21 ވަނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގުރޫޕް ޑީގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އާއި އައިސްލޭންޑް ބައްދަލުކުރާއިރު، މި މެޗަކީވެސް ގިނަބަޔަކު ބަލާހިއްވާ ފޯރިގަދަ މެޗަކަށް ވެގެންދާނެއެވެ. އެހެން ކަމުން މި ދެޓީމާއި ގުޅޭ މައުލޫމާތުކޮޅެއް ހިއްސާކޮށްލުން މުހިންމުކަމުގައި ދެކެމެވެ. އެގޮތުން މި ދެ ޓީމުގެ ވޯލްޑް ކަޕްގެ ތާރީޚައް ބަލާއިރު، އާޖެންޓީނާ އަކީ މުބާރާތް ކާމިޔާބުކޮށްފައިވާ މުބާރާތުގެ ފޭވަރިޓެއްކަން ފާހަގަކޮށްލަންޖެހެއެވެ. އަނެއްކޮޅުން އައިސްލެންޑަށް މިއީ ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.
އައިސްލޭންޑް އަށް ބަލާއިރު،
ޔޫރަޕްގެ ކުޑަ ޤައުމެއް ކަމަށްވާ އައިސްލޭންޑަކީ ވަރަށް ފަހަކާ ޖެހެންދެން ފުޓްބޯޅައިގައި މާ މަޝްހޫރު ޤައުމެއް ނޫނެވެ. އެކަމަކު 2016 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވެ، އެ މުބާރާތުގައި ވަރުގަދަ ޓީމުތައް ސިއްސުވާލައި، ކުއާޓާ ފައިނަލާ ހަމައަށް އައިސްލޭންޑް ދަތުރުކުރި އެވެ. މިއީ ފުޓްބޯޅައިގެ ދުނިޔެ އަށް ހައިރާންކަން ގެނުވި ނަތީޖާއެކެވެ.
ފީފާ ރޭންކިންގެ 22 ވަނައިގައި އޮތް އައިސްލޭންްޑްއަކީ އާބާދީގެ ގޮތުން ވަރަށްކުޑަ ގައުމެކެވެ. އެހެން ކަމުން އައިސްލޭންްޑްވެގެންދާނީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް މި މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ޤައުމަށެވެ. ޔޫރޯ 2016 ގައި މޮޅުކުޅުމެއް ދައްކާ ގިނަބަޔަކު ހައިރާންކޮލުމަށްފަހު އައިސްލޭންޑް އިން ވަނީ އެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރިފަ އެެވެ.
ކަން މިހެންއޮތްއިރު މިފަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައިވެސް އައިސްލޭންޑަށް މިކަހަލަ ނަތީޖާއެއް ނެރެވިދާނެ ކަމަށް ގިނަބަޔަކު ގަބޫލްކުރެއެވެ. މިރޭގެ މެޗަށް އައިސްލޭންޑް ނިކުންނައިރު އެޓީމަށް ލިބިފައިވާ އެންމެ ބޮޑު ހިންހަމަ ޖެހުމަކީ އެޓީމުގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމެވެ. ކުރިން އަނިޔާގައި ހުރި މިޑްފީލްޑަރ ގިލްފީ ސިގާޑްސަން ވެސް ވަނީ މިހާރު ވަނީ ފިޓުވެފަ އެނބުރި އައިސްފައެވެ.
އާޖެންޓީނާއަށް ބަލާއިރު ،
އާޖެންޓީނާ އަކީ ވޯލްޑް ކަޕްގައި އެންމެ ކާމިޔާބު ޤައުމުތަކުގެ ތެރޭގައި ނަން ހިނގާ ޤައުމެވެ. އެންމެ ފުރަތަމަ 1930 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި އާޖެންޓީނާ އަކީ ރަނަރަޕެވެ. އަދި އޭގެ ފަހުން އާޖެންޓީނާ ވަނީ 1978 އަދި 1986 ވަނަ އަހަރު ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.
އާޖެންޓީނާ އިން ވަނީ 1990 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އޭގެ ފަހުން 2014 ވަނަ އަހަރާ ހަމައަށް، އާޖެންޓީނާ އަށް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލް ފަހަނައަޅައި ދެވޭ ގޮތެއްނުވި އެވެ. މޮޅެތި ކުޅުންތެރިންތަކެއް އާޖެންޓީނާ އިން އުފެދުނު ނަމަވެސް، މި ގަރުނުގައި އަދި ވޯލްޑް ކަޕްގައި އާޖެންޓީނާ އިން އުންމީދުކުރާ ކާމިޔާބެއް ހާސިލެއްނުވެ އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ ފައިނަލުން ޖާގަ ހޯދި އެވެ. އެކަމަކު ޖަރުމަން އަތުން އެޓީމު ވަނީ ބަލިވެފައެވެ..
މި އަހަރުގެ ވޯލްޑް ކަޕަށް ވެސް އާޖެންޓީނާ ނުކުންނަނީ ވަރުގަދަ ޓީމަކާއެކު އެވެ. އަދި މި ފަހަރު އާޖެންޓީނާ އިން ރަނގަޅު ކާމިޔާބެއް ހޯދާނެ ކަމަށް ގިނަބަޔަކު ގަބޫލްކުރެ އެވެ. މިއީ އާޖެންޓީނާ 17 ވަނަ ވޯލްްޑް ކަޕްއެވެ. އަދި ޖެހިޖެހިގެން މުބާރާތުގައި ވާދަކުރާ 12 ވަނަ ފަހަރެވެ.
އެންމެ ފަހުން ކުޅުނު 12 ވޯލްޑް ކަޕްގެ ތެރެއިން 11 ފަހަރު އާޖެންޓީނާ ވަނީ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދަތުރުކޮށްފައިވާއިރު، އެންމެ ފަހުން ކުުޅުނު ތިން ވޯލްޑް ކަޕްގައި ވެސް އާޖެންޓީނާ ވަނީ ގުރޫޕް އެއްވަނަ ހޯދައިފައެވެ.
އާޖެންޓީނާ އަށް ބަލާއިރު، އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ފުރަތަމަ 11 އިއުލާންކުރިއިރު،، ފުރަތަމަ 11ގައި ލިއޮނެލް މެސީ، ސާޖިއޯ އަގުއޭރޯ އަދި އަންހެލް ޑިމަރިއާ އަށް ވަނީ ފުރުސަތު ދީފަ އެވެ.
އެގޮތުން ހައްތާވެސް ތަރިންނެވެ. އެންމެ ފާހަގަކޮށްލޭ ކުޅުންތެރިއަކީ ކެޕްޓަން ލިއޮނެލް މެސީއެވެ. ކްލަބު ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މެސީއަށް ބައިނަލްއަޤުވާމީ މުބާރާތެއްގައި ތައްޓެއް ކާމިޔާބެއް ނުކުރެވެ އެވެ.
އައިސްލޭންޑް އަދި އާޖެންޓީނާއަށް ބަލާއިރު، މި ދެޓީމު މީގެ ކުރިން ވާދަވެރި މުބާރާތެއްގައިވެސް އަދި އެކުވެރިކަމުގެ މެޗެއްގައިވެސް ކުޅެފައެއް ނުވެއެވެ.