ޚަބަރު ފީތާ

މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު ފުރައިފި

މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޓީމު މޮރިޝަސްއަށް ފުރައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން ބުނީ މިއީ މެޑެއްޔަކަށް އަމާޒުހިފައިގެން ކުރާ ދަތުރެއް ކަމަށެވެ. އަދި މި މަހުގެ 7 އިން 10 އަށް ކުރިޔަށްދާ މި މުބާރާތަކީ ޓޯކިޔޯ 2020 އޮލިމްޕިކްސް އާއި މިއަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން ބައިވެރިވަމުން އަންނަ މުބާރާތެއް ކަމަށެވެ. 

”މި މުބާރާތައް ޚާއްޞަކޮށްގެން ފާއިތުވި ތިން މަސްދުވަހު ގައުމީ ކޯޗާއި ފިޒިކަލް އިނިސްޓްރަކްޓަރުންގެ އެހީތެރިކަމާއެކު ގައުމީ ޓީމުގެ ފަރިތަކުންތައް ކުރިޔަށްގެންދިޔައިން. އެކަމުން ކުޅުންތެރިންނަށް ވަރަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ“ އެސޯޝިއޭޝަންގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ މޮރިސަސްގައި ކުޅެ ރަނގަޅު ނަތީޖާއެއް ހޯދުމަކީ ޤައުމީ ޓީމުގެ އުންމީދެއް ކަމަށާއި ދެން ބޭނުންވަނީ ސަރަހައްދީ ޤައުމުތަކުގެ މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބު ހޯދުން ކަމަށެވެ. އަދި މި މުބާރާތްތަކަށް އަމާޒުކޮށްގެން ޖޫނިއަރ ކުޅުންތެރިންނާއެކު ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ވަރަށް ވަރުގަދަ ތަމްރީންތަކެއް ހަދަމުންދާކަމަށްވެސް މޫސަ ވިދާޅުވިއެވެ. 

މި މުބާރާތުގައި މިއަހަރު ހިމެނެނީ 4 ފިރިހެން ކުޅުންތެރިންނާއި 3 އަންހެން ކުޅުންތެރިންނެވެ. ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ސާރިމް އާއި މުހައްމަދު އަޖުފާންއާއި އަހުމަދު ތޯއިފް އަދި ނިބާލް އަހުމަދެވެ. އަންހެން ކުޅުންތެރިންނަކީ ދެބެއިން ކަމަށްވާ ނަބާހާ އަބްދުލް ރައްޒާގާއި ނަބީހާ ޢަބްދުލް ރައްޒާޤް އަދި ޝަހުރުނާޒް މޫސާ އެވެ.

ޓީމުގެ ކޯޗުގެ މަޤާމް އަފްސަލް ރަޝީދު އަދާކުރާ އިރު، މެނޭޖަރަކީ އަހުމަދު އަދީމް އެވެ. 

2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހި ޓީމު ވަނީ ފައިނަލްގައި ވާދަކޮށްފައެވެ. 

Rate this post