ޚަބަރު ފީތާ

ސޫރަތުލް ޢަލަގި (3)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު، 11 ސެޕްޓެންބަރު 2017 އާ ގުޅޭ

(عَبْدًا إِذَا صَلَّىٰ ﴿١٠﴾ ) އަޅަކު ނަމާދު ކުރާ ހިނދުގައެވެ.

މި އާޔަތުގައި މވާ (عَبْدًا)ގެ މުރާދަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ.

އާޔަތް ބާވާލެއްވުނު ސަބަބު:

އަބޫ ޖަހުލުގާތު ބުނެވުނެވެ. ހަމަކަށަވަރުން މުޙައްމަދު ކަޢުބާގެ ކައިރީގައި މީސްތަކުންގެ ކުރިމަތީގައި ނަމާދު އެބަ ކުރެއެވެ. އެކަލޭގެފާނު މީސްތަކުން ފިތުނަވެރިކޮށް އެމީހުންގެ އިލާހުންތަކާއި ބުދުތަކާ ދުރުކޮށް ހުރަސްއަޅަނީއެވެ.

ފަހެ އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނު ހުރަސްކޮށްފައި އޭނާ ދިޔައެވެ. އަދި އެފަދައިން ޢަމަލުކުރުން އެކަލޭގެފާނަށް ނަހީކުރަމުން ބުންޏެވެ. މިކަން ނުކުރާށޭ ކަލޭގެފާނުގެ ގާތުގައި ބުނުމުންވެސް މިކަން ތިކުރަނީ ކީއްވެ ހެއްޔެވެ؟ ފަހެ އޭނާއަށް އިންކާރުކުރުމަށްފަހު ނަބިއްޔާ صلى الله عليه وسلم އެނބުރި ވަޑައިގަތެވެ.

އަނެއްކާވެސް މުޙައްމަދު صلى الله عليه وسلم ނަމާދުކުރައްވާ ކަމުގައި އަބޫ ޖަހުލުގެ ކައިރި ބުނެވިއްޖެއެވެ. ފަހެ، އޭނާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އެކަލޭގެފާނު ފެނިއްޖެއްޔާ އެކަލޭގެފާނުގެ ކަރަށް ފައިން އަރާނަމެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅަށް ވެލި ޖަހާނަމެވެ. ދެންފަހެ އެއްދުވަހެއްގައި ކަޢުބާގެ ކައިރީގައި އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް ފެނިގެން އޭނާ އަތުވެއްޖެއެވެ.

އަދި އޭނާކޮށްފައިވާ ހުވަޔާ އެއްގޮތަށް ކަންތައް ކުރަން ބޭނުންވެއްޖެއެވެ. އެކަލޭގެފާނުގެ އަރިހަށް އައިއިރު އޭނާއަށް ފެނުނީ އޭނާއާ އެކަލޭގެފާނުގެ ދެމެދުގައި އަލިފާނުގެ ވަޅުގަނޑެކެވެ. އަދި ބިރުވެރި މަންޒަރުތަކެއް އޭނާއަށް ފެނުނެވެ. ފަހެ، އެނބުރި ފަސްދީފާ އޭނާ ދިޔައީއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް އެއްވެސް ގޯނާއެއް ކުރުމަށް އޭނާ ނުކުޅެދުނެވެ.[1]

(أَرَأَيْتَ إِن كَانَ عَلَى الْهُدَىٰ ﴿١١﴾) ”ތިބާ خبر ދީބަލާށެވެ! އޭނާ ތެދުމަގުގައި ވީނަމަވެސް ހެއްޔެވެ؟“

މި އާޔަތުގައި މުޚާޠަބު ކުރެވެނީ އަބޫ ޖަހުލަށެވެ. އޭނާ އަށް ބުނެވުނެވެ. ސަޖިދައިގައި މިއޮންނެވި މުޙައްދަމު صلى الله عليه وسلّم އެވަނީ ތެދުމަގުގައިކަމުގައިވާނަމަ ފަހެ، ތިބާ އެކަލޭގެފާނު ތިޔަ މަނާކުރަނީ ކޮން ފަދައަކުން ހެއްޔެވެ!

(أَوْ أَمَرَ بِالتَّقْوَىٰ ﴿١٢﴾) ”ނުވަތަ تقوى ވެރިވުމަށް أمر ކުރިނަމަވެސް ހެއްޔެވެ؟“

ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މި އާޔަތުގައި މިވާ (أَوْ) އައިސްފައިމިވަނީ “އަދި” ގެ މާނައިގައެވެ. އެބަހީ: އަދި “ތަޤްވާވެރިވުމަށް އަމުރުކުރެއްވި” މިފަދައިންނެވެ.

