ޚަބަރު ފީތާ

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިންގެ ނަންތަށް އިއުލާނުކޮށްފި.

 

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ފަސް ކުޅުންތެރިންގެ ނަންތަށް އިއުލާން ކޮށްފިއެވެ.

މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް ގުޅިގެން މި އަހަރު ދޭން ނިންމާފައިވާ އެވޯޑެކެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ފަސް ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަލީ އަޝްފާގް (ދަގަނޑޭ)، ކްލަބް އީގަލްސްގެ މުހައްމަދު އިމްރާން އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މޯލްޑިވްސް ފުޓްބޯލް ޑޮޓް ކޮމް އިން ބުނިގޮތުގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޝޯޓް ލިސްޓު ކޮށްފައިވާ މި ފަސް ކުޅުންތެރިންގެ ތެރެއިން މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކޯޗު ހޮވުމަށްޓަކައި ވޯޓު ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މޮޅު ކޯޗު ހޮވާ ފުރަތަމަ ފަހަރެވެ.

މި އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.

އެ ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކޯޗުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Rate this post