ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ވަކިވަކިން ހިންގި މި ޚާއްޞަ ތިން އޮޕަރޭޝަނެއްގައި ހުޅުލެ އާޢި ހުޅުމާލެ އަދި މާލެއިން 25 ކިލޯ އަށް ވުރެ ގިނަ މަސްތުވާ ތަކެތި ވަނީ އަތުލައިގަނެފައެވެ.
މީގެތެރެއިން ދެ އޮޕަރޭޝަން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގި އިރު، އެ ދެ އޮޕަރޭޝަންގައި 18 ކިލޯގެ މަސްތުވާތަކެތިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ތިންވަނަ އޮޕަރޭޝަނުގައި 8 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ މާލެއިންނެވެ.
މި އޮޕްރޭޝަން އާބެހޭ މަޢުލޫމާތު ދިނުމަށް ކަސްޓަމްސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ޓްރިވެންޑްރަމުން އައި 31 އަހަރުގެ އަންހެނެއްގެ ދަބަހުން ހަތް ކިލޯގެ ހަޝިޝް އޮއިލް އާއި އެއް ކިލޯގެ ހިރޮއިން ފެނިފައިވާ ކަމަށެވެ.
އަދި އަންހެންމީހާ އެތެރެކުރި އެ ތަކެއްޗާއި ޙަވާލުވާން އުޅުނު 21 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި އެ ދުވަހު 10:30 ހާއިރު ރާއްޖެ އައި އެ އަންހެންމީހާ ގެނައި މަސްތުވާތަކެތި ހުރީ ބައެއް ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކެޓްތަކެއްގައި ކަމަށާއި އެ އަންހެންމީހާ އާއި އަނެއް ދެ މީހުން ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރަން ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މިމަހުގެ އެއްވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުން އައި 28 އަހަރުގެ މީހެއްގެ ދަބަހުން 10 ކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށާއި މިމައްސަލާގައި 22 އަހަރާއި 27 އަހަރުގެ ދެމީހަކު ހައްޔަރުކޮށް އެދެމީހުން ދިރިއުޅޭ ގެ ބަލާ ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. އަދި އެ ދެމީހުން ދިރިއުޅޭ ގެއިން ހަތްކިލޯގެ ހަޝިޝް އޮއިލް ފެނިފައިވާ ކަމަށާއި އެ މީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.