ލ އަތޮޅު ފޮނަދޫގައި ހުންނަ މީރާ އޮފީހުގެ ތިޖޫރި ވަގަށް ނެގުމާއި ގުޅިގެން އެރަށު ގިނައަދަދެއްގެ ބަޔަކު އެރަށުގެ ޕޮލިސް ސްޓޭޝަންއަށް ހާޟިރުކޮށް އިނގިލީގެ ނިޝާން ނަގަމުންގެންދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
އިއްޔެރޭ ލ.ފޮނަދޫ ގައި ހުންނަ މީރާ އޮފީހުގެ ތިޖޫރި ވަގަށް ނަގާފައިވާއިރު އެ ތިޖޫރި ވަގަށް ނަގާފައިވާ ބައެއް އަދި ވަނީ ހޯދޭގޮތް ނުވެފައެވެ.
އެހެން ނަމަވެސް ތިޖޫރި ވަގަށް ނެގިބައެއް ހޯދުމުގެ މަސައްކަތް އެރަށު ފުލުހުން މެދު ކެނޑުމެއް ނެތި ކުރަމުންދާއިރު އެރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެރަށު ޕޮލިޝް އޮފީހަށް ހާޟިރުކޮށް އިނގިލީގެ ނިޝާންނަގާފައެވެ.
އެޓޯލް ނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުން ޕޮލިހައް ހާޟިރުކޮށް ގިނައިން އިނގިލީގެ ނިޝާން ނަގާފައިވަނީ އެރަށު ޒުވާން އުމުރުފުރާގެ ފިރިހެންކުދިންގެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ އިއްޔެ ހެނދުނު 7:48 ހާއިރު ފުލުހުންނަން ރިޕޯޓް ކުރުމާއި އެކު ތިޖޫރި ވަގަށްނެގި ބައެއް ހޯދުމުގެ މަސައްކަތް ކުރަންފަށާފައިވާކަމަށެވެ.
އެގޮތުން ބައެއް ފަރާތްތަށް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް އިނގިލީގެ ނިޝާންވެސް ނަގާފައިވާކަމަށްވެސް ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން ފޮނަދޫ ގައި ދިރިއުޅޭ ބައެއް ފަރާތް ތަކުން އެޓޯލް ނިއުސްއަށް މައުލޫމާތު ދިންގޮތުގައި ފުލުހުން އައިސް ގޭގެއަށް ވަދެ ކަމާ ނުބެހޭ މީހުންވެސް ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ގިނައީ ދާދި ފަހުން ފޮނަދޫ އަށް ބަދަލުކުރި ލ.ގާދޫ މީހުންކަމަށްވެސް އެފަރާތްތަކުން އެޓޯލް ނިއުސްއަށް ވަނީ މައުލޫމާތު ދީފައެވެ.
އެފަރާތް ތަކުން ބުނީ އެންމެ ގިނައިން ފުލުހުންގެ އިދާރާއަށް ހާޟިރުކޮށް އިނގިލީގެ ނިޝާން ނަގާފައިވަނީ ފޮނަދޫގައި މިހާރު ދިރިއުޅެމުންއަންނަ ގާދޫ ޒުވާނުން ކަމަށާއި އޭގެތޜެގައި ގިނައީ ކަމާނުބެހޭ ފަރާތްތަށް ކަމަށްވެސް ގާދޫ މީހުން ވަނީ ބުނެފައެވެ.
“ އަހަރިމެނަކަށް ނޭންގޭ އެކަމާ ބެހޭ އެއްވެސް އެއްޗެއް. ޕޮލިހުން އަފޫ އަހަރިމެން ގެންގޮހޮ އިނގިލީގެ ނިޝާން ނެގިފަހުން ވެގެން އޮޅެންކަމެއްވެސް އިނގެނޫ. އަހަރިމެން ގޭގަ ތިއްބާ އަފޫ ސުވާލެއްވެސް ނުކެރޭ. ހަމަ ގެންދިޔާ“. ގާދޫ މީހަކު އެޓޯލް ނިއުސްއަށް ކިޔައިދިނެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަދިވެސް ދަނީ ޝައްކުކުރެވޭ ބައެއް ފަރާތްތަށް އެރަށު ފުލުހުންގެ މަރުކަޒަށް ގެންގޮސް ސުވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ މީރާ އޮފީހުގައި ހުރި ކުޑަ ތިޖޫރިއެއް ވަގަށް ނަގާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު ކަމަށާއި އޭގައި 11،000 ވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ހުރިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި އެ ތިޖޫރި ހޯދުމުގެ މަސައްކަތް އަދިވެސް ކުރިޔަށް ގެންދާކަމަށާއި ނަމަވެސް އަދި މިހާތަނަން އެ މައްސަލައާއި ގުޅިގެން މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.