އެހެން ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި މި އާޔަތުގައި (أَوْ) އައިސްފައި އެވަނީ އޭގެ އަޞްލުމާނައިގައެވެ. އެއީ “ނުވަތަ”ގެ މާނައިގައެވެ. އެބަހީ: ”އެކަލޭގެފާނު ކުރައްވާ ސަޖިދައާއި ނަމާދާއި މިކަންކަމުގައި ތެދުމަގުގައި ވީނަމަވެސް ހެއްޔެވެ؟“ ނުވަތަ ”އެހެންމީހުންނަށް ތަޤްވާވެރިވުމަށް އަމުރުކުރެއްވިކަމުގައި ވީނަމަވެސް ހެއްޔެވެ؟“ އެހެނީ ނަބިއްޔާ صلى الله عليه وسلّم އަކީ އެއްވެސް ޝައްކެތްނެތްގޮތުގައި ތަޤްވާވެރިވުމަށް އަމުރުކުރެއްވި ބޭކަލެކެވެ. ފަހެ، އެކަލޭގެފާނީ ޞާލިޙު އަދި އެހެން މީސްތަކުން އިޞްލާހުކުރެއްވުމަށް މަސައްކަތް ކުރެއްވި ބޭކަލަކެވެ.

(أَرَأَيْتَ إِن كَذَّبَ وَتَوَلَّىٰ ﴿١٣﴾ ) ”ތިބާ خبر ދީ ބަލާށެވެ! އޭނާ ދޮގުކޮށް ފުރަގަސްދިންނަމަވެސް ހެއްޔެވެ؟“

(أَلَمْ يَعْلَم بِأَنَّ اللَّـهَ يَرَىٰ ﴿١٤﴾) ”ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ؟“

ނަމާދު ކުރުން މަނާކުރެވުނު ފަރާތްކަމުގައިވާ، ހެޔޮކަމަށް އަމުރުކުރައްވާ މުޙައްމަދު صلى الله عليه وسلّم އެއިލާހު ދެކެވޮޑިގެންވެއެވެ. އަދި ނަމާދުކުރާ މީހާ ހުއްޓުވަން މަސައްކަތް ކުރާ ހައްދުފަހަނަ އަޅާފައިވާ މީހާވެސް އެއިލާހު ދެކެވޮޑިގެންވެއެވެ.

އެއިލާހަށް ދެކެވޮޑިގަތުން ދެގޮތަކުން ނިސްބަތްކުރެއެވެ. އެއީ ޢިލްމުފުޅުން ދެކެވޮޑިގަތުމާއި ބައްލަވާވޮޑިގަތުމެވެ. ކިތަންމެ ފޮރުވިފައިވާ އެއްޗެއްވެސް އެއިލާހު ދެކެވޮޑިގެންވެއެވެ. އަދި ކިތަންމެ ދުރުގައިވާ އެއްޗެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ.

އަދި ކިތަންމެ ގިނަވިޔަސް މަދުވިޔަސްމެއެވެ. އެހެންކަމުން އަމުރުކުރާ ފަރާތާއި ނަހީކުރާފަރާތާއި ނަމާދުކޮށް ސަޖިދަކުރާ ފަރާތާއި ހައްދުފަހަނައަޅާ ފަރާތްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ.

ﷲ އަށްޓަކައި ނިކަމެތިވެއްޖެމީހާ ދަންނައެވެ. ކޮންމެ އިންސާނަކަށްވެސް އޭނާ ކުޅަޢަމަލެއްގެ ޖަޒާދެއްވާނެއެވެ. މިޢާޔަތުގައި މިވާ އިންޛާރުގެ ބަހުގެ މަޤްޞަދަކީ މީހަކު ނަމާދުކުރަނިކޮށް މަނާނުކުރުމަށެވެ. އަދި އެމީހެއްގެ ޙާލު ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަމެވެ. އަދި ނަމާދުކުރަނިކޮށް މަނާކުރާމީހުންގެ ޙާލުވެސް މޮޅަށް ދެނެވޮޑިގެންވެއެވެ.

ކޮންމެ މީހަކަށްމެ ޙައްޤު ޖަޒާ އެއިލާހު ދެއްވާނެއެވެ. މިއީ ނަބިއްޔާ صلى الله عليه وسلّم ނަމާދުކުރައްވާއިރު މަނާކުރަމުން ދިޔަ މީހާއަށް ހުރި އިންޛާރެކެވެ. އެބަހީ: ﷲ ތަޢާލާ ބައްލަވާވޮޑިގެންވާކަމާއި އެއިލާހު އޭނާ ދެނެވޮޑިގެންވާކަން އޭނާއަށް ނޭނގެނީ ހެއްޔެވެ. އެއިލާހީ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ދުނިޔޭގައި ނުވަތަ އާޚިރަތުގައި އޭނާއަށް އެކަމުގެ ޖަޒާ ލިބިގެންދާނެވެ.

(كَلَّا لَئِن لَّمْ يَنتَهِ لَنَسْفَعًا بِالنَّاصِيَةِ ﴿١٥﴾)

﴿كَلاَّ ﴾

ގެ މާނައަކީ “ޙައްޤު”ގެ މާނައިގައެވެ. އަދި ބިރުގެންނެވުމުގެ މާނަ އެކުލެވުމުގެ އިޙްތިމާލު އެބަ އޮތެވެ. އެބަހީ: ﷲ ގެ ރަސޫލާ صلى الله عليه وسلم އާ މެދު އިހާނެތިކޮށް ހިތައިމީހާ ބިރުގެންނެވުމަށެވެ.

﴿ كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِالنَّاصِيَةِ ﴾

މާނައީ: “އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”

މިޖުމުލައަކީ ހުވާގެ ޖަވާބުގައި އަންނަ ޖުމްލައެވެ. އޭގެ މާނައީ: “ﷲ ގަންދީ ބުނަމެވެ. އޭނާ އެކަންތައް ހުއްޓައިނުލިނަމަ، ތިމަންއިލާހު އޭނާގެ ނިތްގަނޑުގައި ހިއްޕަވައި ނަރަކަޔަށް ގެންދަވާހުށީމެވެ.”

މިތަނުގައި ޝަރުޠުގެ ޖަވާބާއި ހުވާގެ ޖަވާބު އެކުއެކީގައި އައުމުން ޝަރުޠުގެ ޖަވާބު މިވަނީ ފޮހެލެވިފައެވެ. އެހެނީ ޢަރަބިބަހުގެ ޤަވާޢިދަކީ ހުވައަކާއި ޝަރުޠެއް އެކުއެކީ އަތުވެއްޖެނަމަ ފަހުން އަންނަ އެތީގެ ޖަވާބު ފޮހެލެވޭނެއެވެ.

﴿ لَنَسْفَعاً ﴾

ގެ މުރާދަކީ: ވަރުގަދައަށް ހިއްޕަވާ ހުށީމެވެ.

﴿ النَّاصِيَةِ ﴾

ގެ މުރާދަކީ: ނިތްގަނޑެވެ.

އަދި އެކަލިމައިގައި ﴿ ال ﴾ އެވާ އަކީ އަލްޢަހްދު އައްޛިހްނީ ގެ ﴿ ال ﴾ އެވެ. (އެބަހީ: އެކަލިމައިން މުޚާޠަބު ކުރެވެނީ ވަކި މީހެއްގެ ނިތްގަނޑާ ބެހޭގޮތުންކަން އެ ﴿ ال ﴾ ގެ ސަބަބުން އެނގެއެވެ.) މިތަނުގައި ނިތްގަނޑުގެ މުރާދަކީ އަބޫ ޖަހުލުގެ ނިތްގަނޑެވެ. އެއީ ނަބިއްޔާ صلى الله عليه وسلم އަށް ވަޢީދުގެ ބަސްބުނެ ނަމާދުކުރުމަށް މަނާކޮށް އުޅުނު މީހާއެވެ. އެބަހީ: “އޭނާގެ ނިތްގަނޑުގައި ހިއްޕަވާ ހުށީމުއެވެ.”

މީގެ މުރާދަކީ ދުނިޔޭގައި އޭނާގެ ނިތްގަނޑުގައި ހިފެވޭނެ ވާހަކަ ހެއްޔެވެ؟ ނުވަތަ އާޚިރަތުގައި އޭނާގެ ނިތްގަނޑުގާ ހިފި، އޭނާ ދަމާފާ ނަރަކައަށް ގެންދެވޭނެ ވާހަކަ ހެއްޔެވެ؟ މިދެގޮތުގައިވެސް އިޙްތިމާލު އެބައޮތެވެ. ބަދުރު ހަނގުރާމާގައި އޭނާގެ ނިތްގަނޑުގައި ހިފެވުނެވެ. އެއީ މުޝްރިކުންގެ ތެރެއިން ޤަތުލުކުރެވުނު މީހުންނާއެކު ޤަތުލުކުރެވުނު ހިނދެވެ. އަދި ޤިޔާމަތްދުވަހު އޭނާގެ ނިތްކުރީގައި ހިފި، ނަރަކައަށް އެއްލާލެވޭނެކަމުގެ އިޙްތިމާލުވެސް މިތަނުގައި އެބައޮތެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

﴿ يُعْرَفُ الْمُجْرِمُونَ بِسِيمَاهُمْ فَيُؤْخَذُ بِالنَّوَاصِي وَالْأَقْدَامِ ﴾ [الرحمن: 41]

މާނައީ: ” (އެދުވަހުން) ކުށްވެރިން އެއުރެންގެ ފާހަގައިން އެނގޭނެއެވެ. ފަހެ، ނިތްގަނޑުތަކާއި ފައިތަކުގައި ހިއްޕަވައިގެން، އެއުރެން ގެންދަވާނެތެވެ.”

އާޔަތުން ދެޞައްޙަމާނަ ނެގިފައި އެއްމާނަ އަނެއް މާނައާ ފުށުނާރާނަމަ ވާޖިބުވެގެންވަނީ ދެމާނަވެސް އެއާޔަތުން ނެގުމެވެ. އެއީ ޢިލްމުވެރިން ދަނެވަޑައިގަންނަވާ ކަމެކެވެ. އަދި އެފަދައިން އަޅުގަނޑުމެންވާނީ ކުރިންވެސް ބަޔާންކޮށްފައެވެ.

[1]  أخرجه مسلم كتاب صفات المنافقين باب قوله:) إِنَّ الْأِنْسَانَ لَيَطْغَى* أَنْ رَآهُ اسْتَغْنَى) (2797) (38) .

ނުނިމޭ………

Rate this post