މާލެއިން ފުރައިގެން ހައްދުންމައްޗަށް (ލ. އަތޮޅަށް) ދަތުރުކުރި ބީތެއް މ. އަތޮޅު މުލަކު ފަރަށް އަރައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ 8 މީހުންނާއެކު ދަތުރުކުރި ”ނީލްވިލާ“ ބޯޓު މުލަކު ފަރަށް އެރިކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ 19:50ގައި ކަމަށެވެ. ބޯޓު ފަރަށް އެރި އިރު، 5 ދިވެހިންނާއި 3 ބިދޭސީއެއް ބޯޓުގައި ތިބި ކަމަށާއި އެހެންނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ބުނީ ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފުގެ ޑައިވަރުންނާއި ފުލުހުންގެ އިތުރުން ދޯނީގެ ވެރިފަރާތުން ކުރަމުން އަންނަ ކަމަށާއި ބޯޓު ދިޔަވަމުންދާތީ ދިޔަ ހިއްކުމަށް މުލަކު ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ފެން ހިއްކާ ޕަމްޕުތަކެއް ދީފައިވާ ކަމަށެވެ.
އެރަށު ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން އެއްވެސް އެހީތެރިކަމަށް އެދިއްޖެ ނަމަ ބޯޓު ފުންކުރަން ނިކުތުމަށް ރައްޔިތުން ތިބީ ތައްޔާރަށް ކަމަށެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާ އިރު، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަ ވާނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 10:30 އިން ފެށިގެން ހަވީރު 15:30 އަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ.
އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބެލުމަށް ފަހު ދަތުރު ކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.