ދުނިޔޭގައި އެންމެ ނުފޫޒުގަދަ ފައިސާގެ ބާވަތްތަކުގެ ތެރޭގައި ޗައިނާގެ ފައިސާ ޗައިނީޒް ޔުއާން ހިމަނައިފިއެވެ.
އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ރިޒާރވް ކަރެންސީ ބާސްކެޓުގައި ޗައިނާގެ ޔުއާން ހިމަނާފައިވާ އިރު، ރިޒާރވް ކަރެންސީގެ ދެން ހިމެނެނީ އެމެރިކާ ޑޮލަރާއި ޔޫރޯ އާއި ޖަޕާނީޒް ޔެން އަދި ބްރިޓިޝް ޕައުޑެވެ.
އައިއެމްއެފްއިން ޤައުމުތަކަށް ލޯނު ދޫކުރާއިރު ބޭނުން ކުރާ ކަރެންސީއެއްގެ ގޮތުގައި ރިޒާރވް ކަރެންސީ ބޭނުންކުރާ އިރު، އެންމެ ފަހުން ރިޒާރވް ކަރެންސީގެ ގޮތުގައި ކަރެންސީއެއް ބަލައިގަނެފައިވަނީ 1999 ވަނަ ބަލައިގެންފައިވާ ޔޫރޯ އެވެ.
އެގައުމުގެ މަރުކަޒީ ބޭންކު ޕީޕަލްސް ބޭންކް އޮފް ޗައިނާއިން ބުނީ އެކަމުން ދޭހަވަނީ އެޤައުމުގެ އިޤްތިޞާދު ކުރިއަރާ މިންވަރު ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޤައުމުގެ މާލީ ދާއިރާ ކުރިއަރައިގެންދާ ދިއުމުގައި ދުނިޔޭގެ ކުރިއެރުމަށް އެހީތެރިކަން ދިނުމަށް އެޤައުމުން މިހާރަށްވުރެ ބާރުއަޅާނެ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
ޗައިނާގެ އަހަރީ ދުވަހުގެ މުނާސަބާއާވެސް ގުޅުވައިގެން ރަސްމީ ފައިސާ ރިޒާރވް ކަރެންސީއެއްގެ ގޮތުގައި ބަލައިގަނެފައިވާ އިރު، މިކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދުގައި އެޤައުމުގެ ޙިއްޞާގެ ބޮޑުކަން ދެއްކުމަށް ފަށާފައިވާ ކެމްޕެއިނަށްވެސް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.