
ސެވިއްޔާ ބަލިކޮށް ރެއާލް ކުއާޓާ ފައިނަލާ ގާތަށް
ސްޕެނިޝް ކަޕްގައި ރޭ ސެވިއްޔާއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން އެޓީމު މޮޅުވެއްޖެއެވެ.
ސެވިއްޔާގެ މައްޗަށް ރޭ ރެއާލް މެޑްރިޑް ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެއެވެ.
ސެވިއްޔާގެ މައްޗަށް ކުރި ހޯދައި ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕްގެ ކުއާޓާފައިނަލާއި ގާތަށް ޖެހިލާފައިވާއިރު އެޓީމު ދެންކުޅޭ ދެވަނަ ލެގުގެ މެޗުން މޮޅުވެއްޖެ ނަމަ ކުއާޓާއިން ޖާގަ ލިބިގެންދާނެއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު ގަދަ 16 ގެ ފުރަތަމަ ލެގުގެ މެޗުގައި ރެއާލްގެ މުހިއްމު ގިނަ ކުޅުންތެރިން ކުޅެފައެއްނުވެއެވެ.
އޭގެތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އާއި ގެރެތް ބޭލްގެ އިތުރުން ޕެޕޭ ވެސް ރޭގެ މެޗުގައި ކުޅެފައެއް ނުވެއެވެ.
މުހިއްމު ގިނަ ކުޅުންތެރިންނާއި ނުލާ ވެސް، ރެއާލްއިން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 11 ވަނަ މިނެޓްގައި ހަމޭސް ރޮޑްރިގޭޒް ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހާ ރެއާލްއަށް ލީޑުނަގާދީފައެވެ.
މެޗުގެ 29 ވަނަ މިނެޓްގައި ރަފޭލް ވަރާން ރެއާލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިންއިރު ފުރަތަމަ ހާފް ނިމުމުގެކުރިން، ރެއާލްއަށް ލިބުނު ޕެނަލްޓީއަކުން ރެއާލް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކޮށްދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ހަމޭސް ރޮޑްރިގޭޒްއެވެ.
ތިން ގޯލުގެ ލީޑަކާއެކީ ފުރަތަމަ ހާފް ރެއާލްއިން ނިންމާލިއިރު، ދެވަނަ ހާފްގައި ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް، ރެއާލްއަށް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.
އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ މެޗު ނިންމާލިކަން އިއުލާން ކުރިއިރު އިތުރު ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ރޭގެ މޮޅާއެކީ ރެއާލްއިން މިހާރު ވަނީ ބަލިނުވެ ޖުމްލަ 38 މެޗު ފުރިހަމަކޮށްފައެވެ.
ސްޕެނިޝް ކަޕްގެ ގަދަ 16 ގައި ރެއާލް އާއި ސެވިއްޔާ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ރެއެވެ.



