ވަރަށް ކުރީޒަމާނެއްގައި ވަރަށް ޖައްބާރު ރަސްކަލަކު އުޅުނެވެ. އޭނާގެ ނުބައި ކަމުން އެސަހަރުގެ މީހުން އޭނަދެކެ ގަންނަ ބިރެއްގެ ސަބަބުން އަޅުކަން ކުރަނީވެސް އެރަސްގެފާނަށެވެ.އަދި ރަސްގެފާނުގެ ކޮންމެ އަމުރަކަށްވެސް އެމީހުންކިޔަމަންވެއެވެ.
އެސަހަރާ ތަންކޮޅެއް ދުރުގައި އޮންނަ ރަށެއްގައި ރާހިބަކު އުޅުނެވެ.އޭނައަކީ ﷲ ގެ އެއްކައުވަންތަ ކަމަށް އީމާންވާ މީހެކެވެ.އަދިހަމަ އެރަށުގައި ވަރަށް ވިސްނުން ތޫނު ކުއްޖަކުވެސް އުޅުނެވެ.އެއްދުވަހަކު މި ކުއްޖާއަށް ރާހިބުމީހާ އާއި ބައްދަލުވިއެވެ.އަދި މިކުއްޖާ ރާހިބު ގާތު ސުވާލުތައް ކުރަންފެށިއެވެ.ސުވަރުގެ އާއި ނަރަކާއިގެ ވާހަކަ އެވެ. ސަވާބާއި ޢަޒާބު އަދި އުޑުތަކާއި ބިން ހެއްދެވުނު ގޮތާއި ބެހޭގޮތުންނެވެ.ރާހިބު މީހާ މީނާގެ ހުރިހާސުވާލުތަކަކަަށް ޖަވާބުދިނެވެ. އެއްދުވަހަކު މިކުއްޖާ ރަށުތެރޭ ހިނގާފަ ދަނިކޮށް ފެނުނީ ބޮޑު ދާއްބައެކެވެ. މިދާއްބަ އާއި ހެދި އެސަހަރުގެ މީހުން އޭރުތިބީ ވަރަށް ކަންތައް ބޮޑުވެ،ބޭރަށްނިކުމެ އުޅެންވެސް ނުކެރިފައެވެ.މިހެން ތިއްބާ މިކުއްޖާއައް މިތަން ފެނުމާއި އެކު ހިލައެއް ނަގައި ބުންޏެވެ،“ އެރާހިބު މީހާގެ ވާހަކަ ތަކަކީ ތެދުކަމުގައި ވާނަމަ މިދާއްބަ ގަތުލު ވާހުށިއެވެ“އަދި އެދާއްބައާއި ދިމާލަށް އެއްލިއެވެ. ހަމަ އެވަގުތު އެދާއްބަ ގަތުލުވެގެން އެތަނަށް ވެއްޓުނެވެ.އެސަހަރުގެ މީހުން މިކަމާއި ވަރަށް އުފާވެމިވާހަކަ މުޅި ސަހަރުގައި ދައްކަން ފެށިއެވެ.މިވާހަކަ ވަރަށް މަޝްހޫރުވެ ރަސްގެފާނާއި ހަމައައް މިވާހަކަ ހިނގައްޖެއެވެ.އަދި ރަސްގެފާނުގެ ކައިރީގައި އުޅުނު ލޯފަން މީހަކު އެކުއްޖާގެ ކައިރިއަށް ދިޔައެވެ.މި ލޯފަން މީހާގޮސް އެކުއްޖާ ގާތުން އެދުނީ އެމީހާގެ ލޮލިގެ ފެނުން އަނބުރާގެނެސް ދިނުމަށެވެ.އެކުއްޖާ ޖަވާބުގައި ބުންޏެވެ.ކަލޭ ﷲ އަށް އީމާންވާށެވެ،އެއައް ފަހުދުޢާކުރާށެވެ.އޭރުން ޝިފާދެއްވާނެއެވެ.އެމީހާ ވަގުތުން ﷲ އައް އީމާންވެ ދުޢާކުރިއެވެ.އަދި އޭނާގެ ލޮލުގެ ފެނުން ﷲ އަނބުރާދެއްވިއެވެ.މިވާހަކަ ރަސްގެފާނަށް
އަޑުއިވުމާއިއެކު އެމީހާ ގަނޑުވަރަށް ގެނެސް ވަރަށް ގިނައިރުވަންދެން އެކިގޮތް ގޮތައް ބެލިއެވެ.އެއަށް ފަހު ސުއާލު ކުރިއެވެ.
