ޙައްޤާއި ބާޠިލާއި ދެމެދު އެންމެ ފުރަތަމަ ކުރެވުނު ހަނގުރާމަ އަކީ ބަދުރު ހަނގުރާމައެވެ. ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަ ވަނަ ދުވަހު ކުރެވުނު މިހަނގުރާމަ އަކީ އިސްލާމްކަމާއި ކާފަރުކަމާ ދެމެދު ލެވުނު އިންފާރެކެވެ. މިއީ މާތް ﷲ އަށް ތަބާވީ މީހުންނާއި ޝައިޠާނާގެ އަޢުވާނުންނާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ.
ހަމަ ކަށަވަރުން މިއީ ޙައްޤާއި ބާޠިލު ވަކި ވެގެން ދިޔަ ދުވަހެކެވެ. ޙައްޤު ފާޅުވެ ބާޠިލު ނެތިދިޔަ ދުވަހެކެވެ. މި ދެބައި މީހުން ވަކިވެގެން ދިޔަ ދުވަހެކެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
(إِن كُنتُمْ آمَنتُم بِاللَّـهِ وَمَا أَنزَلْنَا عَلَىٰ عَبْدِنَا يَوْمَ الْفُرْقَانِ يَوْمَ الْتَقَى الْجَمْعَانِ ۗ وَاللَّـهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ) [ الأنفال 41 ]. މާނަ: ”(އެއީ) اللَّه އަށާއި، حقއާއި، باطل ވަކިވުމުގެ ދުވަހު، ދެ لشكر ބައްދަލުވީ ދުވަހު، ތިމަންރަސްކަލާނގެ އަޅާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް، ތިޔަބައިމީހުން إيمان ވާ ކަމުގައިވާނަމައެވެ. اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.“ އަދިވެސް މާތްﷲ ވަޙީ ކުރެއްވިއެވެ:
( وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ) [ الإسراء 81 ].
މާނަ: “ އަދި ކަލޭގެފާނު ވިދާޅުވާށެވެ! حق ތެދުގޮތް އަތުވެއްޖެއެވެ. އަދި باطل ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، باطل އަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ. “ އާނއެކެވެ! ބަދުރުގެ ދުވަހަކީ އީމާންކަމުގެ ޙައްޤު ފާޅުވެގެން ދިޔަ ދުވަހެކެވެ.
ބަދުރު ހަނގުރާމައަކީ ހަނދުމަ ނެތިގެންދާނެ ޙާދިޘާއެއް ނޫނެވެ. އެހެނީ އިންސާނީ ތާރީޚުގައި ހިނގާދިޔަ އެންމެ މަތިވެރި އެއް ޙާދިޘާއެވެ. މީސްކޮޅު މަދު މުއުމިނުންނަށް ނަޞްރު ލިބިގެންދިޔަ އަޖާއިބު ކުރަނިވި ޙާދިޘާއެކެވެ. މާތްﷲ ގެ ވަޢުދުގެ ތެދުކަން އިތުރަށް ހާމަވެ އަދި ޢަދާވާތްތެރިންގެ ބާޠިލުކަން އިތުރުށް ފާޅުވެގެންދިޔަ ޙާދިޘާއެކެވެ. މާތްﷲ ވަހީކުރައްވަނީ:
( وَلَقَدْ نَصَرَكُمْ اللَّهُ بِبَدْرٍ وَأَنْتُمْ أَذِلَّةٌ فَاتَّقُوا اللَّهَ لَعَلَّكُمْ تَشْكُرُونَ) [ آل عمران 123 ]
މާނަ: “ ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدرހަނގުރާމައިގައި اللَّه، ތިޔަބައިމީހުންނަށް نصر ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكر ވެރި ވުމަށްޓަކައެވެ.“
އެދުވަހުގެ އެ ވަގުތުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ 314 ޞަޙާބީންނާއެކު ނިކުމެވަޑައި ގެންނެވީ ހަނގުރާމަ އަކަށް ނޫނެވެ. މާތް ﷲ ވަހީ ކުރައްވަނީ:
(كَمَا أَخْرَجَكَ رَبُّكَ مِن بَيْتِكَ بِالْحَقِّ وَإِنَّ فَرِيقًا مِّنَ الْمُؤْمِنِينَ لَكَارِهُونَ) [ الأنفال 5 ]. މާނަ: “ ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حق ގޮތުގައި ކަލޭގެފާނުގެ ގެކޮޅުން ކަލޭގެފާނު ނެރުއްވި ފަދައިންނެވެ. ހަމަކަށަވަރުން، مؤمن ންގެ ބަޔަކު (އެކަމާ) ނުރުހުންވެގެންވާކަން ކަށަވަރެވެ.“ އެހެނެއް ކަމަކު އަބޫސުފްޔާނުގެ ޤިޔާދަތުގެ ދަށުގައި އައި ވިޔަފާރި ޤާފިލާއަށް މަގު ބަންދު ކޮށް މާދީ ގޮތުން އެމީހުން ބަލި ކުރުމުށެވެ. އެހެނީ އެ ޤާފިލާގައި ޤުރައިޝުންގެ އަގުބޮޑު މުދާ ހުއްޓެވެ.
