އެކަމަނާގެ ކުންޔާ އަކީ އުއްމުލް މަސާކީން (މާނައީ: މިސްކީން ތަކުންގެ މަންމަ) އެވެ.
އެކަމަނާގެ ނަސަބުފުޅަކީ ޒައިނަބް ބިންތު ހުޒައިމާ އިބްނު އަލް ހާރިޘް އިބްނު އަބްދުﷲ އިބްނު ޢަމްރު އިބްނު ޢަބްދު މަނާފް އިބްނު ޙިލާލް އިބްނު ސަޢްސަޢް އަލް ހިލާލިއްޔާ އެވެ.
އެކަމާނާގެ ލަގަބުފުޅަކީ މިސްކީނުތަކުންގެ މަންމައެވެ. ޖާހިލިއްޔަ ޒަމާނުގައިވެސް އެކަމަނާ އަށަ މި ލަގަބު ދެވިފަވެއެވެ.އެކަމަނާއަށް އެލަގަބު ދެވިފައިވަނީ އެކަމަނާއަކީ މިސްކީނުންނަށް ނުހަނު އޯގާވެރި ހިތްހެޔޮ ބޭކަނބަލަކަށް ވާތީވެއެވެ. އެކަމަނާގެ މަންމާފުޅަކީ ހިންދު ބިންތު ޢައުފް އިބްނު ޒުހައިރު އިބްނު އަލްހާރިޘް އެވެ.
ބުނެވޭގޮތުގައި އަރަބިންގެ ތެރޭގައި ކައިވެނިކުރުމަށް ތައްޔާރުވެފައިވާ އަންހެން ކަނބަލުންގެ ތެރޭގައި ހިންދު ބިންތު އައުފް އާއި އުއްމު ޒައިނަބް އާއި މައިމޫނާ އާއި އެކަމަނާގެ އުޙްތުނަށް ވުރެ ޝަރަފްވެރި ބަޔަކު އިނގިފައި ނުވައެވެ.
އެކަމަނާ އަށް ކައިވެނި ކުރުމަށް ޝައުގުވެރިވީ ބޭކަލުންގެ ތެރޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމް، އަބްދުލް މުއްތަލިބުގެފާނުގެ ދެދަރިކަލުން ޢައްބާސްގެފާނާއި ހަމްޒަތުގެފާނު، އަދި ޢަބްދުލް މުއަޡަލިބްގެފާނުގެ ދެދަރިކަލުން ޖައުފަރުގެފާނާއި ޢަލީގެފާނުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި އަބޫބަކުރުގެފާނާއި ޝައްދާދު އިބްނު އުސާމާ އިބްނު އަލް ހާދީ ރަޞިޔަﷲ ޢަންހުމް ހިމެނިވަޑައިގަންނަވައެވެ.
ތުފައިލް އިބްނު އަލްޙާރިޘް އެކަމަނާ ވަރިކުރެއްވުމުން އެކަމަނާ ކައިވެނި ބައްލަވައިގަތީ ޢުބައިދަތު އިބްނު އަލްޙާރިޘްއާއެވެ. ޢުބައިދަތު އިބްނު އަލްޙާރިޘް ބަދުރު ހަނގުރާމައިގައި ޝަހީދުވިއެވެ. އެއްމެ ސައްޙަކޮށް އެނގެން އޮތީ އެކަމަނާއަކީ ޢަބްދުﷲ އިބްނު ޖަޙުޝްގެ އަނބިކަނބަލުންނެވެ. އެކަލޭނގެފާނު އުހުދު ހަނގުރާމައިގައި ޝަހީދު ކޮށްލެވުނެވެ.އެކަމަނާއަކީ މައިމޫނާ ބިންތު އަލްހާރިޘްގެ އުޙްތެކެވެ.
ބަދުރުގެ މައިދާނުގައި ފާހަގަކުރެވިގެންދާފަދަ ހިދުމަތްތަކެއް މުސްލިމް އަންހެން ކަނބަލުންނާއި އެކު އެކަމާނާ އަދާކުރައްވައިފަވެއެވެ. އެކަމަނާގެ ފަރާތުން ފެނިގެންދިޔަ ހިދުމަތްތަކުގެ ތެރޭގައި ޒަޚަމްވެފައިވާ މުޖާހިދުނަށް ބޭސްފަރުވާ ކޮށްދެއްވުމާއި، މުޖާހިދުންނަށް ކާނާއާއި ބޯފެން ފޯރުކޮށްދެއްވުން ހިމެނެއެވެ. އެކަމަނާގެ ފިރިކަލުން އަބްދުﷲ އިބްން ޖަހުޝް ޝަހީދު ކޮށްލެވުނީ އުހުދު ހަނގުރާމައިގައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމަގެ އަނބިކަބަލެއްގެ ގޮތުގައި:-
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމައަށް އެކަމަނާ ހުވަފަތް ހާލުކޮޅުގައި ވާކަން އިނގިވަޑައިގަތުމުން އިތުރު އެކަލޭނގެފާނު އެކަމަނާގެ އެހާލާއިމެދު ހަމްދަރުދީ ވެވަޑައިގެން އެކަމަނާއަށް ކައިވެނި ބައްލަވައިގަތެވެ.ކައިވެނި ބައްލަވައިގަތީ ހިޖުރައިން 3 (ތިނެއް) ވަނަ އަހަރު ރަމަޟާން މަހެއްގައެވެ.އިތުރު އެކަލޭނގެފާނު އެކަމަނާއަށް ކައިވެނީގެ ރަނުގެ ގޮތުގައި 12 (ބާރަ) އައުންސްގެ ޒުވާރި ފުށް ދެއްވިއެވެ.
އަވަހާރަވެވަޑައިގަތުން:-
އެކަމަނާ އަވަހާރަވެވަޑައިގަތީ އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ފަހުން 8 (އަށެއް) މަސްދުވަސް ނުވަތަ އެއަށް ވުރެ މަދު ދުވަސް ކޮޅެއްފަހުން މަދީނާގައެވެ. އަވަހާރަވެވަޑައިގެންނެވި އިރު އެކަމަނާގެ ޢުމުރުފުޅަކީ 30 (ތިރީސް) އަހަރެވެ.