ރަސްގެފާނު: ކަލެއަށް ލޮލުގެ ފެނުން ދިނީކޮންފަރާތެއް؟
އެމީހާ:އަހަރެންގެ ރައްބު ( އިލާހު) އެހިނދު ރަސްގެފާނުގެ މޫނުމަތިން އުފާވެރިކަން ކަން ފެނުނެވެ.އަދި ވަރަށް ބޮޑާވެރިކަމާއި އެކު ބުނެލިއެވެ.
ރަސްގެފާނު:އާނ އަހަރެން ކަލޭގެ ލޮލުގެ ފެނުން އަނބުރާދިނީ
އެމީހާ: ނޫން،އަހަރެންނަށް ޝިފާދެއްވި ފަރާތަކީ ﷲ . އެހިނދު ރަސްގެފާނު ވަރަށް ރުޅިއައިސް ފައި ބުންޏެވެ.ކަލެއަށް މަނޫން ރައްބެއްވޭ ހެއްޔެވެ؟އެމީހާ ބުންޏެވެ.އެއީ އަހަރެންގެވެސް އަދި ރަސްގެފާނުގެވެސް ރައްބުއެވެ.
ރަސްގެފާނު މިކަމާ ވަރަށް ރުޅިއައިސްފިއެވެ.އަދި ރަސްގެފާނުގެ ގާރޑުން އެކުއްޖާބަލައި ފޮނުވާ އެކުއްޖާ ރަސްގެފާނުގެ ގަނޑުވަރަށް ޚާޒިރުކުރުވައިފިއެވެ.އެއައް ފަހު ރަސްގެފާނު އެކުއްޖާ އާއި ސުވާލު ކުރިއެވެ.
ރަސްގެފާނު: ކަލޭ އެމީހާގެ ފެނުން އަނބުރާ ގެނެސް ދިނީ ކިހިނެއްތަ؟
އެކުއްޖާ: އަހަރެން އޭނާގެ ލޮލުގެ ފެނުން އަނބުރައެއް ނުދެން،އެހެންނަމަވެސް އަހަރުމެންގެ އިލާހަކީ އެއިލާހަށް އީމާންވާ މީހުން ދުޢާ ކޮއްފިނަމަ އިޖާބަކުރައްވާފަރާތް
ރަސްގެފާނު: މިހާރު ކަލޭގެ ވާހަކަ އިންވެސް އެނގިއްޖެ އަހަރެން މީ ކަލޭމެން އެންމެންގެ އިލާހުކަން
އެކުއްޖާ: ނޫން .. އަހަރެންގެވެސް އަދި ރަސްގެފާނުގެވެސް ރައްބަކީ ﷲ،އެއީ އަހަރެމެން އެންމެން ޚަލްޤުކުރެއްވި ފަރާތް،އަދި މިދުނިޔޭ އާއި މިދުނިޔޭގަ ވާހުރިހާއެއްޗެއްގެވެސް މިލްކުވެރިފަރާތް
މިކުއްޖާގެ ޖަވާބުތަކުން ރަސްގެފާނުގެ ވަރަށް ރުޅި ގަދަވެއްޖެއެވެ.އަދި އެރާހިބު މީހާ ވީތަން އެކުޖާއައް އަދަބު ދީގެންނަމަވެސް ހޯދުމަށް އަމުރުކުރިއެވެ.އަދި ރާހިބު މީހާ އެގަނޑުވަރަށް ހާޟިރު ކުރިއެވެ.އަދި އޭނައާއި ސުވާލުކުރިއެވެ.
ރަސްގެފާނު:ކަލޭގެ ދީނަށް އަލުން ރުޖޫޢަވޭ، އެހިނދު އެރާހިބު މީހާ އެކަމާ ދެކޮޅުހަދާ އިންކާރު ކުރިއެވެ.އަދި އޭނާގެ ދީންމަތީ އޭނާ ޘާބިތުވިއެވެ.މިނުބައި ރަސްގެފާނު އެރާހިބު މީހާގެ ބޯ ދެބުރިއަށް ކީހާލިއެވެ.
ދެންއެތަނަށް ގެނަވުނީ އެކުޑަކުއްޖާއެވެ . ރަސްގެފާނު އޭނާއަށްވެސް އަމުރުކުރީ ދީނަށް އެނބުރި ރުޖޫޢަވުމަށެވެ، ނަމަވެސް އެކުއްޖާވެސް މިކަމާ އިންކާރު ކޮށް އިސްލާމްކަންމަތީ ޘާބިތުވިއެވެ.އެހިނދު ރަސްގެފާނު އޭނާގެ ސިފައިންނަށް އެންގީ އެކުއްޖާ ގޮވައިގެން އެސަހަރުގައި ހުރި އެންމެ އުސްފަރުބަދަ އަށްއަރުވާފައި ވައްޓާލުމަށެވެ.އެކުއްޖާއަށް އެފަރުބަދާއިގެ އުސްކަން ފެނުނުހިނދު ބިރުން އޭނާ ސަލާމަތް ކޮށް ދެއްވުމަށް އެދިﷲއަށް ދުޢާ ކުރިއެވެ.އެހިނދު އެފަރުބަދަ އަށްވަރުގަދަ ހެލުމެއް އައިސް ރަސްގެފާނުގެ ސިފައިންތަށް ފަރުބަދަމަތިން ވެއްޓިމަރުވެގެންދިޔައެވެ.އަދި އެކުއްޖާ ސަލާމަތުން އެނބުރި ރަސްގެފާނުގެ ގަނޑުވަރަށް ދިޔައެވެ.އަދި ރަސްގެފާނު އޭނާއެކު ފޮނުވި މީހުންކޮބައިތޯ ސުވާލުކުރުމުން އެކުއްޖާ ޖަވާބުދިނެވެ.“ﷲ އެމީހުންގެ ކިބައިން އަހަރެން ސަލާމަތް ކުރެއްވީއެވެ.
ރަސްގެފާނު އަނެއްކާވެސް އެހެންބަޔަކާ އެކުއްޖާ މަރާލުމަށް ހަވާލުކުރިއެވެ.މިފަހަރު ރަސްގެފާނުއެންގީ އެކުއްޖާ ކަނޑުފައްތާށެވެ.އެކުއްޖާ ކަނޑުފައްތަންތައްޔާރުކުރިތަނުން އޭނާ ﷲ އަށް ދުޢާކުރުމުން ރަސްގެފާނު ފޮނުވި މީހުންތަށް ކަނޑަށް ޤަރަގުވެގެންދިޔައެވެ.އެކުއްޖާސަލާމަތުން އަނެއްކާވެސް ރަސްގެފާނުގެ ގަޑުވަރަށް އެނބުރި ދިޔައެވެ.ރަސްގެފާނު މިކަމާ ވަރަށް ޢަޖާއިބުވެ އޭނާ ކޮންމެގޮތެއްހަދާފަނަމަވެސް މެރުމަށް ބޭނުންވިއެވެ،އެހިނދު އެކުއްޖާ ބުންޏެވެ.އޭރަސްގެފާނު އަހަރެން ގަތުލު ކުރަންބޭނުންނަމަ އަހަރެން ގަހެއްގާ ބަންނާށެވެ،އަދި އެތަނައް މިސަހަރުގެ އެންމެން އެއްކުރާށެވެ.އަދި ދުނިދަޑިއެއް ނެގުމަށްފަހު