ކޮންމެ އަކަސް މުސްލިމުން ނިކުން ޚަބަރު އަބޫސުފްޔާނަށް ލިބުމާއެކު ދަތުރު ކުރަމުން ދިޔަ މަގު ބަދަލުކޮށް ޤުރައިޝުންގެ ގާތަށް ޟަމްޟަމް ބިން ޢަމުރު އަލްޣައްފާރީ ފޮނުވިއެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަށް 1000 މީހުން ނިކުތެވެ. އެބައިމީހުންގެ ބޮޑާކަމާއި ބާރު ދައްކަމުން މުސްލިމުންނަށް ތަޙައްދީ ކުރާ ޙާލުގައެވެ. މާތް ﷲ މިބައިމީހުންގެ ހާލު ބަޔާން ކުރައްވާ ވަހީކުރައްވަނީ:
( وَلَا تَكُونُوا كَالَّذِينَ خَرَجُوا مِنْ دِيَارِهِمْ بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَاللَّهُ بِمَا يَعْمَلُونَ مُحِيطٌ ) [ الأنفال 47 ]
މާނަ: “ ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި اللَّه ގެ މަގުން މީސްތަކުން ދުރުކުރާ حال، އެއުރެންގެ ގެދޮރުން ނުކުމެގެންދިޔަ މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ! اللَّه އީ، އެއުރެންކުރާ عمل ތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ ހަނގުރާމައިގެ ދެ ލަޝްކަރު ހޮނިހިރު ދުވަހުގެ ހެނދުނު ބައްދަލުކުރީ މައްކާއާއި މަދީނާއާއި ދެމެދު އޮންނަ ބަދުރޭ ކިޔާ މައިދާނުގައެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
( إِذْ أَنْتُمْ بِالْعُدْوَةِ الدُّنْيَا وَهُمْ بِالْعُدْوَةِ الْقُصْوَى وَالرَّكْبُ أَسْفَلَ مِنْكُمْ وَلَوْ تَوَاعَدتُّمْ لَاخْتَلَفْتُمْ فِي الْمِيعَادِ وَلَكِنْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ وَيَحْيَا مَنْ حَيَّ عَنْ بَيِّنَةٍ وَإِنَّ اللَّهَ لَسَمِيعٌ عَلِيمٌ ) [ الأنفال 42 ]
މާނަ: “ ތިޔަބައިމީހުން (بدر ގެވާދީގެ) ކައިރިފަރާތުގައި، އަދި އެއުރެން ދުރުފަރާތުގައި، އަދި ވިޔަފާރިقافلة ތިޔަބައިމީހުންނަށްވުރެ ތިރީ ބިމުގައިވީހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން (އެ كافر ންގެ لشكر އާ ހަނގުރާމަ ކުރުމަށް) އެއްބަޔަކު އަނެއްބަޔަކަށް وعد ވީ ނަމަވެސް، ތިޔަބައިމީހުން އެ وعد ވީގޮތާ خلاف ވީހެވެ. އެހެނެއްކަމަކު (ދެ لشكر ބައްދަލުކުރުއްވީ) اللَّه ނިޔާކުރައްވާފައިވާ ކަމެއް ހަމަޖެހި، ނިމިގެން ދިޔުމަށްޓަކައެވެ. (އެއީ) ހަލާކުވެގެންދާ ބަޔަކު ސާފު ހެތްކާއެކު، ހަލާކުވެގެން ދިޔުމަށެވެ. އަދި ދިރިގެން އަންނާނޭ ބަޔަކު، ސާފު ހެތްކާއެކު، ދިރިގެން އައުމަށެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.“
