އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެޕާޓީން ވަކިކުރުމަށް ޕެޓިޝަނެއް ހުށްހަޅައިފިއެވެ.
އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 50 މެމްބަރުން ސޮއިކޮށް އެމްޑީޕީއަށް ސިޓީއެއްގައި އެޕާޓީގެ ޢާންމު މެމްބަރެއްގެ ގޮތުގައި އަލްހާން ހުންނަވައި ޕާޓީގެ އަސާސީ ޤަވާޢދާ ޚިލާފު ޢަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށް ވަނީ ބުނެފައެވެ.
އެގޮތުން އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކޮށްގެން ބައިވެރިވެފައިވާ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އަލްހާން ޤަބޫލު ނުކުރައްވާ، އެމްޔޫއޯ އާއި އިދިކޮޅު ހަރަކާތްތައް ހިންގަވާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އަދި ދައުލަތުގެ މީޑިއާގައި އެމްޑީޕީއަށް ގެއްލުން ދިނުމަށް ތަކުރާރުކޮށް ވާހަކަދައްކަވާފައިވާ ކަމަށާއި އެޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް އިންތިޚބުކޮށްފައިވާ ޕާޓީގެ މަޤާމުތައްވެސް ޤަބޫލުނުކޮށް މަސްލަހަތު ނަގާލުމަށް އެޕާޓީގެ މައި އޮފީހަށް ވަންނަވައި އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީ ނުވަތަ ޕެޓިޝަނަށް ޖަވާބުދާރީވުމަށް މި އޮކްޓޯބަރ މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30އަށް އެމްޑީޕީ އޮފީހަށް ވަޑައިގެން ނުވަތަ ލިޔުމުން ޖަވާބުދާރީވުމަށް ވަނީ ފުރުޞަތުދީފައެވެ. އަދި ލިޔުމުން ޖަވާބުދާރީވާ ނަމަ، ބުރާސްފަތި ދުވަހުގެ މެންދުރު 3:00ގެ ކުރިން ޖަވާބުދާރީ ވުމަށްވެސް ވަނީ އަންގާފައެވެ.
މިކަމާއި ގުޅިގެން އަލްހާން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަސާސީ ޤަވާޢިދާ ޚިލާފަށް އެއްވެސް ޢަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެ ޕާޓީއަކީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް އެކުލަވާލި ޕާޓީއެއް ކަމަށެވެ.
އަދި އޭނާ ވިދާޅުވީ އެފަދަ ގޮތަކަށް އެމްޑީޕީން އޭނާއާ މެދު ޢަމަލު ކުރަނީ2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އޭނާ ނިންމެވުމާއި ގުޅިގެން ކަމަށެވެ.