”އަހަރެންގެ ކަލާނގެ ނަމުން އެއްލަމެވެ“މިހެން ކިޔާ ދުނިދަޑި ދޫކޮށްލާށެވެ.ރަސްގެފާނު އެކުއްޖާ ބުނިހެން ހުރިހާކަމެއް ކޮށްފަ ދުނިދަނޑި އެއްލިއެވެ.އެދުނިދަނޑިގޮސް ވަނީ އެކުއްޖާގެ ބޮލަށެވެ.އަދި އެކުއްޖާ ވަގުތުން މަރުވިއެވެ،މިތަން ފެނިފައި އެތާތިބި އެންމެން އެއްއަޑަކުން ”އެކުއްޖާގެ ވެރިރައްބު އަށް އަހަރުމެން އީމާންވެއްޖައީމުއެވެ.“ ގޮވަންފެށިއެވެ.ރަސްގެފާނުގެ ސިފައިން އެއަޑުތަށް އިވިފައި ރަސްގެފާނަށް ބުންޏެވެ.މިހާރު މިވެގެން ދިޔައީ ރަސްގެފާނު އެކަމެއް ވެދާނެތި ބިރުން އުޅުނުކަންތަކެވެ.މިހާރު އެއެންމެން ވެސް ތީ ކަލަކު ކަމުގައި ނުދެކެއެވެ.އެކުއްޖާގެ ބަހަށް އެންމެން ތަބަޢުވެއްޖެއެވެ.އަދި ރަސްގެފާނުގެ ރުޅިމާގަދަވެއްޖެއެވެ. އެނުބައި ރަސްގެފާނަށް އުރެދުނު އެންމެން އަލިފާންގަނޑެއް ހަދައިފަ އެއްލައިލުމަށް އަމުރުކުރިއެވެ.އަދި އެއަލިފާން ގަނޑުގެ ތެރޭގައި މުއުމިން ތަކުން އަދަމުންދާތަން ބަލަން ރަސްގެފާނާއި އޭނާގެ ސިފައިން ގޮނޑިޖަހައިގެން މަޖާކޮށްހަދަން ތިއްބެވެ.މިއީ އުޚްދޫދުންގެ ވާހަކައެވެ.މިބައިމީހުންގެ ވާހަކަ ޞޫރަތުލް ބުރޫޖްގައި ﷲ ބަޔާންކުރައްވަފައި ވެއެވެ.(قُتِلَ أَصْحَابُ الْأُخْدُودِ ﴿٤﴾)
(قُتِلَ) ގެ މާނައަކީ: ހަލާކު ކުރެއްވުމެވެ. އެއީ ލަޢްނަތް ލެއްވުން ކަމަށްވެސް ބައެއް ރިވާޔަތް ތަކުގައި އާދެއެވެ. ލަޢްނަތް ލެއްވުމުގެ މާނައަކީ: ﷲ ގެ ރަޙްމަތުން ބޭރުކޮށްލެވުމެވެ.
(الْأُخْدُودِ) އަކީ ދިގަށް ކޮނެފައި ހުންނަ ވަޅުގަނޑެވެ.
( أَصْحَابُ الْأُخْدُودِ ) އަކީ މުއިމިނުން ދިރިތިއްބާ އަންދާލި ބަޔެކެވެ. މިބައި މީހުންނަކީ ޝާމް ކަރައިގެ ބަޔެއް ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ޔަމަންގެ ބަޔެއް ކަމުގައިވެސް ބުނެވެއެވެ. ކޮންމެ އަކަސް މިބައިމީހުން މަސައްކަތް ކުރަމުން ގެންދިޔައީ މުއިމިނުން އިސްލާމްދީން ދޫކޮށް މުރްތައްދުވޭތޯއެވެ. އެހެންނަމަވެސް، އެބައިމީހުންނަށް އެކަން ކާމިޔާބު ނުވުމުން ދެންކަންތައް ކުރި ގޮތަކީ ވަޅުގަނޑެއް ކޮނެފައި އެތަނަށް ދަރުއަޅާ އަލިފާން ރޯކޮށްފައި މުއިމިނުން އޭގެ ތެރެއަށްލާ އަންދަން ފެށީއެވެ.