މުސްލިމުންގެ ލަޝްކަރުގެ ޢަދަދާއި ހަތިޔާރު މުޝްރިކުންނާއި އަޅާބަލާއިރު އެތަށް ގުނައެއް މަދެވެ. އަދި މައްކާއިން އައި އެފަދަ ބޮޑު ލަޝްކަރަކާއި ބައްދަލުކުރަން ޖެހިދާނެކަމަށް އުއްމީދެއް ނުކުރެއެވެ. އެހެނެއްކަމަކު މާތްﷲ ވަނީ މީސްތަކުންގެ ތެރެއިން އެކަލާނގެއަށް އީމާންވީ މީހުންނާއެކުއެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
( وَإِذْ يَعِدُكُمْ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ ) [ الأنفال 7 ]
މާނަ: ”ދެބައިމީހުންގެ ތެރެއިން (އެބަހީ: ވިޔަފާރި قافلةއާއި، ހަނގުރާމަވެރި لشكر ގެތެރެއިން) އެއްބަޔެއްގެ މައްޗަށް ތިޔަބައިމީހުންނަށް نصر ލިބޭނެ ކަމުގައި، اللَّهތިޔަބައިމީހުންނަށް وعد ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އަދި ބާރުވެރިކަން ލިބިގެންނުވާ މީހުން، ތިޔަބައިމީހުންނަށްޓަކައި އޮތުމަށް ތިޔަބައިމީހުން އެދެމުއެވެ. (ނަމަވެސް) اللَّه އިރާދަކުރައްވަނީ، އެކަލާނގެ كلمةފުޅުތަކުން حق ސާބިތުކުރައްވައި، ފާޅުކުރެއްވުމަށެވެ. އަދި كافر ންގެ أصل މުލުން ލުހެލެއްވުމަށެވެ.“
ހަނގުރާމަގައި ފުރަތަމަ މުޝްރިކުންގެ ތެރެއިން 3 މީހުން ނިކުމެ ކުރިމަތި ލުމަށް އެދުނެވެ. މުސްރިކުންގެ ތިން މީހުންނަކީ: ޢުތުބާ ބިން ރަބީޢަތު އާއި އޭނަގެ ދަރި އަލްވަލީދު އަދި އޭނަގެ އަޚް ޝައިބާ ބިން ރަބީޢަތެވެ. މުސްލިމުންގެ ފަރާތުން ނިކުމެވަޑައިގަތީ: ޢުބައިދާ ބިން އަލްޙާރިޘް ރަޟިޔަﷲ ޢަންހު އާއި ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހު އަދި ޙަމްޒާ ބިން ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހު އެވެ. ފުރަތަމަ މި ކުރިމަތި ލމުގައި މުޝްރިކުންގެ ތިން މީހުން ޤަތުލު ކުރިއެވެ. އަދި މުސްލިމުންގެ ތެރެއިން ޢުބައިދާ ބިން އަލްޙާރިޘް ރަޟިޔަﷲ ޢަންހު ޒަހަމްވެ ވަޑައިގެނެންވިއެވެ. އަދި މުސްލިމުންގެ ލަޝްކަރުގެތެރެއަށް އެކަލާގެފާނު ގެންދެވުނެވެ. މިއަށްފަހު މުޅި ދެ ލަޝްކަރާ ދެމެދު ހަނގުރާމަ ފެށުނެވެ.
