ތޫފާނާ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅުމެއް ނެތްކަމަށް ރާއްޖޭގެ މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދަށް މިހާރު ވައިގަދަވެފައިވަނީ ދެކުނު އިންޑިއާއަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުން ކަމަށާއި އެހެންނަމަވެސް އެ ތޫފާނާ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ އެއްވެސް ގުޅުމެއް ނެތްކަމަށް މެޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަކަމަށެވެ.
މެޓް އޮފީހުން ބުނީ ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެ އިތުރުން މެދުތެރޭގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ދެކުނު އިންޑިއާއަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި އެ ސަރަހައްދަށް ބޮޑު ގެއްލުންތަކެއް ލިބެމުން އަންނަ އިރު، އިންޑިއާގެ ޓެކް ހަބުން ދިހައަކަށްވުރެ ގިނަ މީހުން މަރުވެ، ގެތަކާއި ގަސްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް އަންނަނީ ލިބެމުންނެވެ.
އަދި ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިފައިވާ އިރު، އެ ތޫފާނުގައި ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި އަންނަނީ ވައިޖެހެމުންނެވެ.