
ޖެންޑަރ މިނިސްޓްރީއަށް ފާއިތުވި މަހު އެންމެގިނައިން ހުށައެޅިފައިވަނީ ކުޑަކުދިންގެ މައްސަލަތައް
ޖެންޑަރ މިނިސްޓްރީއަށް ހުށައެޅުނު ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 52 އިންސަައްތަ މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައްކަމަށް އެމިނިސްޓްރީގެ ޑިރެކްޓަރ ޢަބްދުﷲ އަޝްރަފް ވިދާޅުވިއެވެ.
އަދި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން 57 އިންސައްތަ މައްސަލައަކީ ޖިންސީ މައްސަލަތަކަށްކަމަށްވާއިރު، މިމައްސަލަތަކުގެ 30 އިންސައްތައަކީ ޖިސްމާނީ އަނިޔާތަކާ ގުޅުންހުރި މައްސަލަތައްކަމަށާއި، 10 އިންސައްތަ މައްސަލައަކީ ނަފްސާނީ އަނިޔާތަކާ ގުޅުންހުރި މައްސަލަތައްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހަކަށް އައިސް ސައިބަރ ކްރައިމްގެ މައްސަލަތައް އިތުރުވަމުންް އަންނަކަަން ފާހަގަކުރައްވަމުން އެމިނިސްޓްރީގެ ޕްރޮޓެކްޝަން ކޮންސަލްޓަންޓް ވިދާޅުވީ، މިދިޔަ މަހުގެ ތެރޭގައިވެސް މިފަދަ މައްސަލައެއް އެމިނިސްޓްރީއަށް ހުށައެޅިފައިވާކަމަށެވެ.
މިފަދަ މައްސަލައެއް ހުށައެޅުމަށް ބޭނުންފުޅުވާ ފަރާތްތަކުން އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3328393 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހޮޓްލައިން ނަންބަރު 3000600 ނަންބަރު ފޯނަށް ގުޅުއްވުމަށް އެމިނިސްޓްރީއިން އިލްތިމާސްކުރައްވައެވެ.
އަދި ހަމަ އެހެންމެ ސިޓީގެ ޒަރިއްޔާއިންނާއި މިނިސްޓްރީއަށް ޙާޒިރުވުމުގެ އިތުރުން މިފަދަ މައްސަލަތައް ހުށައެޅުމަށް ޚާއްޞަކުރެވިފައިވާ އަހަން މޯބައިލް އެޕްލިކޭޝަން ވެސް ބޭނުން ކުރެވިދާނެކަމަށް އެމިނިސްޓްރީން ހާމަކުރައްވައެވެ.