
ކ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކޮށްފި
ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ.
އަދި ދެމެހެއްޓެނެވި ތަރައްގީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މި މައްސަލައަކީ މިސަރުކާރުގެ ފަރާތުން ޚާއްޞަ އަހައްމިޔަތުކަމެއް ދެމުންގެންދާ މައްސަލައެކެވެ. އަދި މިކަމުގައި އެދެވޭ ޙައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
މާލެ އަތޮޅު މާފުއްޓަކީ ވެސް ޒަމާނުންސުރެ ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފަވާ ރަށެއް. އާއްމު ރައްޔިތުންގެ ރައްކާތެރިކަމާ، ރަށުގެ ތިމާވެއްޓަށް މީގެ ސަބަބުން ލިބޭ ގެއްލުން ފާހަގަކޮށް، މިކަމަށް ފުރިހަމަ ހައްލެއް ހޯދުމަށް މިސަރުކާރުގެ ފަރާތުންވަނީ އިސްކަން ދީފައެވެ. އަދި 2015 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައި، މާފުށީގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫއުވަނީ ފަށާފައެވެ. މި މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު މިއަދު އެ ރަށުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމެވެ.
މިމަޝްރޫއުއަށް ޖުމްލަ 14,999,954.25 (ސާދަ މިލިއަން، ނުވަސަތޭކަ ނުވަދިހަ ނުވަ ހާސް، ނުވަސްތޭކަ ފަންސސާސް ހަތަރު ރުފިޔާ، ފަންސަވީސް ލާރި) ވަނީ ސަރުކާރުގެ ބަޖެޓްއިން ޚަރަދުކޮށްފައެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީއާއި ޙަވާލުކޮށް ކުރިއަށް ގެންދިޔަ މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަވަނީ 29 ނޮވެންބަރ 2015 ގައެވެ. އަދި 15 ސެޕްޓެމްބަރ 2016 ގައި އަމަލީ މަސައްކަތްވަނީ ނިންމާފައެވެ.
މިމަޝްރޫއުގެ ދަށުން، މާފުށީ ގިރާ ސަރަހައްދަށް 5000 ކޮޑިމީޓަރ ވެލިއަޅައި 440 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ 4 ގޮރޮއިން ޤާއިމުކޮށް، މި ސަރަޙައްދު ވަނީ ހިމާޔަތްކޮށްފައެވެ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށޭނޭ ނިޒާމެވެ. ޝައްކެއް ނެތް ގޮތުގާ މިމަޝްރޫޢު ސަބަބުން ކުރިއަށް އޮތް މުސްތަޤުބަލުގައި ރަށުގެ ތަރައްގީއަށް ނުހަނު ފައިދާ ކުރާނެއެވެ. އަދި އާއްމު ރައްޔިތުންގެ ޒަމާންވީ އުދާސްތަކަށް ނިމުމެއް އަންނާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މިރަށާއި މި ރަށުގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ ނުހަނު މުހިއްމު ފިޔަވަޅެކެވެ.



