ޚަބަރު ފީތާ

ޒިކާ ވައިރަސްއަށް ޓެސްޓު ކުރުން އައިޖީއެމްއެޗްއިން ޢާންމުކޮށް ފަށައިފި

ފޮޓޯ: ޝޯސަލް މީޑިއާ

މަދިރީގެ ޒަރީޢާއިން ފެތުރޭ ހުމުގެ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސްގެ އިންފެކްޝަން ރާއްޖޭގައި އުޅޭ މިންވަރު ދެނެގަތުމަށްކުރާ ޓެސްޓު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ޢާންމުކޮށް ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ސާރވައިލަންސް ޕްރޮގްރާމުގެދަށުން ކުރިއަށް ގެންދާ ޕްރޮގްރާމުގައި ހުންއައިސްގެން ޑޮކްޓަރަށް ދައްކާ ބަލިމީހުންނަށް ކުރެވޭ ތަޙުލީލުތަކުގެ ތެރޭގައި ޒިކާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ ކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ.

މީގެ އިތުރުން ސާރވައިލަންސް ޕްރޮގްރާމުގައި އުފެދުމުގައި އައިބުހުންނަ ކުދިންގެ މިންވަރު އިތުރުވަމުންދޭތޯ ބެލުމާއި ހުންއައިސްގެން އަންނަ މާބަނޑު މީހުންގެ ޓެސްޓުތައް ހެދުމުގައިވެސް ޒިކާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޒިކާ ބަލި ޖެހުމުން ވަކި ޚާއްޞަ ޢަލާމާތްތަކެއް ނުހުންނަ އިރު، ޢާންމުކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ހުން އައުމާއެކު ގައިން ރަތްކުލައިގެ ކުދި ބިހިތަކެއް ނެގުމާއި ލޯރަތްވުމާއި ގައިގާ ރިއްސުން ހިމެނެއެވެ.

އަދި ބޮލުގައި ރިއްސުމާއި ހުޅުތަކުގައި ރިއްސުންވެސް ހިމެނޭ އިރު، މި ބައްޔަކީ ވަކި ޚާއްޞަ ފަރުވާއެއްވެސް ބޭނުންވާ ބައްޔެއް ނޫނެވެ.

މާބަނޑުދުވަސްވަރު ޒިކާބަލި ޖެހުމުން ބަނޑުގައިވާ ދަރިފުޅުގެ އުފެދުމަށް އެއްވެސްކަހަލަ ނޭދެވޭ އަސަރެއްކުރޭތޯ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ދިރާސާތައް ކުރަމުންނެވެ.

 

Rate this post