ބަރުބާދުވި ޙަޔާތް (1)

އަޙްމަދު ނާފިޢު(އަނާ)

މިއީ ހިނގާފައިވާ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް މިވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަވަނީ ބަދަލުކުރެވިފައެވެ.

 ސ.ހިތަދޫ / ބަރުބާދުގޭ އަލީ ސަލީމް (އަސްލު ނަމެއް ނޫން) އާއި އެރަށު / ބަރޯސާގޭ ހުސްނާ ޢުމަރާއި (އަސްލު ނަމެއްނޫން) ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 20 އަހަރު ވީއިރު އެދެމަފިރިންނަށް 3 ކުދިން ވަނީ ލިބިފައެވެ. އެތިން ކުދިންގެ ތެރޭގައި ޢުމުރުން 10 އަހަރުގައި ބާލިޣުވެ ފުރާ ފުރިހަމަވެފައިވާ ޒުވާން ރީތި އަންހެން ކުއްޖަކު ހުރެއެވެ.

އިޝްތިހާރު Below Header ad

އޭނާގެ ނަމަކީ ސާރާ އަލީ (އަސްލު ނަމެއް ނޫން) އެވެ. ސާރާ އަކީ އެދެމަފިރިންގެ އެންމެ ދޮށީ ދަރިފުޅުވެސް މެއެވެ. މި ތިން ކުދިންގެ އިތުރުން މިގޭގައި އިތުރު މީހަކު އުޅެމުން ދެއެވެ. އެމީހަކީ މާލެއަށް ނިސްބަތްވާ ހ.ދިލްކޮށާގޭ ފަރުހާދު މޫސާ (އަސްލު ނަމެއް ނޫން) އެވެ. ހުސްނާ، ސާރާ ވިހައިގެން 4 ވަނަ އަށް ވީ ދުވަހުން ފެށިގެން ފަރުހާދު އެގެއަށް ގޮސް އުޅެއެވެ.  ފަރުހާދު ހުސްނާ މެންނާ ރައްޓެހިކަމުގެ ގުޅުން އުފެދުނުފަހުން އޭނާ ސ.ހިތަދުއަށް ގޮސްފިނަމަ ހުންނަނީ ހުސްނާ މެންގޭގައެވެ.

ދުވަހަކަށްވުރެ ދުވަހެއް، މަސްތަކަކަށްފަހު އަހަރުތަކެއް ވޭތުވަމުން ދެއެވެ. ސާރާ އަންނަނީ ބޮޑުވަމުންނެވެ. އޭނާގެ ޢުމުރުން މިހާރު 15 އަހަރު ފުރިއްޖެއެވެ. ޅަޢުމުރުގައި ބާލިޣުވެ ފުރާ ފުރިހަމަ ޒުވާނަކަށް ވުމުން އޭނާގެ ރީތިކަމަށް  މިހާރުވަނީ އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައެވެ. އިސްކޮޅުން ދިގު ހިމަތޮޅި ހަށި ގަނޑެކެވެ. ބުރުސޫރަ ރީތި ފަން އިސްތަށި ގަނޑެކެވެ. ވަޔާ ވިހުރިލާއިރު ހީވަނީ ސާލެއް ފަތުރާލާފައި އޮންނަ ހެންނެވެ. ނަމަވެސް ސާރާގެ ހިތުގައި ނުތަނަވަސް ކަމެއް ވަނީ ފެތުރިފައެވެ.

ހަތަރުކަޅި ހަމަކޮށް ފިރިހެނަކާ ބަލާވެސް  ނުލައެވެ. ހީވަނީ މުޅިއުމުރަށް ފިރިހެނުން މަތިން ފޫހިވެފައިވާ ހެންނެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަނީ ބާވައެވެ. ނޫންނަމަ…. ދެން ކޮން ކަމެއް ބާވައެވެ. ރަށުގެ ފިރިހެނުންގެ ހިތްތައް ކަތިލާފަދަ ޝާހީ ދެލޮލެވެ. ނަމަވެސް ހިތާމައަކީ ކޮބައިހެއްޔެވެ. ދުނިޔެ މަތިން ފޫހިވަނީ ބާވައެވެ. ސާޒް(އަސްލު ނަމެއް ނޫން) އަކީވެސް ރަށުގައި ގަދަރުހުރި ޢުމުރުން 18 އަހަރުގެ ފުރާ ފުރިހަމަ ވެފައިވާ ރީތި ޒުވާނެކެވެ.

ސާރާގެ ލޯތްބަށްޓަކައި އެންމެ ކުޑައިރުއްސުރެވެސް ފެންބޮވައިގެންފައިވާ ޒުވާނެކެވެ. އެކަމަކު…. ކީއްވެ ސާރާ އަހަރެން ދެކެ ރުޅި އަންނަންވީ… އެންމެ ކުޑަ ދުވަހުވެސް ބަތް ކައްކާ ކުޅެން އުޅުނީވެސް އަހަރެންނާއެކު… ކިޔަވަން މާލެ ދިޔަނަމަވެސް ސާރާއަކީ ރަށުގައި އުޅުނު ދުވަސްވަރު ސާޒްގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް މިހާރު ބަލާވެސް ނުލަނީ ކީއްވެބާއޭ ސާޒްގެ ހިތަށް އަރަމުންދެއެވެ.

އެއްދުވަހުގެ ހަވީރުގެ ވަގުތެކެވެ. އިރު ފެނުން ތޮޅެލީ ވަގުތެވެ. ރަށުގެ އަތިރިމަތީ ފަރާތުގައި ހުރި ގަހެއްގެ ނިވަލުގައި ސާރާ ވަރަށް ފިކުރު ބޮޑުވެފައި އިންދާ ސާޒްއަށް ފެނިއްޖެއެވެ. ސާޒް ގޮސް ސާރާގެ ކައިރީގައި އިށީދެއްޖެއެވެ. އެވަގުތު ކަތި ނަޒަރަކުން ވަރަށް ދެރަވެފައި ސާޒް އާއި ދިމާލަށް ބަލާލިއެވެ. ދުރަށްދޭ.. ދުރަށްދޭ… ސާރާ ވަރަށް ބިރު ގަތެވެ.

ބިރުން ހުރެ ވަރަށް ބާރަށް ހަޅޭއް ލަވަން ފެށިއެވެ. ނަމަވެސް އެވަގުތު ސާޒް ފިޔަވައި އެއަޑު އަހާނެ އިތުރު މީހަކު އެތަނުގައި ނެތެވެ. ސާޒް ވަރަށް މަޑުން ހުރެ ސާރާ އާ ސުވާލުކުރަން ފެށިއެވެ. އަދި ބުންޏެވެ. ….. ކީއްވެ ފިރިހެނުން ފެނުމުން ބިރު ގަންނަނީ… އެވަގުތު ސާރާ ވާހަކައެއް ބުނަން ބޭނުންވި ހެން ސާޒް އަށް ހީވިއެވެ. އަދި ބުންޏެވެ. ސާރާ ތި ބުނަން އުޅޭ ވާހަކައެއް ނިކަން އަހަރެންނަށް ބުނެދީބަލަ. އަހަރެން އިތުރު އެއްވެސް މީހަކަށް

ނާންގާނަށް. އަހަރެންނަށް އިތުބާރުކުރޭ ސާރާ. ސާޒް މިހެން ދެތިން ފަހަރަކު މައެއްގެ ގާތުން ޅަދަރިއަކު ކިރުބޯން ރޯފަދަ ރާގަށް ތުން ތަޅަން ފެށުމުން ސާރާ ސާޒްއަށް އިތުބާރުކޮށްފައި ސާރާގެ ހިތުގެ އާދޭސްތައް ސާޒްއަށް ކިޔައިދޭން ފެށިއެވެ. ހަޔާތުގެ ޞޮފުޙާތަކުން ޞޮފްޙާއެއް އުކަން ފެށިއެވެ.

އަޑު އަހާށެވެ. ފިރިހެނުންނަކީ ކޮންފަދަ ބައެއް ހެއްޔެވެ. އެމީހުންނަށް ދަރިންނާ މައިން ވަކިކުރަން ނޭގެނީ ބާވައެވެ. ވަރަށް ފާޑެއްގެ ބައެއް ދޯއެވެ. އެކަމަކު ހުރިހާ ފިރިހެނުންނެއް ނޫނެވެ. މަދު ބައެއްގެ ސަބަބުންނެވެ. އަހަރެން ވަރަށް ކުޑައިރުއްސުރެން ފެށިގެން އަހަރެންގެ ގޭގައި ފަރުހާދު ނަމަކަށްކިޔާ މާލޭ މީހަކު އުޅޭކަން އެނގޭ ނޫންހެއްޔެވެ. އަހަރެންގެ ގޭގައި މީހަކު ނޫޅޭ ވަގުތުތަކުގައި އޭނާ އެކިގޮތް ގޮތުން އަހަރެންނަށް ޖިންސީ ގޯނާތައް ކުރަމުންދެއެވެ.

އަހަންނަށް އޭނާގެ ފަރާތުން އެފަދަ ގޯނާތައް ވާން ފެށީ އަހަރެންގެ ޙަޔާތުގެ ކިހާ ހިސާބަކުންކަން އަހަންނަށް ބުނެދޭކަށްވެސް ނޭނގެއެވެ. ހަނދާން ހުންނަން ފެށިފަހުން (ސްކޫލަށްދާން ނުފަށަނީސް) އޭނާ އަހަރެންގެ ލަދުވެތި ގުނަވަނުގައި ތަފާތު ވައްތަރު  ވައްތަރުގެ ބޭސް އުގުޅާ އަހަރެންގެ ޖިންސީ ގުނަވަނާ ބެހި ހަދައެވެ. އަހަންނަށް މިހާރު ވިސްނޭގޮތުން އަހަންނަށް އޭނާގެ ފަރާތުން ޖިންސީ ހާނިއްކަ ލިބެންފެށީ އަހަރެންގެ ޢުމުރުން ފިރުކެންފެށި ދައުރުގައެވެ.

ސަބަބަކީ އަހަރެންގެ ޢުމުރުން އެންމެ 3 އަހަރުވެސް ނުވަނީސް އަހަރެންގެ އެ ގުނަވަނަށް މައްސަލަތަކެއް ދިމާވެގެން ޑޮކްޓަރަށް ދައްކަން ފެށިކަމަށް މަންމަމެން ބުނެފައިވެއެވެ. އޭރު އަހަރެންނަކީ އެއްވެސް ބާރެއް ނެތް ކުޑަކުއްޖެކެވެ. ކޮންމެ ފަދަ ކަމެއް ކުރިއަސް އަހަންނަކަށް އެކުރަނީ ރަގަޅު ކަމެއްކަން ނުވަތަ ގޯސް ކަމެއް ކަންވެސް ބުނެދޭކަށެއް ނޭގެއެވެ. މިފަދަ ރަޙުމް ކުޑަ ގޮތަކަށް ފަރުހާދު އަހަރެންނާ އޭރުއްސުރެ ބެހެމުން ގޮސްފައިވާއިރު ބެހި ހެދުމަށްފަހު އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް ބުނެ އަހަރެންނަށް އޭނަ އެކިގޮތްގޮތުން ބިރު ދައްކާފައިވެއެވެ.

އެހެންނަމަވެސް ޙާލުގެ ދުލުން އަހަރެންގެ މަންމައަށް މިހުރިހާ ވާހަކައެއްވެސް އަހަރެން ބުނެދިނީމެވެ. އަހަރެންގެ  އެގުނަވަނަށް ތަދުވާ ވާހަކަ އަބަދުވެސް ބުނަމެވެ. އަދި އަހަރެންގެ އެގުނަވަނުން އެއްޗެހި އަންނާތީ އެކަމާ ފަރުވާ ހޯދާފައިވެއެވެ. އަދި އަހަރެންގެ ގޭގައި އުޅޭ ފަރުހާދު ދެކެ ފޫހިވާކަމަށް ބުނަމެވެ. ނަމަވެސް މަންމައަކަށް އެހާވަރަކުން ނުވިސްނުނެވެ. ނަމަވެސް މިއަށްވުރެ އިތުރަށް މިވާހަކަތައް ކިޔައިދޭނެ ހިތްވަރެއް އޭރު އަހަރެންނަކަށް ނުލިބުނެވެ. ސަބަބަކީ މިވާހަކަ މީހެއްގެ ކައިރީ ބުނެފިނަމަ އަހަރެން ބަންދުކޮށް އަދަބުދޭނެކަމަށް ބުނެ އޭނަ އަހަރެންނަށް ބިރު ދައްކަމުން ދިއުމެވެ.

މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް 2003 ވަނަ އަހަރުގެ 3 ދައުރު ނިމި 2004 ވަނަ އަހަރަށް ބަރޯސާ ވަނީއެވެ. އަހަރެންގެ ޢުމުރުން 07 އަހަރު ފުރިއްޖެއެވެ.  އެއްދުވަހަކު މަންމަ ބަދިގޭގައި ކައްކަން ހުއްޓާ އަހަރެން ފަހަތުންގޮސް މަންމަގެ ގައިގައި އޮޅުލައިގެންފައި ވަރަށް ދެރަވެފައި ފަރުހާދު އަހަންނާ ބެހެނީއޭ ބުނީމެވެ. ނަމަވެސް އޭނަ ބެހެނީ ކޮންގޮތަކުންތޯއެއް އަހަރެން ނުބުނަމެވެ. މިހެން އަހަރެން މަންމަ ގާތު ބުނުމުން މަންމަ ފަރުހާދުކައިރީ އެއީ ތެދެއްތޯ އެހުމުން އޭނަ އެކަން ދޮގުކުރިއެވެ.

އަދި މަންމަ އެކަމާ އޭގެ ފަހުން އަޅައެއް ނުލިއެވެ. އެއީ މާބޮޑު ކަމަކަށް މަންމައެއް ނުހެދިއެވެ. އެކަމާ އަހަރެން ވަރަށް ދެރަވިއެވެ. މަންމަ އަހަންނާ އިތުރަށް ސުވާލުނުކުރުމުން އަހަރެންގެ އުދާސްތައް ދުވަހުން ދުވަހަށް ދިޔައީ ހިތުގައި ގިނަވަމުންނެވެ. އަހަރެންގެ މިއަޑު އަހާނެ މީހަކު ނެތް ކަމުގެ އިޙްސާސް ކުރެވޭ ކޮންމެ ވަގުތަކު އަހަންނަށް ރޮވެއެވެ. މިވާހަކަތައް ބުނެދޭނެ ގޮތެއްވެސް އޭރު އަހަންނަކަށް ނޭގެއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. މަންމަމެން އަހަރެން ކިޔަވަން މާލެ ފޮނުވިއެވެ. އަހަރެން ކިޔަވަން ހުންނަނީ އަހަރެންގެ ބޮޑު ދައިތައެއްގެ ކައިރީގައެވެ. ނަމަވެސް އަހަރެން މާލެ ކިޔަވަން ބަހައްޓަން ވެގެން ބައްޕަ އަހަރެން ގޮވައިގެން މާލެ ދިޔަ ދުވަސްކޮޅު އަހަރެން ފުރަތަމަ ހުރީ ފަރުހާދުމެން ގޭގައެވެ. މިކަމާ އަހަރެން ވަރަށް ކަންބޮޑުވިއެވެ.

އޭނާ އަހަންނަށް ދެންކުރާނީ ކޮންކަމެއްކަންވެސް ނޭނގޭތީއެވެ. ރޭގަނޑުގެ ކަނު އަނދިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުތެރެއަށް ނުތަނަވަސްކަން ދިޔައީ ވެރިވަމުންނެވެ. ކަންވީވެސް އެހެންނެވެ. އެގޭގައި ހޭދަވި ފުރަތަމަ ރެއަކީވެސް އޭނާގެ ޝިކާރައަކަށް އަހަރެންވި ބިރުވެރި ރެއެކެވެ އެއީ އެރޭގެ ގާތްގަނޑަކަށް 10 ޖަހާ އެހާކަންހާއިރެވެ.

އަހަރެން އޮތީ ބައްޕަކައިރީގައި ބިންމަތީގައި ގޮދަޑިއެއްގެ މަތީގައެވެ. ނިދަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އަހަންނަކަށް ނުނިދެއެވެ. ނިދުނަސް އިރުކޮޅަކާ ސިއްސައިގެންގޮސް ހޭލެވެއެވެ. ކުއްލިއަކަށް އަހަރުމެން ތިބި ކޮޓަރީގެ ދޮރު ހުޅުވިއެވެ. ކުރިމަތީގައި ހުރީ ފަރުހާދުކަން އެނގުމުން އަހަރެން ނިދާ ކަމަށް ހެދީމެވެ.

އެހެންނަމަވެސް އޭނާ އައިސް އަހަރެންގެ އަތުގައި ހިފާ ގަދަކަމުން ކަހަލަ ގޮތަކަށް އެކޮޓަރިން ނެރުނެވެ. އަދި އޭނާ އުޅޭ ކޮޓަރިއަށް އަހަރެން ވައްދާ އަހަރެންނަށް އޮރިޔާން މަންޒަރު ދައްކުވައިދޭ ފިލްމާއި އެކި ޒާތްޒާތުގެ ބިރުވެރި ފިލްމުތައް ދައްކާ ހެދިއެވެ. އަދި ފާޑެއްގެ ކުލައެއްގައި ހުރި ބޭހެއް އޭނަ އަހަރެންނަށް ބޯންދިނެވެ.

އަދި ކުޑަ ކުދިން ގެންގުޅޭ ކަހަލަ ބަޑިއެއް ހިފައިގެން އޭނަ އައިސް އަހަރެންގެ ލަދުވެތި ގުނަ ވަނަށް އެބަޑި ޖެހިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑަަށް އެބަޑީގެ ވަޒަން ވަނެވެ. އެވަަޒަން ހުންނަނީ ދިގުކޮށް ބުނަން ނޭގޭފަދަ ކުލައެއްގައެވެ. އޭގެ ފަހުން އަހަރެންގެ ދަށް ބަނޑަށް ތަދުވާން ފެށިހެން ހީވިއެވެ.

އޭގެ ފަހުންވީ ގޮތެއް އަހަންނަކަށް ނޭގެއެވެ. އަހަންނަށް ހޭވެރިކަން ވެރިވީއިރު އަހަރެންގެ ހެދުން އޮތީ މާދުރުގައެވެ. އަދި އަހަރެންގެ ގައިމަތީގައި ފޮތިގަނޑެއް އަޅާފައި އޮތެވެ. އަހަންނަށް ހޭވެރިކަންވީ އޭނާ އަހަރެންގެ ގައިގަ ހިފާ ތަޅުވަން ފެށުމުންނެވެ. ހޭލެވުމާއެކު އަހަރެން ދުވެފައި ގޮސް އަހަރެންގެ ހެދުންތައް ނަގާ އެހެދުންތައްލީމެވެ.

އޭގެ އަނެއް ދުވަހު އަހަރެންގެ އަނގައާއި ދަތްތަކުގެ ކުލަ ބަދަލުވެ އަނގައިން ފާޑެއްގެ ބިހިތަކެއް ނަގަން ފެށިއެވެ. އެއީ މާހައުލު ބަދަލުވުމުން ދިމާވި އެލާރޖީއެއްކަމަށް އަހަރެންގެ ބައްޕައަށް އޭނާ ވިސްނައިދިން އަޑު އަހަރެން އެހީމެވެ. އަހަރެންގެ ހިތަށް އެރިއެވެ.  މިއީ ހަމަ އިންސާނެއް ބާވައެވެ. ހިތެއްވެސް ނެތީ ހެއްޔެވެ. މިހެން ކަންތައް ވުމާއި އަދި އަހަރެންގެ ބަނޑަށް ތަދުވާތީ އަހަރެންގެ ބައްޕަ އަހަރެން ޑޮކްޓަރަށް ދެއްކިއެވެ. ނަމަވެސް އެފަހަރުވެސް ޖިންސީ ގޮތުން މީހަކު ބެހިފައިވާ ވާހަކައެއް ޑޮކްޓަރެއްވެސް ނުބުނެއެވެ.

ޖެހިގެން އައި ރޭވެސް ކަންތައްވީ ހަމައެހެންނެވެ. ބައްޕައަށް ނިދޭއިރަށް އަހަރެންގެ ކޮޓަރިއަށް އޭނާ ވަނެވެ. އަދި އޭނާގެ ކޮޓަރިއަށް އަހަރެން ގެންގޮސް އަހަރެންގެ ގަޔަށް އިންޖަކްޝަން ޖަހާ އަހަންނަށް ބޭސްބޯންދީ ހޭނައްތާ އަހަރެންގެ ހިއްސު ކަނޑުވައި އަހަރެންނާއި ބެހި ހަދާފައިވެއެވެ. އޭނަ އަހަރެންނަށް ގޯނާކުރާ އެއްވެސް ދުވަހަކު އަހަރެން ހަޅޭއްލަވާ ހަދާފައެއް ނުހަދަމެވެ. އެހެންމީހަކަށް އެކަން އެނގިދާނެތީ އަހަރެން ބިރުގަނެއެވެ. އަދި އަހަރެން ގަދަ ހަދާ ފަހަރުވެސް އޭނަ އަހަރެންގެ ގައިގާ ތަޅާ ހަދައެވެ.

ނުނިމޭ………..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.