މިގޮތުން ހަނގުރާމަ ފެށި އެއްބަޔަކު އަނެއްބަޔަކާއި ކުރިމަތިލަމުން ގޮސް ވަކި ހިސާބަކަށް ދިޔަތަނުން މާތް ﷲ ޙައްޤުގެ އަހުލުވެރިންނަށް އެހިތެރިވެވޮޑިގަތެވެ. އެކަލާނގެ އެއްހާސް މަލާއިކަތް ބޭކަލުން ބަދުރުގެ މައިދާނަށް ފޮނުއްވިއެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
( إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنْ الْمَلَائِكَةِ مُرْدِفِينَ ) [ الأنفال 9 ]
މާނަ: “ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ.“ އަދި މަލާއިކަތް ބޭކަލުން މުއުމިނުންނާއެކު ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވަނީ:
( إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ ) [ الأنفال 12 ]
މާނަ: “ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، إيمان ވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! كافر ވި މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ!“ހަމަޔަގީނުންވެސް އެއީ މާތްﷲ މުއުމިނުން ބާރުވެރު ކުރުވުމަށްޓަކައި އެކަލާނގެއާއި ދެމެދު ވާ މުއުމިނުންގެ އީމާންތެރިކަމުގެ ނަތީއްޖާއެވެ. އެކަލާނގެއަށް ދުޢާ ދަންނަވާ ތަވައްކުލު ކުރެއްވުމުގެ ފޮނިމީރުކަމެވެ. އެކަލާނގެ އަށް ނަޞްރުދޭ މީހުންނަށް އެކަލާނގެ ނަޞްރު ދެއްވާނެއެވެ. މާތްﷲ ވަޙީ ކުރައްވަނީ:
( إن تنصروا الله ينصركم ويثبت أقدامكم ) [ محمد 7 ]
މާނަ: “ ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) نصر ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް نصر ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ثابت ކުރައްވާނެތެވެ.“
ހަނގުރާމައިގެ އާޚިރު ނަތީއްޖާ ވެގެންދިޔައީ ޝިރުކުގެ އަހުލުވެރިންނަށް ލިބުނު ބޮޑު ދެރައަކަށެވެ. އެބައިމީހުންނަށް މާދީގޮތުން ލިބުނު އަރައިނުގައިނެވޭ ވަރުގެ ގެއްލުމަކަށެވެ. ޤުރައިޝުންނަށް ލިބުނު ނިކަމެތިކަމެކެވެ. މި ހަނގުރާމައިގެ ސަބަބުން މުސްލިމުންނަށާއި އިސްލާމުންނަށް އެތަކެއް ފައިދާތަކެއް ވިއެވެ. މިގޮތުން މި ހަނގުރާމައިގެ ނަތީއްޖާއަށް ބަލައިލަމާ ހިނގާށެވެ:
- އިސްލާމްދީނާ މެދު ޝައްކު އުފެދިފައިވާ އެތަށް ބަޔަކު ދީނަށް ވަނުން.
- ޤުރައިޝުންގެ ބޮޑުންގެ ކިބުރުވެރިކަން ވެއްޔާއި މޮޑެވިގެންދިޔުން.
- ޢަސްކަރީގޮތުން މުސްލިމުން ބާރުގަދަވުމާއި އެބައިމީހުންގެ ޢިއްޒަތާއި މަތިވެރިކަން އިޙްސާސްކުރެވުން.
- މަދީނާގައި ތިބި މުނާފިޤުންނާއި ޔަހޫދީންގެ ހިތުގައި މުސްލިމުންނާމެދު އޮންނަ ފިތުނަވެރިކަމުގެ ހުޅު ފަޅައިގެން ދިޔައުން.
- އިސްލާމްދީނުގެ ވަރުގަދަ ކަމުގެ ޚަބަރު ޢަރަބި ޖަޒީރާ އާއި ކައިރި ދަޢުލަތްތަކަށް ފޯރުން.
- ހަނގުރާމައިގައި ރަހީނު ކުރެވުނު ފަރާތްތަކުން މާއްދީ އަދި މަޢުނަވީ ފައިދާ ލިބުން. މިގޮތުން ފިދިޔަ ދިނުމާއި މުސްލިމުންގެ ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި އަދި އޭގެ ތެރެއިން ބައެއް މީހުން އިސްލާމްދީނަށް ވަނުން.
އިސްވެ ބަޔާން ކުރެވުނީ އިސްލާމީ ތާރީޚުގައި މުސްލލިމުންނާއި މުޝްރިކުންނާއި ދެމެދު ކުރެވުނު ފުރތަމަ ހަނގުރާމައާއި އޭގެ ނަތީއްޖާއެވެ. ދަންނާށެވެ! އަޅުގަނޑުމެން މަސައްކަތް ކުރަންވީ މާތްﷲ ގެ ރުއްސެވުން ހޯދުމަށެވެ. އަޅަމެން އެކަލާނގެ ރުއްސަވާ އަޅުންގެ ތެރޭގައި ލައްވާނދޭވެ! އަދި އެކަލާނގެ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންކަމުގައި ލައްވާނދޭވެ! އާމީން.
މި ލިޔުމަކީ ނޫރުލް އިސްލާގައި 4 ފެބުއަރީ 2012 ގައި ޝައިޚް ޢަބްދުލް ހާދީ ހުސައިން ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ.