ޚަބަރު ފީތާ

ކަސްޓަމްސް މުވައްޒަފުންނަށް ޝަރަފްގެ ކުލަ ދެއްވައިފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ޝަރަފްގެ ކުލަދިނުމަށް ޚާއްޞަ ރަސްމިއްޔާތެއް ކަސްޓަމްސް ބިލްޑިންގ ގައި ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ”ޤާބިލްކަމުގެ ކުލަ“ އާއި ”ކާމިޔާބުގެ ރަންކުލަ“ މުވައްޒަފުންނަށް ދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބަލް އަޒްލީން އަޙުމަދުއެވެ.

މި ޙަފްލާގައި މިނިސްޓަރ އަޒްލީން އަޙުމަދު ދެއްކެވި ވާހަކަފުޅުގައި ކަސްޓަމްސްގެ ކޮންމެ މުވައްޒަފަކުވެސް ޔުނިފޯމަށް ދޭންޖެހޭ އިޙްތިރާމާއި ޤަދަރު ދޭންޖެހޭނެކަމަށާއި، ކުރާކޮންމެ ކަމެއްގައި ނަޒާހަތްތެރިކަމުގެ ރީތި ސިފަ އެންމެ މަތީލެވެލްގައި ސާބިތުކޮށްދޭންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމްސް އަކީ ކޮރަޕްޝަނަށް މަގުފަހިވާނެގޮތަށް އެއްވެސް ކަމެއް ކުރާނެ މުއައްސަސާއެއް ނޫންކަމަށާއި އަދި އެފަދަ އަމަލެއް ހިންގައިފި މުވައްޒަފަކާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެކަމަށްވެސް ވިދާޅުވިއެވެ.

މިހަފްލާގައި ކޮމިޝަނަރ ޖެނެރަލް އިބުރާހިމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި މިއީ ޝަރަފްގެ ކުލަދިނުމުގެ ފެށުންކަމަށާއި ކުރިއަށް އޮތްދުވަސްތަކުގައި އިތުރު ކުލަތައް މުވައްޒަފުންނަށް ދެވިގެންދާނެކަމަށާއި، އަދި މުވައްޒަފުންގެ ވެލްފެއާއަށް ގިނަ ކަންތައްތައް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި އަބަދުވެސް ހުންނާނީ އިންޓެގްރިޓީ އާއި ތެދުވެރިކަން އިސްކުރުމުގެ މަތީގައިކަމަށްވެސް ވިދާޅުވިއެވެ.

ޝަރަފްގެ ކުލަ ދިނުމަށް މިއަދު ވަކިވަކިން ބޭއްވުނު 3 ހަފްލާގައި ޤާބިލްކަމުގެ ކުލަ 600 މުވައްޒަފުންނަށް ދެވުނުއިރު، ކާމިޔާބުގެ ރަންކުލަ 79 މުވައްޒަފަކަށް ދެވިފައިވެއެވެ.

Rate this post