ނިއުރޭޑއިަންޓްގެ ފުޓްބޯޅަ އެކެޑެމީ އަންނަ މަހު ފަށާ ގޮތަށް ހަމަޖެއްސި އިރު އެ ކުލަބުގެ އެކަޑަމީގައި ދެ ޖިންސުގެ ކުދިންނަށް ވެސް ފުރުސަތު ދޭގޮތަށް ހަމަޖައްސައިފިއެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއްކުލަބުގެ ގޮތުގައި ފާހަގަކުރެވިފައިވާ ނިއުރޭޑިއެންޓް ގެ އެކަޑަމީ އަށް ދެ ޖިންސުގެ ކުދިންނަށްވެސް ބައިވެރި ވެވޭގޮތަށް ފުރުސަތު ހުޅުވާލިއިރު މިއީ ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ ކުލަބަކުން އެކެޑެމީއެއްގައި ދެ ޖިންސުގެ ކުދިންނަށް ފުރުސަތު ހުޅުވާލަން ނިންމި ފުރަތަމަ ފަހަރެވެ.
ނިއުގެ އަންހެން ފުޓްބޯޅަ ޓީމެއް މިހާރުވެސް އޮންނައިރު ނިއުގެ އަންހެން ޓީމުން ވަނީ 2015 ވަނަ އަހަރު ބޭއްވި އެފްއޭއެމް ވިމެން ފުޓްބޯޅަ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ނިއުއިން ދެ ޖިންސަށް ފުރުސަތު ހުޅުވާލިއިރު އެޓީމުގެ ޖެނަރަލް ސެކެޓްރީ އަހްމަދު ނިޔާޒު މޫސާ ވިދާޅުވީ ނިއުގެ އެކެޑެމީގެ ހެޑް ކޯޗެއްގެ ގޮތުގައި، އެޓީމަށް މިފަހަރު ގެނައި ޓްރޭނަރު ޕޯޗްގަލްގެ ޔަކީމް ވެލިންހޯ ހަމަޖައްސާ ފައިވާ ކަމަށާއި ވެލިންހޯ އަކީ ޔޫއެފްއާ ބީ ލައިސެންސް ހާސިލު ކޮށްފައިވާ ކޯޗެއްކަމަށެވެ.
އަދި ނިއުގެ އެކެޑެމީގެ ޑައިރެކްޓަރަކަށް ހަމަޖައްސާނީ ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާ ކާރެއް ކަމަށާއި އެކަން ވަރަށް އަވަހަށް ހަމަޖެހޭނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.
ނިއުގެ އެކެޑެމީގައި އުމުރުން ހަ އަހަރުން ފެށިގެން 19 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރި ކުރެވޭއިރު، މި އެކަޑަމީއަށް ކުދިން ބައިވެރި ކުރަން ބޭނުންވާ ފަރަތްތަކުން ނިއުގެ ފޯން ނަންބަރު 7887979 އަށް އެކުއްޖެއްގެ މައުލޫމަތު ހިމަނައި އެސްއެމްއެސް ކުރުމުން ބައިވެރި ވެވޭނެ ކަމަށް އެކުލަބުން ވަނީ ހާމަކޮށްފައެވެ.
ނިއުއިން ވަނީ އެޓީމުގެ އެކެޑެމީ ހަރަކާތްތައް ފެށުމަށް އޯޕަން ޑޭ އެއް ބޭއްވުމަށް ހަމަޖައްސާފައެވެ.