(النَّارِ ذَاتِ الْوَقُودِ ﴿٥﴾ ) (އެ ވަޅުގަނޑަކީ) ދަރުއަޅައި ރޯކޮށްފައިވާ އަލިފާންގަނޑެވެ.
(ذَاتِ الْوَقُودِ ) އަނދައަނދާ ހުރި ދަރު އަޅާ ފުރާފައި ހުރި ވަޅުގަޑެކެވެ.
(إِذْ هُمْ عَلَيْهَا قُعُودٌ ﴿٦﴾ ) މުއިމިނުން ވަޅުގަޑަށްލާ އަންދަމުން ދިޔައިރުގައި އެބައިމީހުން ތިބީ އެމަންޒަރު ފެންނަ ހިސާބުގައި އިށީނދެ ސަކަރާތް ޖަހާށެވެ. އެމީހުންފަދަ އިންސާނުންތަކެއް އަލިފާނަށްލާ އަންދަމުން ދިޔައިރުގައި ވެސް އެއްވެސް ކަމެއް ނުކޮށް ކުޅިބަލަން ތިބީއެވެ. އެހެންކަމުން އެބައިމީހުން އެވަނީ އިންސާނީ ދަރަޖަތަކުން އެންމެ ދަށުދަރަޖަ އަށް ވެއްޓިފައެވެ.
( وَهُمْ عَلَىٰ مَا يَفْعَلُونَ بِالْمُؤْمِنِينَ شُهُودٌ ﴿٧﴾ ) އެއަނިޔާތައް މުސްލިމުންނަށް ކުރަމުން ގެންދިޔައިރުގައި އެބައިމީހުން ތިބީ ކުޅިބަލާށެވެ. އެބައިމީހުންނަށް އެއިން އެއްވެސް ކަމެއް ވަންހަނާވެ ނޭނގިފައެއް ނެތެވެ. އެބައިމީހުން އެފަދަ ނުބައި ދަރަޖަ އަކަށް ގޮސްފައިވާތީވެ ﷲ ގެ ލަޢްނަތާއި ހަލާކު އެބައިމީހުންގެ މައްޗަށް ޙައްގުވެއްޖެއެވެ.
މިގޮތަށް އަލިފާންގަނޑަށް އެއްލާލެވުނު މުއިމިނުންގެ ތެރޭގައި ކުޑަކުއްޖަކު ގޮވައިގެން ހުރި އަންހެނަކު ހުއްޓެވެ. އެއަންހެންމީހާ އަލިފާންގަނޑަށް ދަރިފުޅާއި އެކު ވެއްޓެން ޖެހޭތީވެ އެކަމާ ބިރުން އުޅެން ހެދުމުން ދަރިފުޅު ބުންޏެވެ. ”މަންމާއެވެ. ކެތްތެރިވާށެވެ. ހަމަކަށަވަރުން މަންމަ ތިހުރީ ޙައްގުގެ މަތީގައެވެ.“
މީ އަދުގެދުނިޔޭގެ މުސްލިމުންގެވެސް ހާލެވެ .ކޮންމެ ދުވަހަކު އެތައް ޢާއިލާތަކެއް އަނިޔާވެރިގޮތިގައި ދަނީ ޝަހީދުކޮށްލެވުމުންނެވެ.އަދި މިމަންޒަރުތަށް ވަގުތުން މުޅިދުނިޔެ ބަލަމުންގެންދެއެވެ.އަދި އެ ޢަމަލު ކުށްވެރިކުރުން ނޫން އެހެން ކަމެއް ނުކުރެވެއެވެ.ކުޑަމިނުން ދުޢާކުރުމަށްވެސް ގިނަމީހުން މިވަނީނުކުޅެދިފައެވެ.