައެވެ. މީގެ ތެރޭގައި ލޯންގެ ފުރުސަތާއި، ސަރުކާރާއި ބޭރުގެ ފަރާތްތަކުގެ ސްކޮލަރޝިޕްގެ ފުރުސަތުތައް ހިމެނެއެވެ.
ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2013 ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް ޖުމްލަ 5902 ލޯންގެ ފުރުސަތު ވަނީ ދީފައެވެ.
އަދި ހަމަ އެމުއްދަތުގައި ޖުމްލަ 4159 ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ދީފައެވެ. މީގެ ތެރެއިން 2369 ފުރުސަތަކީ ދިވެހި ސަރުކާރުން ހުޅުވާލެއްވި ފުރުސަތުތަކެވެ. އަނެއް 1826 ފުރުސަތަކީ ބޭރުގެ އެކިއެކި ގައުމުތަކުން ރާއްޖެއަށް ދީފައިހުރި ސްކޮލަރޝިޕްގެ ފުރުސަތު ތަކެވެ.
ސްކޮލަރޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށް ދިނުމަށް ބޭރުގެ އެކިއެކި ޔުނިވަރސިޓީތަކާއި މަޝްވަރާކުރެވި ގިނަ ތަންތަނާއިއެކު މިހާރުވެސް އެއްބަސްވުންތަކުގައި ވަނީ ސޮއިކުރެވިފައެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ޔުނިވަރސިޓީތަކާއިއެކު މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެއެވެ.
ރާއްޖޭގެ ޒުވާނުންނަކީ ހުނަރުވެރި، މަސައްކަތްތެރި ޒުވާނުންނަށް ހެދުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. އަދި ސްކޫލް ދައުރު ނިންމުމަށްފަހު ވަޒީފާގެ މައިދާން ނުވަތަ ދިރިއުޅުމުގެ މައިދާނަށް ނުކުންނަ ދަރިވަރުންނަކީ ގާބިލް ބައެއްކަން ޔަގީންކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ސްކޫލްތައް މެދުވެރިވެގެން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.
މަތީ ތަޢުލީމާއި ތަމްރީންގެ މިހާ ގިނަ ފުރުސަތުތައް ހުޅުވާލަމުންދާއިރު ޒުވާނުންނަށް މި ފުރުސަތު ތަކުގެ މަޢުލޫމާތު ދިނުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. އެގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންދާ އެޑިއުކޭޝަން ފެއަރތަކުގައި ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުން ބައިވެރިވެ މިފަދަ ފުރުސަތުތަކުގެ ބޭނުން ޒުވާނުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.



