
އޮންލައިންކޮށް ފައިސާ ދެއްކުމުން އެއާޕޯޓުން ޑޮލަރު ދޫކުރަނީ…
ދަތުރުވެރިންނަށް ޑޮލަރު ވިއްކާ ނިޒާމަށް ބަދަލު ގެނެސް ފުރުމުގެ ކުރިން ބީއެމްއެލްގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ބޭންކްގެ ބްރާންޗަކަށް ގޮސް ޑޮލަރަށް ފައިސާ ދެއްކުމުން އެއާޕޯޓުން ޑޮލަރު ދޫކުރާ ގޮތައް ހަމަޖައްސައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ދޭގޮތުގައި ރާއްޖެ އިން ބޭރަށް ދާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޑޮލަރު ދޫކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ޗެކިންވުމުން އެ ތަނުގައި ހުންނަ ޑޮލަރު ކައުންޓަރުންނެވެ.
އަދި އެއާޕޯޓަށް ދިއުމުގެ ކުރިން ޑޮލަރު ގަންނަން އޮންލައިންކޮށް ބުކިން ހައްދައި، އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
އަދި ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބީއެލްއެލް އިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން އަލަށް ޑޮލަރު ވިއްކުމުގައި އަމަލު ކުރަން ފަށާ އުސޫލާއި ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަ އެންޑްރޫ ހީލީ ވިދާޅުވީ “ބޭންކުގެ ބްރާންޗްތަކަށް ގޮސް ކިޔޫއެއްގައި މަޑުނުކޮށް އަލަށް ތައާރަފްކުރެވުނު އޮންލައިން ބުކިން ސިސްޓަމް އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ޑޮލަރު ދޫކުރާ ކައުންޓަރުތައް ބޭނުންކޮށްގެން ވަރަށް ރަނގަޅު ފެންވަރެއްގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް ގަބޫލުކުރާކަމަށެވެ.
އަދި ޑޮލަރު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ބުކިންގ ހެދޭނެ ކަމަށާއި އަދި ދަތުރުވެރިން ފުރުމަށް އެއަރޕޯޓަށް ދާއިރު ޑޮލަރު ނެގޭނެ އިންތިޒާމު ހުންނާނީ ހަމަޖެހިފައި” ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އެންޑްރޫ ވިދާޅުވީ ބޭސްފަރުވާ އަށާއި ވަޒީފާއާ ގުޅޭ ކަންކަމުގައި ނުވަތަ ޗުއްޓީ ހޭދަ ކޮށްލަން ވިޔަސް ރާއްޖެ އިން ބޭރަށް ދާ މީހުންނަށް ޑޮލަރު ފޯރުކޮށްދެވޭ މިންވަރު މިހާރު އިތުރުވާނެކަމަށެވެ.
ބޭންކުން ބުނި ގޮތުގައި ކިއޫގައި ނުޖެހި، ފަސޭހަ ގޮތަކަށް ޑޮލަރު ލިބޭނެ އެ ނިޒާމް ފެށިޔަސް ދަތުރުކުރާ ކޮންމެ މީހަކަށް ގިނަވެގެން ލިބޭނީ ކުރިން ވެސް އޮންނަ އުސޫލުން 500 ޑޮލަރު ކަމަށާއި އަދި ބުކިން ހައްދާ އިރު އެއް ބުކިންއެއްގައި ގިނަވެގެން ހިމެނޭނީ ފަސް މީހުން ކަމަށެވެ.