އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް (އައިއެންއައިއޭ)ގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު 2 ޑްރެޖަރ ގެނައުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ އެދެ ޑްރެޖަރ މި ހަފުތާގެ ތެރޭގައި ގެންނާނެ ކަމަށާއި އެއަށްފަހު 3 ޑްރެޖަރ ބޭނުންކޮށްގެން، ހުރިހާ އިރަކުވެސް މަދުވެގެން ދެ ޑްރެޖަރު އެއްފަހަރާ ބޭނުން ކުރެވޭނެ ކަމަށެވެ.
އެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވީ ނަމަވެސް ގާތްގަނޑަކަށް 30 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ހިއްކާ ނިމިފައިވާ ސަރަޙައްދުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި ރަންވޭއަކަށް ބިން ހިއްކާތީ، ޢާންމުކޮށް ބިން ހިއްކާ ވަރަށްވުރެ ރަނގަޅު ފެންވަރެއްގައި މަސައްކަތްކޮށް، ފަސްގަނޑު ވަރުގަދަ ކުރުމަށްވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އަދި ސީޕްލޭން ޖައްސާ ދިމާލުން ވެލި ނަގަން ޖެހުމާއި 24 ގަޑިއިރު ފްލައިޓް އޮޕަރޭޓް ކުރާ އެއަރޕޯޓަކަށްވުމުން މަސައްކަތަށް ގޮންޖެހުންތަކެއް ދިމާވެފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) ޙަވާލުކޮށްފައިވާ މި މަޝްރޫޢުގެ ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައިވާ ޔޫއޭއީގެ ގަލްފް ކޮބްލާ އިން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައި 25 ގައެވެ.
373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭ ހަދާ ނިމުމުން ގާތްގަނޑަކަށް 30 އިންސައްތަ ނުވަތަ 62 ހެކްޓަރު އެއަރޕޯޓަށް އިތުރުވެގެންދާނެއެވެ.
އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއަރބަސް އޭ380 ވެސް ޖެއްސޭ ވަރުގެ އެ ރަންވޭގައި މި މަޝްރޫއުގެ ދަށުން 120،000 ޓަނުގެ ކާގޯ ޓަރމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާރމެއް ވެސް ހިމެނެއެވެ.