ފަރުތަކުން އުފެދި ބޮޑުވެފައިވާ މި ޖަޒީރާ ރަށްތަކަކީ ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތަކުގެ އަގުހުރި މިސާލެއް ކަމަށް އެންވަޔަރްމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދިރޭތަކެތީގެ ނަސްލުތަކާއިބެހޭ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބާގައި ނެރުއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ މި އާދަޔާ ޚިލާފު މާޙައުލުގައިވާ އާދަޔާ ޚިލާފު ކަންތައްތަކާއި ދިރުންތަކަކީ ދިވެހިން އަޖައިބުވާ ދިވެހިންގެ ފަޚުރެއް ކަމަށެވެ. އަދި އެ އަޖައިބު ދެކިލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ކެތްމަދުވެފައިވާ އަޖައިބެއް ކަމަށެވެ.
މިދުނިޔޭގައި ލައްވާފައިވާ ދިރުންތަކާއި ވަސީލަތް ތަކުގެ އަގު ވަޒަންކުރުމުގައި މިހާތަނަށް އިންސާނާ ވަނީ ނުކުޅެދިފައި ކަމަށާއި ދިވެހި ފަރުތަކާއި ކަނޑުތަކުގައިގެ އަގުވެސް ހަމަ އެފަދައިން ގުނާ ޢަދަދު ނުކުރެވޭނެ ކަމަށާއި އެއީ ސިއްރުތަކަކުން ފުރިފައިވާ، ހަމަ ހިމޭންކަމާއެކު އޮވެ އެތައް ފައިދާތަކެއް ދިވެހިންނަށް ކޮށްދޭ ޚަޒާނާއެއް ކަމަށްވެސް މިނިސްޓަރ ވިދާލުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެޚަޒާނާއިން ހިތުހުރިވަރަކަށް ބޭނުން ކުރަމުން ދާއިރު އެޚަޒާނާއަށް އެތައް ގިނަގުނަ ގެއްލުން ތަކެއްވެސް އަންނަނީ ދެމުން ކަމަށާއި ކަނޑުތަކުގެ މުއްސަނދި ދިރުންތަކާއި މާޙައުލަށް ދިވެހިން ބަރޯސާވެފައިވާ މިންވަރަކީ އެއްވެސް ފަރާތަކަށް އޮޅިފައިވާނެ ކަމެއްނޫން ކަމަށެވެ.
އިންސާނުންގެ ޢަމަލުތަކާހެދި މިދުނިޔެއިން އެތައް ދިރުމެއް ނެތި ހުސްވެ، އެތައް މާޙައުލެއް ނެތި ހަލާކުވަމުންދާ ކަމަށާއި ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ކަނޑުތަކަށް އެތައް ހާސްޓަނެއްގެ ޕްލާސްޓިކު އިތުރުވަމުންދާކަންވެސް މިނިސްޓަރގެ ޚިތާބުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
”އެ ޕްލާސްޓިކާއި އެހެނިހެން ކުންޏަކީ ދިވެހި ކަނޑާއި ފަރުތަކުގައިވެސް ދުވަހުން ދުވަހަށް އިތުރުވެ، ދިވެހިން އެތަކީގެ މައްޗަށް ކެއުމާއި އިޤްތިސާދު ބިނާކޮށްފައިވާ މަސްމަހާމެއްސާއި ކަނޑުގެ އެހެނިހެން ދިރުންތަކާއި ފަރުތަކަށް އިޔާދަ އަދި އަހަރަކު އެތައް މިލިއަން ދިރޭތަކެތި ދުނިއިން ނެތިދިއުމަށް މެދުވެރިވާ ސަބަބު. ނުކުރެވޭފަދަ ގެއްލުންތަކެއް ދެމުންދާ އެދިރުންތަކާއި މާހައުލުތަކަށް ދެވޭ ގެއްލުމަކީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދިވެހިންނަށް ލިބޭ ގެއްލުމެއް“ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.