ޓޫރިޒަމް ބިމުކުއްޔާއި ޖޫރިމަނާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މީރާއިން ވަނީ ޝަރީޢަތަށް ހުށަހަޅާފައި

ޓޫރިސްޓް ރިޒޯޓް ނުވަތަ ހޮޓާ ތަރައްޤީކޮށް ހިންގުމަށްޓަކައި ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށް ނުވަތަ ބިމުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ 13 ފަރާތެއްގެ މައްސަލަ މިދިޔަ މަހު ޝަރީޢަތަށް ފޮނުވާފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.

އެ ފަރާތްތަކަކީ ނ. ރާފުށި ކުއްޔަށް ހިފާފައިވާ އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް، ތ. ކަޅުފަހަލަފުށި ކުއްޔަށް ހިފާފައިވާ އޭޝިއާ ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް، ބ. ކިހާދުއްފަރު ކުއްޔަށް ހިފާފައިވާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް، އދ. ތެލުވެލިގާ ކުއްޔަށް ހިފާފައިވާ ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް، ހދ. ހަނިމާދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ސިޓީ ހޮޓެލް ހަނިމާދޫ ޕްރައިވެޓް ލިމިޓެޑް، އއ. މަޑޫގަލި ކުއްޔަށް ހިފާފައިވާ ބްލޫ ލެގޫން އިންވެސްޓްމެންޓްސް ޕްރައިވެޓް ލިމިޓެޑް، ހއ. ބީނާފުށި ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ހއ. އަލިދޫ ކުއްޔަށް ހިފާފައިވާ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ލ. ކައްދޫ އިން ބިމެއް ކުއްޔަށް ހިފާފައިވާ ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް، ތ. އެލާ ކުއްޔަށް ހިފާފައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، މ. މެދުފުށި ކުއްޔަށް ހިފާފައިވާ މެދުފުށި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް، ފ. ފިލިތެޔޮ ކުއްޔަށް ހިފާފައިވާ ތްރީ އޭ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ހދ. ކުޑަމުރައިދޫ ކުއްޔަށް ހިފާފައިވާ ޖޭއެޗް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑް އެވެ. މީގެ އިތުރުން މަރުޙޫމް އަޙުމަދު ވަހީދު އަށް ކުއްޔަށް ދޫކޮށްފައިވާ ރ. މާމިގިލިގެ ކޭސް ވަނީ މައްސަލަ ރައްދުވާ ފަރާތް ނިޔާވެފައި ވާތީ އަދި ސިވިލް ކޯޓުގައި ރެޖިސްޓްރީ ނުކުރެވިފައެވެ.

އިޝްތިހާރު Below Header ad

މީގެތެރެއިން ބ. ކިހާދުއްފަރު، އދ. ތެލުވެލިގާ، އއ. މަޑޫގަލި، ހއ. އަލިދޫ، މ. މެދުފުށި އަދި ފ. ފިލިތެޔޮ، ރ. މާމިގިލިއަކީ ރިޒޯޓް ތަރައްޤީކޮށް ހިންގަމުން ގެންދާ ރަށްރަށެވެ. އަދި ހދ. ހަނިމާދޫ އިން ދޫކޮށްފައިވާ ބިމުގައި ސިޓީ ހޮޓަލެއް ވެސް ދަނީ ހިންގަމުންނެވެ.

މި މައުލޫމާތު އިއްޔެ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ފަތުރާފައިވަނީ ކަމުގެ މައުލޫމާތު ރަގަޅަށް އޮޅުން ނުފިލުވައި، ވަކި ފަރާތެއްގެ މައްސަލައެއްގެ ގޮތުގައި، ޙަޤީޤަތް އޮޅޭގޮތަށްކަން މީރާއިން ހިތާމައާއެކު ފާހަގަކުރެއެވެ. އަދި ރަނގަޅަށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް އެ އޮތޯރިޓީން އިލްތިމާސް ކުރެއެވެ.

މީރާއިން މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓޫރިޒަމް ބިމު ކުއްޔާއި ޖޫރިމަނާ ނުދައްކައިގެން ޝަރީޢަތަށް ހުށަހަޅާފައިވާ މައްސަލައެއް އަނބުރާ ގެނެވޭނީ އެ ފައިސާ ދެއްކުމުން ނުވަތަ ފައިސާ ދައްކާނެ ގޮތަކާމެދު މީރާ އާއެކު އެއްބަސްވުމަކަށް އައުމުން ނުވަތަ  އެ ފައިސާ ދައްކަންޖެހުން ހުއްޓުވުމަށް ކޯޓު އަމުރެއް ނެރުން ނުވަތަ އެއީ، އެ ވަގުތަކަށް ދައްކަން ނުޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި ކުލީގެ އެއްބަސްވުމަށް އެ ފަރާތާއި ދިވެހި ސަރުކާރުން ބަދަލު ގެނައުމުންނެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަކީ މީރާގެ ޤާނޫނީ ޒިންމާއެކެވެ. އެ ފައިސާ ހޯދުމުގައި އެ އޮތޯރިޓީން ޢަމަލު ކުރަމުންދަނީ އެ އޮތޯރިޓީގެ އެންފޯސްމެންޓް ޕޮލިސީ ގައި ކަނޑައަޅާފައިވާ ހަމަތަކުގެ މަތިންނެވެ.

ޝަރުޢީ މަރުހަލާގައިވާ މީރާ އާ ގުޅުންހުރި ހުރިހާ މައްސަލަތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓްގައި އަބަދުވެސް ގެންދަނީ ޝާއިޢު ކުރަމުންނެވެ. މިގޮތުން މިހާތަނަށް އެ އޮތޯރިޓީން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން، ނިމިފައިވާ  214 މައްސަލައެއް ކާމިޔާބު ކޮށްފައިވަނީ މީރާއިން ނެވެ. އެހެންކަމުން މީރާއިން މައްސަލަތައް ޝަރީޢަތަށް ފޮނުވަމުން ގެންދަނީ ވަކި ފަރާތަކަށް ބުރަނުވެ، ހަމަހަމަ ކަމާ އެކުގައި ކަން ފާހަގަ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.