ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ޗެއާ އަހުމަދު ޒުހޫރު މިއަދު އައްޔަން ކުރައްވައިފި އެވެ.
އަހުމަދު ޒުހޫރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރގެ މަގާމަށް އައްޔަން ކުރީ ކުރިން އެމަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުﷲ އެމަގާމުން ވަކިކުރުމަށް ފަހުގައެވެ.
މިކަން ކަށަވަރުކޮށް ދެމުން ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުން ޝުކޫރު ވަކި ކުރެއްވުމަށް ފަހު، އެ މަގާމަށް ޒުހޫރު މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.
އަދި ޝުކޫރު އެ ނަގާމުން ވަކިކުރުމަށް ފަހުގައި އެހެން މަގާމަކަށް ވެސް އަދި އައްޔަން ކުރައްވާފައި ނުވާ ކަމަށް ވެސް ނިޒާރު ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޒުހޫރަކީ މީގެކުރިން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޒުހޫރު އެމަގާމު ފުރުއްވާފައިވަނީ ރައީސް ޔާމީންގެ މި ވެރިކަމުގައެވެ.
ޒުހޫރު ވަނީ ޔާމީންގެ މި ވެރިކަމުގައި ޔޫތު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓަރުކަން އަދި ހޯމް މިނިސްޓަރުކަން ވެސް ކުރަށްވަވާފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ޒުހޫރު އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.
ޝުކޫރު ވަނީ މީގެ ކުރިންވެސް ސްޓެލްކޯގައި ގިނަ އަހަރުތަކެއް ވަންދެން މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައެވެ.