ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އެޅުމަށްޓަކައި އެއްބަސް ވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ.
ރާއްޖޭގައި އަޅާ އެންމެ ބޮޑު ސްކޫލް ހުޅުމާލޭގައި އެޅުމަށް ނިންމިއިރު މި ސްކޫލް އެޅުމުގެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ރާއްޖޭގެ މަސްހޫރު ކޮންސްޓްރަކްޝަން ކުންފުނި އަމީން ކޮންސްޓްރަކްޝަން އާއެވެ.
މިކަމާ ގުޅިގެން މިއަދު ބޭއްވި މި ސޮއިކުރެވުމުގެ ރަސްމިއްޔާތުގައި ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން އެވެ. އަދި އަމީން ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ވެރިޔާ އަބްދުﷲ މުހައްމަދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިން ޑިވެލްޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ މިއަދު މި އެއްބަސްވެވުނު ޕްރޮޖެކްޓަށް 132 މިލިއަން ރުފިޔާ ހަރަދުވާނެކަމަށާއި އަދި މި ޕްރޮޖެކްޓްގެ މަސައްކަތް 14 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ބެލެވޭކަމަށެވެ.
މުހައްމަދު ސައިމަން ވިދާޅުވީ މި ސްކޫލަކީ 1680 ކުދިންގެ ޖާގައޮންނާނެ ސްކޫލެއް ކަމަށާއި މި ސްކޫލުގައި ޕްރައިމަރީ އަދި ސެކެންޑްރީ ތައުލީމު ވެސް ދޭނެކަމަށެވެ.
މީގެ އިތުރުން މި ސްކޫލަކީ ތިން ބްލޮކް ހިމެނޭ ހަތް ބުރީގެ އިމާރާތެއްކަމަށާއި މި ސްކޫލްގައި 50 ކްލާސްރޫމް ވެސް އިންނާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.
50 ކުލާސްރާުމުގެ ތެރެއިން ދެ ކްލާސް ރޫމު ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ދޫކުރަން ވަނީ ހަމަޖެހިފައިކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.
މި ސްކޫލަކީ ޒަމާނީ ފެންވަރަށް ހުރިހާ ހުރިހާ ވަސީލާތެއްވެސް ލިބިގެންދާނެ ސްކޫލެއް ކަމަށާއި އެގޮތުން ލެބޯޓްރީ އާއި ލައިބްރަރީ، މަލްޓި ޕާޕޯސް ހޯލްސް، ނަމާދު ކުރާ ކޮޓަރި، ރިސޯސެސް ރޫމް، ބަދިގެ އަކާއި ކެންޓީނަކާއި ކުޅޭ ސަރަހައްދެއްގެ އިތުރުން އިތުރު ހަރަކާތް ތަކަށްވެސް ރޫމް ހުންނާނެކަމަށް އެޗްޑީސީން ހާމަކުރެއެވެ.